ދީނަށް ފުރައްސާކުރި މައްސަލަ ބަލަން ދޫކޮށްލާފައި، ގައުމައިގެން ދާންވީ ކުރިއަށް: ގާސިމް

އިސްލާމްދީނާ ހިލާފަށް ރިޕޯޓް ނެރުނު މައްސަލަ ބަލަން މަތިކޮށްފައިވާ ފަރާތްތަކަށް ދޫކޮށްލާފައި، ގައުމައިގެން ދާންވީ ކުރިއަށް ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ޖޭޕީގެ މައި ޖަގަހަ، މ. ކުނޫޒުގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ގާސިމް ވަނީ، ރާއްޖޭގައި އިސްލާމްދީން ގަބޫލު ނުކުރާ ބަޔަކު އުޅުނަސް، އެއީ ދިވެއްސަކަށް ވެގެން ކުރެވޭނެ ކަމެއްތޯ ސުވާލު އުފައްދައިފައެވެ. އަދި އެފަދަ މީހަކު ދައްކާ ވާހަކައަކުން ރަށުތެރެ ފަސާދަކުރަން ނުކުތުމަކީ އެއީ އެއްގޮތަކަށް ވެސް ތާކުންތާކު ޖެހޭ ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވި ގޮތުގައި، އިސްލާމްދީނަށް ފުރައްސާކުރާ މައްސަލަތައް ބަލަން ރާއްޖޭގައި ހަދާފައިވާ މުއައްސަސާތައް އެބަހުއްޓެވެ. އަދި އެ މަސްއޫލިއްޔަތު އަދާކުރުމަށް އެ މުއައްސަސާތަކަށް ދޫކޮށްލާފައި ގައުމައިގެން ދާންވީ ކުރިއަށް ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެން ކިޔަމަންތެރިކަމާއެކު އެ މަސްއޫލިއްޔަތަކާއި ވާޖިބުތައް އަދާކުރުމަށް މަތިކޮށްފައިވާ ފަރާތްތަކަށް އެ ވާޖިބުތައް އަދާކުރުމަށް ދޫކޮށްލައިގެން ކިޔަމަންތެރިކަމާއެކު އަޅުގަނޑުމެންގެ ގައުމައިގެން ކުރިއަށްދާން މަސައްކަތްކުރަންވީ. ފިތުނަ ފަސާދަ އުފައްދަން މަސައްކަތްކުރުމުގެ ފުރުސަތެއް ނެތް،" ގާސިމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ދުނިޔޭގައި ކަންހިނގާ ގޮތަށް ބަލާއިރު އެކި ވާހަކަ އެކި ގޮތަށް ނުވަތަ އެކި ލިޔުންތައް ލިޔެގެން މަޝްހޫރުކަން ހޯދަން މަސައްކަތްކުރާ މީހުން އުޅެއެވެ. އަދި އެފަދަ މީހުންނާ ދޭތެރޭގައި ވިސްނާނުލައި، އެމީހުން ބުނާ އެއްޗަކަށް "ފުންމައިގަތުމަކީ" އެއްގޮތަކަށް ވެސް ކުރަން ރަނގަޅު ކަމެއް ނޫން ކަމަށާއި އޭގެ ސަބަބުން ލިބޭނީ ނިކަމެތި ކަމާއި ގެއްލުން ކަމަށް ވިދާޅުވިއެވެ.
ދީނީ ރޫހަކީ ވަރަށް ގަދަފަދަ ރޫހެއްކަން ފާހަގަކުރައްވައި ގާސިމް ވިދާޅުވީ، ދިވެހިންނަކީ އެއް ދީނެއްގައި ތިބި އެއްބައެއް ކަމުން އެ އެއްބައިވަންތަކަން ފުނޑުކޮށްލައިގެން ނުވާނެ ކަމަށެވެ. އަދި އެ އެއްބައިވަންތަކަމަކީ ގައުމުގެ ކުރިއެރުން ކަމަށާއި މާތް ވެގެންވާ އިސްލާމްދީނާއި ގާނޫނުއަސާސީ އާއި މިނިވަންކަން ދަމަހައްޓައިގެން، އެއަށް އަތް ބާނަން ފުރުސަތު ނުދިނުމަށް ވެސް ގާސިމް އެދިވަޑައިގަތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ