ރާއްޖޭގެ މުއައްސަސާތަކުގެ ބާރުތަކުގެ ތެރެއަށް ސުޕްރީމް ކޯޓުން ވަދެފައިވޭތޯ ބެލުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ތައްޔާރުކުރި ރިޕޯޓުގައި ސުޕްރީމް ކޯޓުން ގާނޫނާ ހިލާފަށް ނިންމާފައިވާ 17 މައްސަލައެއް ފާހަގަކޮށްފިއެވެ.
ޖޭއެސްސީން އާއްމުކޮށްފައިވާ ރިޕޯޓުގައި ބުނެފައިވަނީ ޖޭއެއްސީއިން ބުނީ މި ރިޕޯޓަކީ ސުޕްރީމް ކޯޓުން، އެ ކޮމިޝަނާއި ރައްޔިތުންގެ މަޖިލީސް އަދި އެހެނިހެން މުއައްސަސާތަކުގެ ތެރެއަށް ވަދެފައިވޭތޯ ބެލުމަށް، އެ ކޮމިޝަނުން ނިންމި ނިންމުމާ ގުޅިގެން އެކަން ދިރާސާކުރި ކޮމިޓީން، ތައްޔާރުކުރި ރިޕޯޓެއް ކަމަށެވެ.
މި 17 މައްސަލަތަކުގެ ތެރޭގައި ސިޔާސީ ފަރާތްތަކަށް ކޮށްފައިވާ ދައުވާތަކާއި ގުޅިގެން ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުންތައް ވެސް ހިމެނެއެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމްގެ މައްޗަށް ދައުވާކޮށް ކްރިމިނަލް ކޯޓަށް ހުށެހެޅި މައްސަލަ ބަލައި ނުގަތުމަށް ނިންމި ނިންމުމަށް ހައިކޯޓުން ތާއިދުކޮށް، އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ މުއްދަތު ހަމަވިތާ ހަތް މަސް ފަހުން ދައުލަތުން ކުރި އިސްތިއުނާފު ސުޕްރީމް ކޯޓުން ބަލައިގަނެ ނާޒިމްގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައެޅުމަށްފަހު އެ ނިންމުން ތިން އަހަރު ފަހުން އަލުން ބަލައި ބަދަލުކުރީ ގާނޫނާ ހިލާފަށް ކަމަށް ވެސް ޖޭއެއްސީގެ އެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.
ޖޭއެސްސީގެ ރިޕޯޓުގައި ޖޭއެސްސީއާ ރައްޔިތުންގެ މަޖިލީހަށް ލިބިދީފައިވާ ބާރުތައް ސުޕްރީމް ކޯޓުން ހަނި ކޮށްފައިވާ ކަމަށާއި އެ ދެ މުއައްސަސާގެ މަސައްކަތްތަކަށް ސުޕްރީމް ކޯޓުން ހުރަސް އަޅާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
މީގެއިތުރުން ސުޕްރީމް ކޯޓުން ވަކީލުންގެ ކަންކަން ރެގިއުލޭޓުކޮށް ބެލެހެއްޓުމަށް އަމިއްލައަށް ހަވާލުވެފައިވާ ކަމަށްވެސް ޖޭއެސްސީގެ ރިޕޯޓުގައިވެއެވެ. ރާއްޖޭގެ ގާނޫނީ ވަކީލުންނަށް ކޯޓުތަކުގައި މަސައްކަތް ކުރުން މަނާ ކޮށްފައިވާއިރު ދަށު ކޯޓު ތަކުގެ ގާޒީން އެއް ކޯޓުން އަނެއް ކޯޓަށް ބަދަލުކުރުމާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ގަވާއިދެއް ހަދައި، ގާނޫނުގެ ދަށުން ޖޭއެއްސީއަށް ދީފައިވާ ބާރުތައް ވެސް ސުޕްރީމް ކޯޓުން ނަގާފައިވާ ކަމަށް ޖޭއެސްސީގެ ރިޕޯޓުގައިވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ނިސްބަތްވާ ޕާޓީން ވަކިވުމުން ނުވަތަ އެހެން ޕާޓީއަކަށް ސޮއި ކުރުމުން މެމްބަރު ކަމުން ވަކި ވާނެ ކަމަށް ސުޕްރީމް ކޯޓުން ގާނޫނާއި ހިލާފަށް ނިންމިއިރު 2018ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރު ބާތިލު ކޮށްފައި ވަނީވެސް ގާނޫނާއި ހިލާފަށް ކަމަށްވެސް ޖޭއެސްސީގެ ރިޕޯޓުގައިވެއެވެ.
ހަމައެއާއެކު ރައީސުންނާއި ނައިބު ރައީސުންނާއި ވަޒީރުންނާއި މިނިވަން މުއައްސަސާތަކުގެ މެމްބަރުންނާއި މަޖިލީހުގެ ރައީސުންނާއި އަދި ފަނޑިޔާރުންގެ އިތުބާރު ނެތް ކަމާމެދު ރައްޔިތުންގެ މަޖިލީހުން ނިންމާ ކޮންމެ ނިންމުމެއް ސައްހަވާނީ އެ ނިންމުމެއް ސުޕްރީމް ކޯޓުން ކަނޑައެޅި ނިންމުމަކީ ވެސް ގާނޫނާއި ހިލާފު ނިންމުމެއް ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.
މުއައްސަސާތަކުގެ ބާރުތަކުގެ ތެރެއަށް ސުޕްރީމް ކޯޓުން ވަދެފައިވާ ރިޕޯޓުގައި 17 ކަމެއް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ