ހަފްތާ ބަންދުގައި މޫސުން ގޯސްވާނެ: މެޓް އޮފީސް

ކުރިއަށް އޮތް ހަފްތާ ބަންދު ތެރޭގައި ރާއްޖޭގެ ސަރަހައްދުގައި ވައިގަދަވެ ކަނޑުތައް ގަދަވެގެން ދާނެކަމަށް މޫސުމާބެހޭ އިދާރާއިން ލަފާކޮށްފިއެވެ.
މެޓް އޮފީހުން ބުނީ ސްރީލަންކާގެ ޓްރިންކޮމަލީގެ އިރުދެކުނުން ގާތްގަނޑަކަށް 500 ކިލޯމީޓަރުދުރުގައި އުފެދިފައިވާ ކޮޅިގަނޑު އިތުރަށް ބާރުގަދަވެ، މާދަމާ ހަވީރުގެ ވަގުތެއްގައި ތޫފާނަކަށް ބަދަލުވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.
މިތޫފާން ހުޅަނގަށް ދަތުރުކޮށް 3 ޑިސެންބަރު ވާ ބުރާސްފަތި ދުވަހު ސްރީލަންކާ ހުރަސްކޮށް، ދެކުނު އިންޑިއާގެ އައްސޭރިފަށާ ކައިރި ވާނެކަމަށް ލަފާކުރެވޭކަން ފާހަގަކޮށް މެޓް އޮފީހުން ބުނީ މިކޮޅިގަނޑު އުފެދި އަންނަމުންދާ ބަދަލުތަކާއި މި ކޮޅިގަނޑުގެ ސަބަބުން ރާއްޖެއަށް ކުރާނެ އަސަރު އެ އޮފީހުން ބަލަމުން ގެންދާނެ ކަމަށެވެ.
މީގެ އިތުރުން ރާއްޖޭގެ އިރުދެކުނުން، ދެކުނު އިންޑިއާ ކަނޑުގައި ވެސް ކޮޅިގަނޑެއް އުފެދިފައިވާކަމަށް ލަފާކުރެވޭއިރު މި ކޮޅިގަނޑުގެ އަސަރު ރާއްޖެއަށް ކުރާނެ ކަމަށް ލަފާކުރެވޭކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.
އެގޮތުން 4 ޑިސެންބަރު ވާ ބުރާސްފަތި ދުވަހުން ފެށިގެން ހަފާތްބަންދު ތެރެއާއިއެކު ރާއްޖޭގެ ސަރަހައްދުގައި ވައިގަދަވެ، ކަނޑުތައް ގަދަވެގެން ދާނެކަމަށް ބެލެވޭ ކަމަށް މެޓް އޮފީހުން ބުނެއެވެ.
މި ނިޒާމްތަކާއި ގުޅިގެން ރާއްޖޭގެ މޫސުމަށް ފޯރާނެކަމަށް ބެލެވޭ އަސަރުތައް އެއޮފީހުން އަމަލުކުރަމުންދާ އުސޫލުގެ ތެރެއިން، ނެރޭ ސަމާލު އަދި އިންޒާރުގެ މެސެޖް މެދުވެރިކޮށް ޢާންމުކުރެވެމުން ދާނެކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ