މުވައްޒަފުންގެ މުސާރަ ކުޑަކުރީ ފައިސާ ނެތުމުން: ގާސިމް

ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން ވިލާ ކުންފުނީގެ މުވައްޒަފުންގެ މުސާރަ ކުޑަކުރަން ޖެހުނީ ފައިސާ ނެތުމުން ކަމަށް ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
މިރޭ ރާއްޖެޓީވީގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ މުވައްޒަފުންގެ މުސާރަތައް ކުޑަކުރަން ޖެހުނީ ކުންފުންޏަށް މަސައްކަތެއް ނެތި، އާމްދަނީ ލިބެން ހުރި ހުރިހާ ކަމެއް ޒީރޯ އަށް ދިޔުމުން ފައިސާ ނެތުމުން ކަމަށެވެ. އަދި 1000 ރުފިޔާ މުވައްޒަފުންނަށް ދީގެން ނަމަވެސް ގެންގުޅުނު ކަމަށާއި އެއްވެސް މުވައްޒަފަކި ވަކިކޮށްފައި ނުވާނެ ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ފައިސާ އަށް ލިބޭތޯ ބެލުމަށް ބޭންކުތަކަށާއި، އަމިއްލަ ފަރާތްތަކުގެ ކައިރިއަށް ގޮސްގެން ވެސް ސަލާންޖެހި ކަމަށާއި އޭރު ކުރި މަސައްކަތުން ފައިސާ އަށް ލިބޭނެ ގޮތެއް ނުވި ކަމަށެވެ. ނަމަވެސް މިހާރަކަށް އައިސް ސްޓޭޓް ބޭންކް އޮފް އިންޑިއާ އިން 1.6 މިލިއަން ޑޮލަރުގެ ލޯނެއް ހަމަޖެހިފައިވާ ކަމަށާއި އަދި ބީއެމްއެލް އިން ވެސް ކުޑަ އެއްޗެއް ދީފައިވާ ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
"ކޮވިޑް އައިސް ޖެހުނުއިރު އަޅުގަނޑުމެންގެ ޕޭ ބިލް އަރައިގެންދޭ 3.2 މިލިއަން ޑޮލަރަށް މަހަކު. އެ ލާރި އަޅުގަނޑުމެން ކޮންތާކުންތޯ ނެރެނީ؟ ކާކު އަތުންތޯ ހޯދަނީ؟ ނެތީމަ ކިހިނެތްތޯ ދޭނީ؟" ގާސިމް ވިދާޅުވިއެވެ.
އެއްވެސް އާމްދަނީއެއް ނުލިބި ހުއްޓުން އެރުމުން ދެން ހެދޭނެ ގޮތް ނެތުމުން މުވައްޒަފުން ކައިރީގައި ތެދު ބަހުން ހެދޭނެ ގޮތް ބުނެދީފައިވާނެ ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
"މިއަދު އެއްޗެއް ނެތީމަ ނުދެވިފައި މިތިބީ. މުދާ އެބަހުރި، އެކަަމަކު އެ އެއްޗެހި ލިކުއިޑިޓީ އަށް ހެދޭނީ ގަންނާނެ މީހަކު ވެސް ހުރެގެން ދެއްތޯ" ގާސިމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ