އިތިޔޯޕިޔާގެ ސުލްހައިގެ މަންދޫބު ސޫދާނުގެ ވާދަވެރި ދެ ފަރާތާ ބައްދަލުކުރައްވައިފި

ޚުރްތޫމް (ޖޫން 12) : ސޫދާނުގެ ވެރިކަން މަދަނީ އިންތިގާލީ ސަރުކާރަކާ ހަވާލުކުރުމުގެ މައްސަލަ ހައްލުކުރުމާ ބެހޭ ވާހަކަތައް އަލުން ފެށުމަށް އެގައުމުގެ އަސްކަރީ މަޖިލީހާއި އިދިކޮޅު ކޯލިޝަނުން އެއްބަސްވެއްޖެއެވެ. މި މައްސަލައިގައި އަސްކަރީ މަޖިލީހާއި އިދިކޮޅު ކޯލިޝަނާ ދެމެދު މެދުވެރިއެއްގެ ބައި އަދާކުރާ އިތިޔޯޕިޔާގެ މަންދޫބު މަހްމޫދު ދުރޭރު ވިދާޅުވީ އެ ދެފަރާތުން ވެސް ވާހަކަދައްކަން އެއްބަސްވީ ކޮންމެ ފަރާތަކުން ވެސް ދޫތަކެއް ދިނުމަށް ފަހުގައެވެ. މިގޮތުން ހައްޔަރުކޮށްފައިވާ އިދިކޮޅު ލީޑަރުން މިނިވަންކުރަން އަސްކަރީ މަޖިލީހުން ނިންމާފައިވާއިރު އަސްކަރީ މަޖިލީހަށް ފިއްތުންތައް ކުރިމަތި ކުރުމަށްޓަކައި ސޫދާނުގައި ކުރިޔަށްގެންދާ މަދަނީ ބަސްނޭހުމުގެ ހަރަކާތްތައް ހުއްޓާލައި ސުލްހައިގެ ވާހަކަތަކަށް ފުރުސަތު ދިނުމަށް އިދިކޮޅު ކޯލިޝަނުން ވަނީ އެއްބަސްވެފައެވެ. ސޫދާނުގައި ވަގުތީ ގޮތުން ވެރިކަންކުރާ އަސްކަރީ މަޖިލީހާއި އެގައުމުގެ އިދިކޮޅު ކޯލިޝަން އާ ދެމެދު މައްސަލަޖެހުނީ އެގައުމުގެ ވެރިކަން މަދަނީ އިންތިގާލީ ސަރުކާރަކާ ހަވާލުކުރުމަށް ބާރުއެޅުމުގެ ގޮތުން އިދިކޮޅު ކޯލިޝަނުން ކުރިޔަށް ގެންދިޔަ ސުލްހަވެރި އެއްވުން ރޫޅާލުމަށްޓަކައި ސިފައިން އިދިކޮޅު ފަރާތްތަކަށް އަމާޒުކޮށް ބަޑީން ވަރުގަދަ ޙަމަލާތަކެއް ދީ ސަތޭކައަށް ވުރެ ގިނަ މީހުން މަރާލި ހާދިސާއަށްފަހުއެވެ. އިދިކޮޅު ކޯލިޝަނުން ވަނީ އެއީ އަސްކަރީ މަޖިލީހުގެ އަމުރަށް ސިފައިންގެ ހާއްސަ ޔުނިޓަކުން ހިންގި ގަތުލުއާންމެއް ކަމަށް ސިފަކޮށްފައެވެ. މިމައްސަލައިގައި އިދިކޮޅު ކޯލިޝަނުންވަނީ އަސްކަރީ މަޖިލީހާ ވާހަކަ ދައްކަން ދެކޮޅުހަދައި މަދަނީ ބަސްނޭހުމުގެ ހަރަކާތެއް ސޫދާނުގައި ފައްޓާފައެވެ. މިކަމުގެ ސަބަބުން ސޫދާން ހުއްޓުމަކަށް އައިސްފައި ވަނިކޮށް އަވަށްޓެރި އިތިޔޯޕިޔާގެ ބޮޑުވަޒީރު އަބީ އަހްމަދު ވަނީ މިދިޔަ ހަފްތާގައި ސޫދާނަށް ވަޑައިގެން މި ދެ ފަރާތުގެ ލީޑަރުންނާ ބައްދަލުކުރައްވައި ސުލްހައިގެ ވާހަކަތަކަށް މަގުފަހި ކުރައްވައިފައެވެ. އަދި އިތިޔޯޕިޔާގެ ބޮޑުވަޒީރު ވަނީ ސީދާ އޭނާގެ ބެއްލެވުމުގެ ދަށުން ސޫދާނުގެ އަސްކަރީ މަޖިލީހާއި އިދިކޮޅު ފަރާތްތަކުގެ މެދުގައި ސުލްހައިގެ މެދުވެރިއެއްގެ ބައި އަދާކުރުމަށް މަންދޫބެއް ހަމަޖައްސަވާފައެވެ. ސޫދާނުގެ ވެރިކަން މަދަނީ އިންތިގާލީ ސަރުކާރަކާ ހަވާލު ކުރުމަށް އެގައުމުގެ އަސްކަރީ މަޖިލީހަށް މަޖްބޫރު ކުރުވުމަށްޓަކައި އިދިކޮޅު ކޯލިޝަނުން ކުރިޔަށް ގެންދާ މަދަނީ ބަސްނޭހުމުގެ ހަރަކާތްތައް ތިންދުވަހަށް ގެންދިޔުމަށް ފަހު އިއްޔެވަނީ ހުއްޓާލާފައެވެ. މި ހަރަކާތް ކުރިޔަށް ގެންދިޔައިރު ސޫދާން އެއްކޮށް ހުއްޓުމަކަށް އައިކަމަށް އިދިކޮޅު ފަރާތްތަކުން ބުނި ނަމަވެސް އަސްކަރީ މަޖިލީހުން ވަނީ މަދަނީ ބަސްނޭހުމުގެ ހަރަކާތަށް ސޫދާނުގެ އާންމު ރައްޔިތުންނާއި ސަރުކާރުގެ މުއައްސަސާތަކާއި ޕްރައިވެޓް ސެކްޓަރުތަކުން އެހާބޮޑަށް އިޖާބަނުދޭ ކަމަށް ބުނެފައެވެ. ނަމަވެސް އިދިކޮޅު ކޯލިޝަނުން ބުނެފައިވަނީ މަދަނީ ބަސްނޭހުމުގެ ހަރަކާތް ކާމިޔާބު ކަމަށާއި ރައްޔިތުންނާއި ސަރުކާރާއި ޕްރައިވެޓް ސެކްޓަރުގެ މުއައްސަސާތަކުން އެ ހަރަކާތަށް ފުރިހަމައަށް އިޖާބަ ދިން ކަމަށް ބުނެފައެވެ. އަސްކަރީ މަޖިލީހުން މިހާރުވަނީ 9 މަސްތެރޭގައި ސޫދާނުގެ ވެރިކަން ދިމުގްރާތީ ސަރުކާރަކާ ހަވާލުކުރުމަށް ޓަކައި އިންތިޚާބެއް ބޭއްވުމަށް އެއްބަސްވެފައެވެ. އަދި އިންތިޚާބު ބޭއްވުމުގެ ކުރީން ސޫދާނުގެ ވެރިކަން މަދަނީ އިންތިގާލީ ސަރުކާރަކާ ހަވާލުކުރުމަށް ވެސް އަސްކަރީ މަޖިލީހުން ވަނީ އެއްބަސް ވެފައެވެ. މިހާރު ދެ ފަރާތުގެ ދެމެދުގައި ޚިޔާލު ތަފާތުވުން އުފެދިފައިވަނީ ސޫދާނުގެ ވެރިކަން ހަވާލުކުރާ މަދަނީ އިންތިގާލީ ސަރުކާރަކުގައި އިދިކޮޅު ފަރާތްތައް ތަމްސީލު ކުރާ ނިސްބަތާ މެދުގައެވެ. އަސްކަރީ މަޖިލީހުން ބޭނުން ވަނީ އިންތިގާލީ މުއްދަތުގައި އޮންނަ ވަގުތީ ސަރުކާރުގެ ވަޒީރުންގެ މަޖިލީހުގައި ސިފައިންގެ ޖެނެރަލުންގެ އަޣުލަބިއްޔަތު ބޭއްވުމަށެވެ. ނަމަވެސް އިދިކޮޅު ކޯލިޝަނުން ބޭނުންވަނީ އިންތިގާލީ ސަރުކާރުގެ ވަޒީރުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ވަކި ފަރާތަކަށް ނުޖެހޭ މަދަނީ ޓެކްނޮކްރޭޓުންނަށް އޮތުމަށެވެ. އިތިޔޯޕިޔާގެ މަންދޫބު މި ދެ ފަރާތާ ބައްދަލުކޮށް ވާހަކަ ދައްކަވަމުން ގެންދަވަނީ މިމައްސަލަ ހައްލު ކުރުމަށެވެ. ސޫދާނުގެ ވެރިކަން މަދަނީ އިންތިގާލީ ސަރުކާރަކާ ހަވާލުކުރުމުގެ މަސައްކަތް ލަސްވަމުންދާތީ އެފްރިކާގެ އިއްތިޙާދުންވަނީ އެ ޖަމިއްޔާގެ މެންބަރުކަމުން ވަގުތީ ގޮތުން ސޫދާން ވަކިކޮށްފައެވެ. (ނޫސްއެޖެންސީތައް)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ