ރިޟުވާން ގެއްލުނު މައްސަލާގައި ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރާ ވެސް ސުވާލު އެބަކުރޭ: އުމަރު
މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިޟުވާން އަބްދުﷲ ގެއްލުނު މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ނާޒިމާ ސުވާލުކޮށްފައިވާ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ. ވީމީޑިއާ އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި އުމަރު ވިދާޅުވީ އެ މައްސަލައާ ގުޅިގެން ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު ނާޒިމާއި އަދި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލް ޣަފޫރާ ވެސް ސުވާލު ކުރަމުން އަންނަ ކަމަށެވެ. ހޯމް މިނިސްޓަރު ވިދާޅުވީ ރިޟުވާނު ގެއްލުނު މައްސަލައިގެ އެންމެ އަޑީގައި ހުންނެވީ އަދީބު ކަމަށް މާލެތެރޭގައި ވަރަށް ގަދަޔަށް ވާހަކަދެކެވެމުން އަންނަ ކަމަށެވެ. އެހެންކަމުން އެކަމާ ގުޅޭގޮތުން އަދީބާ ސުވާލުކުރުމަށް ފުލުހުންނަށް މިހާރު އަންގާފައިވާ ކަމަށް އުމަރު ވިދާޅުވި އެވެ."މިހާރު އަޅުގަނޑު ފުލުހުންނަށް އަންގާފައި އޮންނާނީ އަދީބާ ސުވާލުކުރަން ރިލްވާން މައްސަލައިގައި. ސުވާލުކޮށް އަދީބުގެ ފަރާތުން ހޯދޭނެ ހުރިހާ މައުލޫމާތެއް ހޯދުމަށް. އެމަސައްކަތް ފުލުހުން ކުރަމުންދަނީ،" އުމަރު ވިދާޅުވިއެވެ. އުމަރު ވިދާޅުވީ ރިޟުވާން ރަހީނުކުރުމުގައި ނުވަތަ އޭނާ ކާރަށް އެރުވި ކަމަށް ތުހުމަތު ކުރެވޭ މީހުން ފުލުހުން ހައްޔަރުކުރި ކަމަށެވެ. އަދި އެކަމުގައި އެންމެ އިސް ދައުރެއް އަދާކުރިކަމަށް ތުހުމަތު ކުރެވޭ މީހަކީ އަޒުލިފް ކަމަށް ވެސް އުމަރު ވިދާޅުވި އެވެ. އަޒްލިފް ރައޫފް: ރިޟުވާން ގެއްލުނު މައްސަލާގައި އެންމެ އިސްދައުރެއް އަދާކުރި ކަމަށް ތުހުމަތު ކުރެވެނީ އޭނައަށް ކަމަށް އުމަރު ވިދާޅުވި އެ މައްސަލައާ ގުޅޭގޮތުން ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު ނާޒިމާ ސުވާލުކުރީ ރިޟުވާން ގެއްލުނީ ނާޒިމް ދެއްވި ޑޮކިއުމަންޓްތަކެއް ރިޟުވާން ލީކުކޮށްލަފާނެތީ އަދީބު ކުރެއްވި ކަމެއްގެ ގޮތުގައި ކަމަށް ވާހަކަދެކެވޭތީ ކަމަށް ހޯމް މިނިސްޓަރު ވިދާޅުވި އެވެ. "ދާދި ފަހުން ފުލުހުން ސުވާލުކޮށްފައި އޮންނާނެ ކުރީގެ މަޖިލީސް މެމްބަރު އަހުމަދު ނާޒިމްއާ ވެސް. ނާޒިމް ބައެއް ޑޮކިއުމަންޓްތައް ރިޟުވާނަށް ދިނީމަ، އެ ޑޮކިއުމަންޓްތައް ލީކުކޮށްލަފާނެތީވެ، އަދީބު ކުރެއްވި ކަމެއް ކަަމަށް މީހުން ވާހަކަ ދައްކާތީ ސުވާލުކުރީ. އެހެންވެގެން ނާޒިމް އެފަދަ ޑޮކިއުމަންޓްތަކެއް އޭނައަށް ދެއްވިންތޯ ބެލުމަށް ނާޒިމާ ސުވާލުކުރީ،" އުމަރު ވިދާޅުވިއެވެ. ރިޟުވާން ގެއްލުނު މައްސަލައާ ގުޅިގެން ހައްޔަރުކުރި ހަތަރު މީހުން ދޫކޮށްލަންޖެހުނީ އެމީހުންގެ މައްޗަށް ކުށް ސާބިތުވާ ވަރުގެ ހެކި ނެތުމުން ކަމަށް ވެސް އުމަރު ވިދާޅުވި އެވެ. ރިޟުވާން ގެއްލުނު މައްސަލައާ ގުޅުންހުރި އިތުރު މީހަކު ހުރިނަމަ އެމީހަކާ ވެސް ފުލުހުން ސުވާލުކުރާނެ ކަމަށް އުމަރު ވިދާޅުވި އެވެ. ހޯމް މިނިސްޓަރު އުމަރު ނަސީރު: ސިޔާސީ މަސްރަހަށް އައި ބަދަލާއެކު ރިޟުވާން ގެއްލުނު މައްސަލައިގެ ހަގީގަތް ހޯދޭނެކަމުގެ އުންމީދު އާވެއްޖެ ކަމަށް އުމަރު ވިދާޅުވި ރާއްޖޭގެ ސިޔާސީ މަސްރަހަށް އައި ބަދަލާ ގުޅިގެން އެކަމުގެ ހަގީގަތް ހޯދުމުގެ އުންމީދު އާވެފައިވާ ކަމަށް ވެސް ހޯމް މިނިސްޓަރު ވިދާޅުވި އެވެ. މިދިޔަ މެއި މަހުގެ އެއްވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާގައި ވާހަކަފުޅުދައްކަވަމުން އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން އަބްދުﷲ ވިދާޅުވެފައި ވަނީ ރިޟުވާނަށްވީގޮތް ފުލުހުންނަށް އެނގޭ ކަމަށާއި އޭރުގެ ކޮމިޝަނަރު އޮފް ޕޮލިސް ހުސައިން ވަހީދާއި އަދީބު ވަނީ އެކަމާ ގުޅޭ ރިޕޯޓުތައް ހިފަހައްޓާފައި ކަމަށެވެ. "ޕޮލިހުގަ އެބަހުރި ރިޕޯޓުތައް. ޕޮލިހުގައި އެބައޮތް ތަހުގީގު. އެކަމަކު މި އަނިޔާވެރި ސަރުކާރުން އަހްމަދު އަދީބާ ހުސައިން ވަހީދު ވަނީ ރިޕޯޓުތައް ހިފަހައްޓާފައި. މިކަމަކަށް މިއަދަށް ފަހު ޖާގައެއް ނުލިބޭނެ. މިއަދަށް ފަހު މިކަމަކަށް ޖާގައެއް ނުލިބޭނެ ﷲ އިރާދަކުރެއްވިއްޔާ. މާތްﷲ އިރާދަކުރެއްވިއްޔާ މިއަދަށްފަހު މި ރިޕޯޓު ހިފަހައްޓާކަށް ޖާގައެއް ނުލިބޭނެ،" އިމްރާން ވިދާޅުވި އެވެ. އިމްރާން ވިދާޅުވީ ރިޟުވާން ގެއްލުނު މައްސަލާގައި އެކި ޚަބަރުތައް ލިބެމުން އަންނަ ކަމަށާއި އެކަމުގެ ހަގީގަތް ފުލުހުން ހާމަކޮށްދޭންޖެހޭ ކަމަށެވެ. "އަޅުގަނޑުމެންނަށް އެކިއެކި ޚަބަރުތައް އަންނަނީ. ބައެއް ބޭފުޅުން ވިދާޅުވާގޮތުގައި ކޮށާލާފަ ގޯންޏަކަށް އަޅާފައި ވަނީ. އަނެއްބަޔަކު ބުނާގޮތުން ކަނޑުފައްތާފަވީ. މިކަމުގެ ހަގީގަތް އެބަޖެހޭ ޕޮލިހުން ހާމަކޮށްދޭން،" އިމްރާން ވިދާޅުވި އެވެ. ގެއްލިގެން ހޯދަމުން އަންނަ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިޟްވާން އަބްދުﷲ ފުލުހުން މީގެކުރިން ނެރުނު އެކި ބަޔާންތަކުގައި ބުނެފައި ވަނީ ރިޟުވާން ހޯދުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ފުލުހުން ކޮށްފައިވާނެ ކަމަށާއި ނަމަވެސް އަދިވެސް އޭނާއަށް ވީގޮތެއް އެނގޭގޮތެއް ނުވި ކަމަށެވެ. ރިޟުވާން އެންމެފަހުން ފެނިފައި ވަނީ 2014 ވަނަ އަހަރުގެ އޯގަސްޓު މަހުގެ ހަތް ވަނަ ދުވަހުގެ ރޭ މާލޭގައި ހުންނަ ހުޅުމާލޭ ފެރީޓާމިނަލުން ކަމަށެވެ. އުރީދޫން ނުރަސްމީކޮށް ލިބުނު މައުލޫމާތުތަކަކާ ހަވާލާދީ މިނިވަން ނޫހުން ކުރިން ބުނެފައި ވަނީ ރިޟްވާންގެ ފޯނުން އެންމެ ފަހުން ޑޭޓާ ބޭނުންކޮށްފައި ވަނީ 2014 ވަނަ އަހަރުގެ އޯގަސްޓު މަހުގެ ހަތް ވަނަ ދުވަހުގެ ރޭ 2:36 ގައި ހެންވޭރުގައި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ