ހަރީރީ އަވަހާރަކޮށްލުމުގައި ބައިވެރިވި ހިޒްބުﷲގެ މެމްބަރު އުމުރަށް ޖަލަށް ލާން ހުކުމްކޮށްފި

އެމްސްޓާޑަމް (އޮގަސްޓު 19): ލުބުނާނުގެ ކުރީގެ ބޮޑުވަޒީރު ރަފީކް އަލް ހަރީރީ އަވަހާރަކޮށްލުމުގައި ބައިވެރިވި ކަމަށް ސާބިތުވި ހިޒްބުﷲ ޖަމާއަތުގެ މެމްބަރަކު އުމުރަށް ޖަލަށް ލާން އެ މައްސަލަ ބަލާ ބައިނަލްއަގުވާމީ ކޯޓަކުން ހުކުމްކޮށްފި އެވެ. ނެދަލޭންޑްސްގައި ހުރި ސްޕެޝަލް ޓްރައިބިއުނަލް ފޯ ލެބަނަން (އެސްޓީއެލް)ގެ ނިންމުމުގައިވާ ގޮތުން ހިޒްބުﷲގެ މެމްބަރު ސާލިމް އައްޔާޝް ވަނީ ހަރީރީ އަވަހާރަކޮށްލުމަށް ދިން ހަމަލާގައި އިސް ދައުރެއް އަދާކޮށްފަ އެވެ. އަދި އޭނާގެ މައްޗަށް ވަނީ ޓެރަރިސްޓު ހަމަލާއެއް ދިނުމަށް ރޭވުމާއި ގޮވާ އެއްޗަކުން ޓެރަރިސްޓު ހަމަލާއެއް ދިނުމާއި ގަސްތުގައި މީހަކު މެރުމުގެ ދައުވާ ސާބިތުވެފަ އެވެ. އެ މައްސަލާގައި އިތުރު ތިން މީހެއްގެ މައްޗަށް ދައުވާ ކުރި އެވެ. އަދި އެ ހަތަރު މީހުން ހައްޔަރު ކުރަން މީގެ ކުރިން ބައިނަލްއަގުވާމީ އަމުރު ނެރެފައި އޮތް ނަމަވެސް އެ މަސައްކަތް ކާމިޔާބުވެފައި ނުވާތީ ޝަރީއަތް ކުރިއަށްގެންދިޔައީ އެމީހުންގެ ޣައިރު ހާޒިރުގަ އެވެ. އިއްޔެގެ ޝަރީއަތުގައި ކޯޓުން ވަނީ އައްޔާޝް އުމުރަށް ޖަލަށް ލާން ހުކުމްކޮށްފަ އެވެ. އަދި ބާކީ ތިން މީހުންގެ މައްޗަށް ދައުވާތައް ސާބިތު ނުވާ ކަމަށް ނިންމާފަ އެވެ. ހަރީރީ އަވަހާރަކޮށްލީ 14 ފެބްރުއަރީ 2005ގައި އޭނާގެ މޮޓޯކޭޑު ބޭރޫތުން ދަތުރު ކުރަމުން ދަނިކޮށް ޓްރަކެއް ގޮއްވާލައިގެންނެވެ. އެ ހާދިސާގާއި އިތުރު 21 މީހަކު މަރުވެ، 200 އަށް ވުރެ ގިނަ މީހުންނަށް އަނިޔާވި އެވެ. ހަރީރީ އަކީ ލުބުނާނުގެ އެންމެ ފާހަގަކޮށްލެވޭ އެއް ސުންނީ ސިޔާސީ ލީޑަރެވެ. އަދި އޭނާ އަވަހާރަކޮށްލި ދުވަސްވަރު އޭނާ ގެންދެވީ، 1975 އިން 1990އާ ޖެހެންދެން އެގައުމުގައި ކުރިއަށް ދިޔަ ދާހިލީ ހަނގުރާމައިގެ ތެރޭގައި އެގައުމަށް ދިޔަ ސީރިއާގެ ފައުޖުތައް އަނބުރާ ފޮނުވާލުމަށް ގޮވާލައްވަމުންނެވެ. އެހެންކަމުން ހަރީރީ އަވަހާރަކޮށްލީ ސީރިއާއިން ކަމަށް އެދުވަސްވަރު ބައެއް މީހުން ތުހުމަތު ކުރި އެވެ. އަދި އޭގެ ސަބަބުން ކުރިއަށްގެންދިޔަ މުޒާހަރާތަކާ ގުޅިގެން ސީރިއާގެ ފައުޖުތަކަށް ލުބުނާނުން ފައިބަން މަޖުބޫރުވި އެވެ. ނަމަވެސް އެސްޓީއެލްއިން ވަނީ ހަރީރީ އަވަހާރަކޮށްލުމުގައި ސީރިއާގެ ސަރުކާރާއި ހިޒްބުﷲ ޖަމާއަތުގެ އިސް ވެރިން ބައިވެރިވި ކަމުގެ ހެއްކެއް ނެތް ކަމަށް މީގެ ކުރިން ބުނެފަ އެވެ. ހަރީރީގެ ދަރިކަލުން އަދި ލުބުނާނުގެ މިހާރުގެ ބޮޑުވަޒީރު ސާދު ހަރީރީ އެ ހުކުމާ ބެހޭ ގޮތުން މިހާތަނަށް ވަކި އެއްޗެކޭ ވިދާޅުނުވެ އެވެ. ސާދު ހަރީރީ ވަނީ މީގެ ކުރިން ތިން ފަހަރެއްގެ މަތިން ހިޒްބުﷲ ހިމެނޭ ކޯލިޝަން ސަރުކާރުތަކުގައި ބައިވެރިވެވަޑައިގެންފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ