ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒު ވަނީ ވަގަށްނަގައި ރަހީނުކޮށްފައި ކަމަށާއި ވަގުތުން ރިޔާޒު ދޫކޮށްލުމަށް ޖުމްހޫރީ ޕާޓީން ގޮވާލައިފި އެވެ.
ރިޔާޒު ހައްޔަރު ކޮށްފައިވާތާ 45 ދުވަސް ހަމަވުމާ ގުޅިގެން ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ޚާއްސަ ބައްދަލުވުމެއްގައި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރު އަލީ ހުސައިން ވިދާޅުވީ ރިޔާޒަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއް ކަމަށާއި ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ރިޔާޒު ހައްޔަރުކުރިއިރު، މެމްބަރުންގެ އިމްތިޔާޒުގެ ގާނޫނު ސަސްޕެންޑް ކޮށްފައިނުވާ ކަމަށެވެ. އެހެންކަމުން ރިޔާޒު ނުވަތަ ރައްޔިތުން މަޖިލީހުގެ އެއްވެސް މެމްބަރަކު ހައްޔަރު ކުރެވޭނީ ކޯޓު އަމުރެއްގެ ދަށުން ކަމަށާއި ރިޔާޒު ހައްޔަރުކޮށް، މިއަދަށް 45 ދުވަސް ވަންދެން ޖަލުގައި ބަހައްޓާފައި އެވަނީ ރަހީނުކޮށްގެން ކަމަށް އަލީ ހުސައިން ވިދާޅުވި އެވެ.
އަލީ ހުސައިން ވިދާޅުވީ ރިޔާޒު ހައްޔަރު ކުރީ ކުށުގެ މާހައުލަކުން ވެސް ނޫން ކަމަށާއި އެތައް ބަޔަކު ސުލްހަވެރިކަމާއެކު ކުރި އިހުތިޖާޖެއްގެ ތެރެއިން ރިޔާޒާއެކު އިތުރު ބަޔަކު ހައްޔަރުކުރި ކަމަށެވެ. އަދި ރިޔާޒާއެކު ހައްޔަރުކުރި ބައެއް މީހުން ދޫކޮށްލާފައިވާއިރު އެއްވެ އުޅުމުގެ މިނިވަންކަމަކީ ގާނޫނުއަސާސީން ލިބިދޭ އަސާސީ ހައްގެއް ކަމަށް އަލީ ހުސައިން ވިދާޅުވި އެވެ.
އަލީ ހުސައިން ވިދާޅުވީ ޝަރީއަތް ނިމެންދެން ރިޔާޒު ބަންދުކުރަން ނިންމާފައިވަނީ މާކުރިން ހިންގާފައިވާ ޝަރީއަތަކާ ގުޅިގެންކަން ކަމަށާއި އެމައްސަލައާ ގުޅިގެން ޝަރީޢަތް ނިމެންދެން ރިޔާޒު ޖަލުގައި ބަހައްޓަންޖެހޭ ގާނޫނީ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.
އަލީ ހުސައިން ވިދާޅުވީ ކުއްލި ނުރައްކަލުގެ މުއްދަތު ހަމަވުމުގެ ކުރިން ކޯޓަށް ގެންގޮސް ޝަރީއަތް ނިމެންދެން ބަންދުކުރީ ވަގުވަގަށް ކަަމަށާއި ވަކީލަކު ހަމަޖެއްސުމަށް ދިން މުއްދަތު ހަމަނުވަނީސް ކޯޓަށް ރިޔާޒު ގެންގޮސް ބަންދުކުރީ ވަކީލަކާ ވެސް ނުލައި ކަމަށެވެ.
ކޮންމެ މީހަކަށް ދެވޭ އަނިޔާއަކީ ވެސް އަނިޔާއެއް ކަމަށާއި މިކަންކަމާމެދު ރައްޔިތުން ވަރަށް ފުންކޮށް ވިސްނަންޖެހޭ ކަމަށް ވެސް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވީ ޝަރީއަތް ނިމެންދެން ރިޔާޒު ޖަލުގައި ބަންދުކުރަން އަމުރުކުރިއިރު، މައްސަލަ ފުރަތަމަ ބެއްލެވި ގާޒީ ވެސް ވަނީ ބަދަލުވެފައި ކަމަށެވެ.
އަލީ ހުސައިން އާއި އަމީތުގެ އިތުރުން ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު ޑރ. ހުސައިން ރަޝީދުއާއި ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވެސް ވަނީ ރިޔާޒަށް ލިބެންޖެހޭ ހަންގުތައް ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ނިގުޅައިގަނެފައިވާ ކަމަށާއި ޖަލުގައި ލާއިންސާނީ އަނިޔާ ދެމުންދާއިރު އެކަންކަމުގައި އުޅޭ ފަރާތްތަކުން ޖަވާބުދާރީ ކުރުވާނެ ދުވަހެއް އަންނާނެ ކަމަށެވެ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަބްދުﷲ ރިޔާޒު ރަހީނުކޮށް، ޖަލުގައި ބަންދުކޮށްގެން ގެންގުޅޭތާ 45 ދުވަސް، ވަގުތުން ދޫކޮށްލަން ގޮވާލަން: ޖޭޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ