ފަނޑިޔާރުންގެ ގާނޫނުގައި ބުނެފައިވާ ގޮތަށް ފަނޑިޔާރުންގެ ފެންވަރު ވަޒަން ނުކުރެވި ދަނީ ސުޕްރިމް ކޯޓުން އެކަމަށް ހުރަސް އަޅައިގެން ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެމްބަރަކު ވިދާޅުވެއްޖެ އެވެ.
ނަން ހާމަކުރަން ބޭނުން ނުވާ ޖޭއެސްސީގެ މެމްބަރަކު ވިދާޅުވީ ފަނޑިޔާރުންނާއި ބެހޭ ގާނޫނުގެ 56 ވަނަ މާއްދާގެ (ހ)ގައި ބުނެފައިވާ ގޮތަށް ފަނޑިޔާރުންގެ ފެންވަރު ނުބެލި މިހާތަނަށް ގޮސްފައިވަނީ ސުޕްރީމް ކޯޓުން އެކަމަށް "ހުރަސް" އަޅައި އެކަމުގެ ތެރެއަށް ވަދެގެން ކަމަށެވެ.
އެކަމަކު ސުޕްރީމް ކޯޓުގެ ސެކެޓަރީ ޖެނެރަލް ޑރ. ހުސެން ފާއިޒު ވަނީ ޖޭއެސްސީގެ މެމްބަރުގެ ތުހުމަތުތައް ދޮގުކުރައްވާފަ އެވެ. ފާއިޒު ސީއެންއެމް އަށް ވިދާޅުވީ އެފަދަ ކަމެއް ސުޕްރީމް ކޯޓުން ކުރި ކަމުގެ މައުލޫމާތު ނުލިބޭ ކަމަށާއި، ކުރާނެ ކަމަށް ގަބޫލުވެސް ނުކުރައްވާ ކަމަށެވެ.
"ތެދުތެދަށް ދަންނަވަންޏާ ތިކަހަލަ އެއްވެސް މައުލޫމާތެއް އަޅުގަނޑަށް ލިބިފައެއް ނެތް، ސުޕްރީމް ކޯޓުން ތިކަހަލަ ކަމެއް ކުރާ ކަމުގެ. ދެން އަޅުގަނޑު ގަބޫލެއްވެސް ނުކުރަން ތިހެން ވެދާނެ ކަމަށް. އެކަމަކު އަޅުގަނޑަށް ގަބޫލުކުރެވޭ ސުޕްރީމް ކޯޓުންވެސް ބޭނުންވާނެކަން ފަނޑިޔާރުންގެ ފެންވަރު ރަނގަޅުކުރަން. އަޅުގަނޑަށް އިނގޭ ސުޕްރީމް ކޯޓުން ޖުޑިޝަލް އެކެޑެމީއާ ގުޅިގެން ފަނޑިޔާރުންގެ ފެންވަރު ރަނގަޅު ކުރުމުގެ މަސައްކަތްތަކެއް ކުރާކަން،" ފާއިޒު ވިދާޅުވި އެވެ.
ފަނޑިޔާރުންނާބެހޭ ގާނޫނުގެ 56 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ "ފަނޑިޔާރުންގެ މަގާމުގެ ކުރިއެރުން ދިނުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން މަދުވެގެން ކޮންމެ ދެ އަހަރުން އެއް އަހަރު ފަނޑިޔާރުންގެ ފެންވަރު ވަޒަން ކުރަންވާނެއެވެ. މިގޮތަށް ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ވަޒަންކުރާނ އަންނަނިވި ގޮތަށް ދަރަޖަ ދީގެންނެވެ."
ޖޭއެސްސީގެ މެމްބަރު ވިދާޅުވީ ފަނޑިޔާރުންގެ ފެންވަރު ވަޒަން ނުކުރެވި މިހާތަނަށް ގޮސްފައިވުމުގައި ސުޕްރިމް ކޯޓުގެ އަތެއްވާ ކަމަށެވެ. އެގޮތުން އެ ފަނޑިޔާރުން ވަޒަން ކުރުމުގެ މަސައްކަތް ކުރަން އުޅުމުން އެކަން ނުކުރެވޭނެ ކަމަށް ބުނެ ސުޕްރީމް ކޯޓުން ލިޔުމަކުން އެ ވާހަކަ ޖޭއެސްސީއަށް އަންގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ސީއެންއެމްއަށް އެނގިފައިވާ ގޮތުގައި ފަނޑިޔާރުންގެ ފެންވަރު ބެލުމުގެ މަސައްކަތް ކުރިއަށްގެންދެވޭނެ ކަމަށް ނުފެންނަ ކަމަށް ބުނެ ސުޕްރީމް ކޯޓުން ލިޔުމުން އެންމެ ފުރަތަމަ ޖޭއެސްސީއަށް އަންގާފައިވަނީ މީގެ ފަސް އަހަރު ކުރިން 14 މޭ 2014 ގައެވެ. އެ ލިޔުމުގައި ސޮއިކުރައްވާފައިވަނީ އޭރުގެ އުއްތަމަ ފަނޑިޔާރު އެވެ. އެ ސިޓީއާއެކު އެމަސައްކަތް ޖޭއެސްސީގައި ހުއްޓިފައިވާ ކަމަށް މެމްބަރަކު ވިދާޅުވި އެވެ.
"ފަނޑިޔާރުންގެ ފެންވަރު ވަޒަންކުރުމުގެ މަސްއޫލިއްޔަތާއި ބާރު އެއޮތީ ފަނޑިޔާރުންގެ ގާނޫނުގައި މުތުލަގަށް ޖޭއެސްސީއަށް ދީފައި. އެހެން ގާނޫނުގައި އޮއްވައި، ސުޕްރީމް ކޯޓަކަށް އެއްވެސް ގޮތަކަށް ހުރަހެއް ވެސް އަދި ދައްޗެއް ވެސް ނުކުރެވޭނެ އެ މަސައްކަތް ކުރާކަން،" ޖޭއެސްސީގެ މެމްބަރަކު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މީގެ ފަސް އަހަރު ކުރިން ފޮނުވި ސިޓީއާއެކު މަޑު ޖެހިފައި އޮތް މަސައްކަތް އަލުން ކުރަން ފެށުމުން ވެސް ދަތިތަކާއި ކުރިމަތިވި ކަމަށެވެ. ސުޕްރީމް ކޯޓް ދެވަނަ ފަހަރަށް ވެސް ލިޔުމެއް ފޮނުވި ކަމަށާއި ނަމަވެސް އެންމެ ފަހުން އެކަން ކުރަން އެއްބަސްވެފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ނުހިމަނައި ކަމަށް ވެއެވެ.
"ސުޕްރިމް ކޯޓުގެ ފަނޑިޔާރުންގެ ފެންވަރު ބެލޭނެކަން އެވަނީ ސާބިތުވެގެން ގޮސްފައި. ފެންވަރު ނެތްކަމަށް ޖޭއެސްސީން ކަނޑައަޅައިގެން ކުރީގެ އުއްތަމަ ފަނޑިޔާރާއި ސުޕްރިމް ކޯޓުގެ އިތުރު ފަނޑިޔާރަކު އެވަނީ ވަކިކޮށްފައި. އެވަރުން ވެސް ސުޕްރިމް ކޯޓުން ބުނެފައި އެވަނީ ސުޕްރިމް ކޯޓުގެ ފަނޑިޔާރުންގެ ފެންވަރު ނުބެލޭނޭ ކަމަށް. އެންމެ ފަހުން ސުޕްރިމް ކޯޓުގެ ފަނޑިޔާރުން ނުހިމަނައި ފަނޑިޔާރުންގެ ފެންވަރު ބެލުމުގެ މަސައްކަތް އާ ސަރުކާރު އައި ފަހުން ވަނީ ފަށާފައި،" މެމްބަރު ވިދާޅުވި އެވެ.
މެމްބަރު ވިދާޅުވީ ސުޕްރިމް ކޯޓުގެ ފަނޑީޔާރުން ނުހިމަނައި ފަނޑިޔާރުންގެ ފެންވަރު ބެލުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި ނަަމަވެސް އެ މަސައްކަތް ވެސް ކުރިއަށްދާން ޖެހޭ ބާރު މިނުގައި ކުރިއަށް ނުދަނީ ޖޭއެސްސީގެ ރިޔާސަތުން އެކަމަށް ދޭ މުހިންމުކަން ކުޑަކަމުން ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.
"މިއީ ވަރަށް ގިނަ ފަނޑިޔާރުންގެ ހައްގެއް. އެމީހުންގެ ފެންވަރު ބަލައި އެމީހުންނަށް ގާނޫނުގައި ބުނާ ކުރިއެރުން ދޭން ޖެހޭނެ. އެކަމަކީ އެއްވެސް ތަނަކަށް މީހަކަށް ބަޔަކަށް ހުއްޓުވޭނެ ކަމެއް ނޫން. އެއީ ޖޭއެސްސީން ކުރަންޖެހޭ މަސައްކަތެއް. އެމަސައްކަތަށް ހުރަސް އެޅިގެން ނުވާނެ އަދި އަޅައިގެންވެސް ނުވާނެ. ނަމަވެސް މިހާރު ވެސް އެކަމަށް ތައްޔާރުކުރި ރިޕޯޓާ މެދު ގޮތެއް ނުނިންމި ލަސްވަނީ ރިޔާސަތުން އެޖެންޑާގެ ކަންކަން ރާވާ ގޮތުން ކަމަށް ގަބޫލުކުރެވެނީ،" މެމްބަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފަނޑިޔާރުންގެ ފެންވަރު ބެލުމުގެ ކަންކަމަކީ ރައްޔިތު މީހާ އާ ވެސް ގުޅުން އޮތް ކަމެއް ކަމަށާއި ގާނޫނުގައި ބުނާ ފެންވަރު ހުރި ފަނޑިޔާރުން ކޯޓްތަކުގައި ތިބިކަން ކަށަވަރުކުރަންޖެހޭ ކަމަށެވެ. ސަބަބަކީ ފެންވަރު ނެތް ފަނޑިޔާރުންނާއެކު ޝަރީއަތް ކުރިއަށްގެންދާ ނަމަ އެކަމުން ގެއްލުންވަނީ ރައްޔިތު މީހާއަށް ކަމަށާއި އެހެންކަމުން ފަނޑިޔާރުންގެ ފެންވަރު ވަޒަންކޮށް ކުރިއެރުން ދިނުމަކީ އެއްގޮތަކަށް ވެސް މިހާ ގިނަ ދުވަހަށް ފަސްކޮށްފައި ބޭއްވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
ސުޕްރިމް ކޯޓުގެ ފަނޑީޔާރުން ނުހިމަނައި ފަނޑިޔާރުންގެ ފެންވަރު ބެލުމަށް ފެށި މަސައްކަތަށް ޖޭއެސްސީގެ ރިޔާސަތުން އިސްކަމެއް ނުދޭ ކަމަށް ޖޭއެސްސީގެ މެމްބަރަކު ވިދާޅުވުމުން އެކަމާއި ބެހޭ ގޮތުން ޖޭއެސްސީގެ ރައީސް އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފުގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.
ގާނޫނާ އެއްގޮތަށް ފަނޑިޔާރުންގެ ފެންވަރު ވަޒަން ކުރުމަށް ވެސް ސުޕްރީމް ކޯޓުން ހުރަސް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ