2018 ގެ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީން އިންތިޚާބު ކޮށްދެއްވައިފިނަމަ އައިޑީކާޑު ޖަހާލައިގެން ފްލެޓް ލިބޭނެ ކަމަށް ރައްޔިތުން މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ވިދާޅުވެއްޖެއެވެ.
ރިޔާޒް ރަޝީދު މިހެން ވިދާޅުވީ ޕީޕީއެމްގެ "ރުމާލު-2" ޖަގަހައިގައި މިހާރު ކުރިއަށްދާ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މީގެ ކުރިން އައިޑީކާޑު ޖަހާލައިގެން ޑޮލަރު ލިބެނޭ ކަމަށް ރިޔާޒް ރަޝީދު ވިދާޅުވި ވާހަކަފުޅު މިއަދު ހަޤީޤަތަކަށް ވެފައިވާކަން ފާހަގަކުރައްވާ ރިޔާޒް ވިދާޅުވީ މިހާތަނަށް އޭނާ ދެކެވަޑައިގެންނެވި ހުރިހާ ހުވަފެންތަކެއް ހަޤީޤަތަކަށް ވެއްޖެ ކަމަށާއި މިހާރު ދެކެވަޑައިގަންނަވާ އެންމެ ބޮޑު ހުވަފެނަކީ މާލޭގެ ޓްރެފިކް މައްސަލަ ހައްލު ކުރުން ކަމަށެވެ.
"އިރާދަކުރެއްވިޔާ 2018 ގައި ރައީސް ޔާމީން ހޮއްވަވައިފިނަމަ މާލޭގެ ޓްރެފިކް މައްސަލަ ވެސް ހައްލުވާނެ." ރިޔާޒް ރަޝީދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރައީސް ޔާމީން ހޮވަންވީ އާއުންމީދުތަކެއް ދިނުމަށް ކަމަށާއި މިހާރު ރައީސް ޔާމީން ކުރައްވާ މަސައްކަތް މިއީ އިދިކޮޅު މީހުންނަށް ތަހަންމަލް ކުރަން ދަތިކަމެއް ކަމަށެވެ.
"މިގައުމަށް މިހައި ކުރު މުއްދަތެއްގައި މިވަރުގެ ތަރައްޤީއެއް ގެނެވޭނެ ވެރިޔަކު ދެން ރާއްޖެ އަށް ދުވަހަކު ވެސް ނާންނާނެ." ރިޔާޒް ރަޝީދު ވިދާޅުވިއެވެ.
ރިޔާޒް ވިދާޅުވީ ޗައިނާ އާއި ރާއްޖެ ގުޅުނީމާ ރާއްޖެއަށް ތަރައްޤީ އަންނާނެކަން އެނގޭތީ އެކަމާއި ހަސަދަވެރިވާ ބަޔަކު އެބަތިބި ކަމަށެވެ.
"ނަމަވެސް ގުޅުން އުފައްދަން ޖެހޭ މީހުންނާއި އަޅުގަނޑުމެން ގުޅުން އުފައްދާނަން ގުޅުން ކަނޑާލަން ޖެހޭ މީހުންނާއި ގުޅުން ކަނޑާލާނަން." ރިޔާޒް ރަޝީދު ވިދާޅުވިއެވެ.
ރިޔާޒް ރަޝީދު ވިދާޅުވީ ކޮމަންވެލްތުން ވެސް "ކޮންމެ 15 ދުވަހަކު ޑަޔަލިސިސް ހަދަން ޖެހޭ ހެން ރާއްޖެއަށް ޕްރެޝަރު ކުރި." ކަމަށާއި ނަމަވެސް މިއަދު ކޮމަންވެލތުން ވަކިވުމުން ވެރިކަން ކުރުމުގެ ފުރުސަތު ލިބިއްޖެ ކަމަށެވެ.
ރިޔާޒް ރަޝީދު ވިދާޅުވީ މިގައުމުގެ ވެރިކަމަށް ދެން އެމްޑީޕީ ދުވަހަކު ވެސް ނާންނާނެ ކަމަށެވެ.
"މިދީން ބަދަލެއް ނުކުރެވޭނެ. މިތަނުގައި އިސްލާމްދީން އޮންނާނެ ކަން ކަށަވަރު ކުރާ ފަދައިން އެމްޑީޕީ މިކިޔާ ޖަމާޢަތް ދެން މިރާއްޖޭގެ ވެރިކަމަކަށް ނާންނާނެ." ރިޔާޒް ރަޝީދު ވިދާޅުވިއެވެ.
2018 ގައި އައިޑީކާޑު ޖަހާލައިގެން ފްލެޓް ލިބޭނެ – ރިޔާޒް ރަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ