ފާރިސް މައުމޫން މިނިވަން ކުރެވެން ނެތްކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅައިފި
ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން މިނިވަން ކުރެވެން ނެތްކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅައިފިއެވެ. ފާރިސް މައުމޫންގެ މައްޗަށް ކުރާ ރިޝްވަތު ދިނުމުގެ ދައުވާއާއި ގުޅިގެން މިއަދު ކުރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ފާރިސްގެ ފަރާތުން އެދުމުން، ކޯޓުން ބުނީ ފާރިސް ބަންދުން ދޫކޮށްލަން ނިންމަން ޖެހޭނެ ހާލަތެއް ނެތް ކަމަށެވެ. އަދި އޭނާގެ ބަންދުގައި ހުރީ ގާނޫނީ ހަމަތަކުގެ މަތިން ކަމަށް ކަނޑައަޅާފައިވާކަމަށް ގާޒީ ވިދާޅުވިއެވެ. މީގެއިތުރުން ކްރިމިނަލް ކޯޓުން މިއަދު ވަނީ ފާރިސްގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ހިފުމުގެ ދައުވާ ކުރިއަށް ގެންދެވޭނެ ކަމަށްވެސް ކަނޑައަޅާފައެވެ. މި ދައުވާ ފާރިސްގެ މައްޗަށް އުފުލާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅިގެން މަޖިލީހުގެ ބައެއް މެމްބަރުންނަށް ރިޝްވަތު ދެއްވި ކަމުގެ ތުހުމަތުގައެވެ. ނަމަވެސް މެމްބަރުންނަށް ރިޝްވަތު ދިންކަމުގެ ތުހުމަތު ފާރިސް ވަނީ އިންކާރު ކުރައްވާފައެވެ.ފާރިސްއަކީ އިދިކޮޅު ފަރާތްތަކުން ކުރިއަށްގެންދާ ހަރަކާތްތަކުގައި އިސްދައުރެއް އަދާކުރައްވަމުން ގެންދެވި ބޭފުޅެއްކަން ފާހަގަކޮށްލެވެއެވެ. ފާރިޝްގެ މައްޗަށް ރިޝްވަތު ދިންކަމުގެ ތުހުމަތު ކުރާ އިރު، ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހީމްގެ މައްޗަށް ވަނީ މެންބަރުންނަށް ރިޝްވަތު ދޭން އުޅުނު ކަމުގެ ކުށް ސާބިތުވެ ތިން އަހަރާއި ދެ މަހާއި ބާރަ ދުވަހަށް ޖަލަށް ލުމަށް ހުކުމް އިއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ