ސުޕްރީމް ކޯޓުގެ ނިންމުމާ ގުޅިގެން އީސީގެ މިނިވަންކަން ގެއްލިގެންދޭ: އެމްޑީޕީ

ސުޕްރީމް ކޯޓުން އިއްޔެ ނިންމި ނިންމުމާ ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ މިނިވަން މުސްތަގިއްލުކަން ގެއްލިގެންދާ ކަމަށް ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީން ބުނެފި އެވެ. ރާއްޖޭގެ އެންމެ މަތީ ކޯޓު ސުޕްރީމް ކޯޓުން އިއްޔެ ވަނީ، ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީން ބަލިވާ ކެންޑިޑޭޓުންނަށް ކުރިމަތިލުމަށް ހުރަހެއް ނެތް ކަމަށް އަމުރެއް ނެރެފަ އެވެ. އަދި އެއަމުރު އަމާޒުވަނީ އެމްޑީޕީއަށް ކަމަށް އިއްޔެ އެމްޑީޕީން ވަނީ ބުނެފަ އެވެ. މިއަދު އެމްޑީޕީ އިން އިލެކްޝަންސް ކޮމީޝަން ކުރިމަތީ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޕާޓީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު، އަދި ރައްޔިތުން މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާ މެމްބަރުން މުހައްމަދު އަސްލަމް ވިދާޅުވީ، އިލެކްޝަންސް ކޮމީޝަނުން އިންތިހާބަށް ވަކި ތާރީހުތަކެއް ކަނޑައަޅާފައިވަނިކޮށް، ޝަރުއީ ކޯޓުތަކުން އެ ތާރީހަށް ބަދަލު އަންނަ ގޮތަށް އަމަލު ކުރުމަކީ އެ ޕާޓީގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. "ސުޕްރީމް ކޯޓުން ނުވަތަ އެހެން ކޯޓަކުން ކަމުގައި ވިޔަސް ކޯޓުތައް މެދުވެރިވެގެން [އިންތިހާބުގެ] ތާރީހުތަކަށް ބަދަލު އަންނަ ގޮތަށް އަމަލު ކުރުމަކީ [އެމްޑީޕީގެ ކަންބޮޑުވުމެއް]. މީގެ ކުރީގެ އިންތިހާބުތަކުގައި މިހެން ވެފަ އެބަވޭ. އެހެންކަމުން އިލެކްޝަން ކޮމިޝަންގެ މިނިވަން މުސްތަގިއްލުކަން ގެއްލިގެން އެބަދޭ،" އަސްލަމް ވިދާޅުވި އެވެ. މިއަދު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން އަސްލަމް ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ އަސްލަމް ވިދާޅުވީ، އެފަދަ ކަންތައްތަކަށް ހައްލެއް ލިބެން ޖެހޭ ކަމަށާއި މަޖިލިސް އިންތިހާބު މިހާ ކައިރިވެފައި ވަނިކޮށް، އިންތިހާބު ތާރީހުތަކަށް ބަދަލު އަންނަ ނުޖެހޭ ގޮތަށް ކަންތައްތައް ކުރަން ޖެހޭ ކަމަށެވެ. "ޖުޑިޝަރީ އިސްލާހު ކުރުމަށް އެމްޑީޕީން ކުރާ މަސައްކަތުގައި މިކަން ކަމަށް ރިއާޔަތްކޮށް، މިހެން ނުވާނެ ގޮތަކަށް، ކަންކަން ކުރަން ބޭނުންވޭ. އަޅުގަނޑުމެންގެ އެޖެންޑާ 19ގެ ތެރެއިން އުފެދިގެން އަންނަ ގާނޫނުތަކަކީ، ސުޕްރީމް ކޯޓަށް ޗެެލެންޖް ނުކުރެވޭ ގޮތަށް އުފެދިގެން އަންނަ ގާނޫނުތަކެއް،" ގޮތަށް ހަދަން ބޭނުންވާ ކަމަށް އަސްލަމް ވިދާޅުވި އެވެ. "އިންތިހާބުގެ ތާރީހުތަކަށް ބަދަލު ގެނައުމަށް އީސީ އިން ގަސްތު ނުކުރޭ" ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީން ބަލިވާ ކެންޑިޑޭޓުންނަށް އިންތިހާބުގައި ވާދަކުރުމަށް ސުޕްރީމް ކޯޓުން ނިންމި ނިންމުމާ ގުޅިގެން އެމްޑީޕީން ވަނީ އެ ޕާޓީގެ ކަންބޮޑުވުންތައް ހިއްސާކުރުމަށް މިއަދު އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންނާ ބައްދަލު ކުރައްވައިފަ އެވެ. އިލެކްޝަންސް ކޮމިޝަނާ އެކު ބޭއްވި ބައްދަލުވުމާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމަތު ދެއްވުމުން އަސްލަމް ވިދާޅުވީ، ސުޕްރީމް ކޯޓުން އިއްޔެ ނެރުނު އަމުރާ ގުޅިގެން، އީސީ އިން މިހާރު ކަނޑައެޅިފާއިވާ އިންތިހާބުގެ ތާރީހުތަކަށް އަތުވެދާނެ ބަދަލުތަކާ ގުޅޭ ގޮތުން އެ ޕާޓީގެ ކަންބޮޑުވުން ކޮމިޝަނާ ހިއްސާ ކުރެއްވި ކަމަށެވެ. "އިލެކްޝަންސް ކޮމީޝަނުން އަޅުގަނޑުމެންނަށް ޔަގީންކަން ދެއްވި [ޕްރައިމަރީން ބަލިވި ކެންޑިޑޭޓުންނަށް] ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގެ އިތުރަށް، އެހެން ތާރީހުތަކަށް ބަދަލުގެނައުމަށް ގަސްތު ނުކުރާ ކަމަށް،" އަސްލަމް ވިދާޅުވި އެވެ. ސުޕްރީމް ކޯޓުގެ އަމުރާގުޅިގެން އިލެކްޝަންސް ކޮމިޝަނުން ވަނީ ޕްރައިމަރީން ބަލިވި ކެންޑިޑޭޓުން، އިއްޔެ އިން ފެށިގެން އިންތިހާބުގައި ވާދަކުރުމަށް މިއަންނަ ހަފްތާ ހޯމަ ދުވަހަށް ފުރުސަތު ހުޅުވާލައިފަ އެވެ. އަސްލަމް ވިދާޅުވީ، އެޕްޑީޕީގެ ކެންޑިޑޭޓުން ކަނޑައަޅަނީ، ނުފޫޒެއް ނެތި ބާއްވާ މިނިވަން ޕްރައިމަރީއަކުން ކަމަށާއި ސުޕްރީމް ކޯޓުގެ އަމުރާ އެކު އެގޮތަށް ބާއްވާ ޕްރައިމަރީއެއްގެ "ބޭނުން މިހާރު އުސޫލެއްގެ ގޮތުން ކެނޑިފައިވާ" ކަމަށެވެ. ޕްރައިމަރީގެ ބޭނުން ގާނޫނީ ގޮތުން އިތުރަށް ތަންފީޒު ކުރުމަށް ވެސް އިލެކްޝަންސް ކޮމިޝަނާ އެކު މަޝްވަރާ ކުރެވުނު ކަމަށް އަސްލަމް ވިދާޅުވި އެވެ. "ގާނޫނީ ގޮތުން މިކަން އިތުރަށް ތަންފީޒުކުުރުމާ ގުޅޭ ގޮތުން ގެނެވިދާނެ ބަދަލުތަކާ ގުޅޭ ގޮތުން [އީސީ އާއެކު] މަޝްވަރާކުރެވުނު. އަދި އޭގެ އިތުރުން [އެމްޑީޕީ] ޕާލިމަންޓަރީ ގުރޫޕާއެކު ވެސް މިއަދު މިކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރެވުނު." އަސްލަމް ބިދާޅުވި އެވެ. މިއަދު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ އަސްލަމް ވިދަޅުވީ، ޕާޓީގެ ޕާލިމަންޓަރީ ގުރޫޕުން އެކަމާ ގުޅިގެން އަޅާނެ ފިޔަވަޅެއް ނިންމާނެ ކަމަށެވެ. އެގޮތުން ގާނޫނު އަސާސީ އަށް ގެންނަން ޖެހޭ ބަދަލެއް ކަމުގައިވާ ނަމަ ނުވަތަ ގާނޫނަށް ގެންނަން ޖެހޭ ބަދަލެއް ކަމުގައިވާ ނަމަ އެ ބަދަލެއް ގެންނާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ. މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ ފަރާތުން އެޕާޓީގެ ޓިކެޓްގައި ވާދަ ކުރައްވާ ކެންޑިޑޭޓުން ކަނޑައަޅާފައި ވަނީ ޕްރައިމަރީ އަކުންނެވެ. ހަތްދިހަ ހަތް ދާއިރާގެ ޕްރައިމަރީ ބޭއްވި އިރު، ނުވަ ދާއިރާއެއްގައި އެންމެ ކެންޑިޑޭޓަކު ކުރިމަތިލާފައި އޮތުމުން ނުވަ ދާއިރާގެ ޕްރައިމަރީ ނުބާވަ އެވެ. އެޕްރީލް މަހު ބާއްވާ މަޖިލިސް އިންތިހާބުގައި އެޕާޓީގެ ފަރާތުން ވާދަ ކުރައްވަނީ 86 ދާއިރާއަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ