ސުޕްރީމް ކޯޓުން މިއަދު ނިންމި ނިންމުން އަމާޒުވަނީ މި ޕާޓީއަށް: އެމްޑީޕީ
ސުޕްރީމް ކޯޓުން ޕްރައިމަރީ އިން ބަލިވާ މީހުންނަށް ވާދަކުރެވޭ ގޮތަށް މިއަދު ނިންމި ނިންމުން އަމާޒުވަނީ އެމްޑީޕީ އަށް ކަމަށް އެ ޕާޓީން ބުނެފި އެވެ. މިއަދު ރާއްޖޭގެ އެންމެ މަތީ ކޯޓު ސުޕްރީމް ކޯޓުން ވަނީ ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީގައި ވާދަކޮށް، ނާކާމިޔާބުވާ ފަރާތްތަކަށް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރެވޭނެކަމަށް ކަނޑައަޅާފައެވެ. މަޖިލިސް އިންތިހާބާ ގުޅޭގޮތުން ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ޕާޓީގެ މަޖިލިސް އިންތިހާބުގެ ތަރުޖަމާނު އަފްޝަން ލަތީފް ވިދާޅުވީ، ޕްރައިމަރީން ބަލިވާ ކެންޑިޑޭޓުންނާ ގުޅޭގޮތުން ސުޕްރީމް ކޯޓުން ނިންމި ނިންމުން އަމާޒުވަނީ، އެޕާޓީއަށް ކަމަށާއި އެ ނިންމުމާ ދޭތެރޭ އެމްޑީޕީން ވަރަށް ހައިރާންވާ ކަމަށެވެ. "[ސްޕްރީމް ކޯޓުގެ] ނިންމުމާ ދެތޭރޭ އެމްޑީޕީ އިން ވަރަށް ހައިރާންވޭ. އެއީ އަޅުގަނޑުމެން ވިސްނާފައި އޮތްގޮތުން ޕްރައިމަރީ ބާއްވާފައި އޮތީވެސް ހަމައެކަނި އެމްޑީޕީން. އެހެން ކަމުން މި ނިންމުން އަމާޒު ވަނީ ވެސް އެމްޑީޕީއަށް،" އަފްޝަން ވިދާޅުވިއެވެ. އެމްޑީޕީގެ މަޖިލިސް އިންތިހާބާ ގުޅޭގޮތުން ތަރުޖަމާނު އަފްޝަން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ޓްވިޓާ ފޮޓޯ/ އެމްޑީޕީ އަފްޝަން ވިދާޅުވީ، އަމިއްލަ ގޮތުން އެގޮތަށް ވާދަކުރުމުން މީގެ ކުރިން ޕާޓީން ފިޔަވަޅު އަޅާފައިވާ ކަމަށެވެ. ނަމަވެސް މިއަދު ސުޕްރީމް ކޯޓުން ނިންމި ނިންމުމާ ގުޅިގެން ޕާޓީން އަމަލު ކުރައްވާނެ ގޮތެއް ލީޑާޝިޕުން ނިންމަވާނެ ކަމަށެވެ. "އަޅުގަނޑުމެންގެ އިންޓާނަލީ ވަކި މެކޭނިޒަމްތަކެއް، ވަކި އުސޫލުތަކެއް އެބަހުރި. ވަކި ސިޔާސަތުތަކެއް އެބަ ގެންގުޅެން، ވަކި އުސޫލުތަކެއް އެބަ ގެންގުޅެން. ޕާޓީން ވަނީ، މިކަހަލަ އަމަލުތައް ހިންގުމުން [ޕާޓީ މެމްބަރުން އަމިއްލަ ގޮތުން ވާދަކުރުމުން] ކުރީގަވެސް ފިޔަވަޅު އަޅުއްވާފައި. އަޅުގަނޑު ގަބޫލު ކުރަނީ ޕާޓީން ފިޔަވަޅު އަޅުއްވާނެ ކަމަށް. އަދި [ލީޑާޝިޕުން ގޮތެއް ނިންމުމަށް ފަހު] އަޅުއްވާ ފިޔަވަޅެއް އަޅުގަނޑުމެން ފަހުން ހިއްސާ ކުރާނަން،" އެމްޑީޕީގެ ޑެޕިއުޓީ ސެކްރެޓްރީކަން ވެސް ކުރައްވަމުން ގެންދަވާ އަފްޝަން ވިދާޅުވި އެވެ. ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީން 77 ދާއިރާގެ މަޖިލިސް ޕްރައިމަރީ ވަނީ ބާއްވާފައެވެ. އެންމެ ބޭފުޅަކު ކުރިމަތިލާފައި ވުމުން އެމްޑީޕީގެ ނުވަ ދާއިރާގެ ޕްރައިމަރީ ނުބާވައެވެ. އެ ޕާޓީން މަޖިލިސް އިންތިހާބުގައި ވާދަ ކުރައްވަނީ 86 ދާއިރާ އަށެވެ. މީގެ އިތުރުން އިދިކޮޅު "ޕްރޮގްރެސިވް ކޮންގްރެސް" ކޯލިޝަނުން ވަނީ ހަ ދާއިރާގެ ޕްރައިމަރީ ބާއްވާފައެވެ. އެކޯލިޝަންގެ ފަރާތުން ވާދަ ކުރައްވާ ބާކީ 43 ދާއިރާގެ ޓިކެޓް ދީފައިވަނީ ޕްރައިމަރީ އަކާ ނުލައެވެ. އެކޯލިޝަންގެ ފަރާތުން މަޖިލިސް އިންތިހާބުގައި ވާދަ ކުރައްވަނީ 49 ދާއިރާ އަށެވެ. އެ ޕާޓީއައެކު މަސައްކަތް ކުރައްވާ ޑީއާރުޕީން ވާދަ ކުރައްވަނީ، ފަސް ދާއިރާ އަށެވެ. އެހެން ހުރިހާ ދައިރާތަކުގައި ވެސް ސިޔާސީ ޕާޓީ ތަކުން ޓިކެޓް ދީފައިވަނީ ޕްރައިމަރީއަކާ ނުލައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ