މުސްލިމް އަންހެނުން މޫދަށް އެރެން ބޭނުންކުރާ، މޫނާއި ދެއަތްތިލަ ފިޔަވައި ހަށިގަނޑުގެ އެހެން ހުރިހާތަނެއް ނިވާވެފައި ހުންނަ ޚާއްސަ ހެދުން "ބުރްކިނީ" ލައިގެން މޫދަށް އެރުން ފަރަންސޭސިވިލާތުގެ ބައެއް ރަށްތަކުގައި މަނާކުރި މައްސަލާގައި ފަރަންސޭވިލާތުގެ އެންމެ މަތީ ކޯޓުން މާދަމާ (ހުކުރު ދުވަހު) ގޮތެއް ކަނޑައަޅާނެއެވެ.
ފަރަންސޭސި ސްޓޭޓް ކައުންސިލަށް މިމައްސަލަ ހުށަހަޅައިގެން އުޅެނީ އެގައުމުގެ ހިއުމަން ރައިޓްސް ލީގާއި، ފަރަންސޭސި މުޖުތަމައުގައި އިސްލާމްދީނާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކާ ދެކޮޅަށް ހަރަކާތްތެރިވާ ގްރޫޕަކުންނެވެ.
އެދެ ގްރޫޕުން ގެންދަނީ، ފަރަންސޭސިވިލާތުގެ ރަށެއްކަމަށްވާ ނިސްގެ ޓައުންއެއް ކަމަށްވާ "ވިލެނުއެވް-ލޯބެޓް" ގައި މުސްލިމުން އަންހެނުން "ބުރްކިނީ" ލައިގެން މޫދަށް އެރުން މަނާކުރި މައްސަލަ ސްޓޭޓް ކައުންސިލަށް ހުށަހަޅައި، އެނިންމުން ބަދަލުކުރުމަށް ކޯޓުގައި ވަކާލާތު ކުރަމުންނެވެ.
"ވިލެނުއެވް-ލޯބެޓް" ޓައުންއިން "ބުރްކިނީ" މަނާކުރުމާ ގުޅިގެން، އެގައުމުގެ އިތުރު ތިރީހަކަށް އަވަށުން ވަނީ އެފިޔަވަޅު އަޅާފައެވެ. އޭގެ ތެރޭގައި ގިނައީ ފަރަންސޭސި ދެކުނު ސަރަހައްދުގެ އަވަށްތައް ކަމަށް ވެއެވެ.
މިމައްސަލާގައި ސްޓޭޓް ކައުންސިލުން ގޮތެއް ކަނޑައަޅާނީ ފަރަންސޭސިވިލާތުގެ ގަޑިން ހުކުރު ދުވަހު މެންދުރުފަހު 3:00 ގައި (ޖީއެމްޓީ ގަޑިން މެންދުރުފަހު 13:00ގައި) ކަމަށް ޚަބަރު ލިބެއެވެ.
"ބުރްކިނީ" މަނާކުރި މައްސަލަ ނިސްގެ ރިވެއިރާ ސިޓީގެ ކޯޓަކަށް މިނިމުނު ހަފްތާގައި ހުށަހެޅުމުން ކޯޓުންވަނީ އެކަމަށް ތާއީދުކޮށް ހުކުމް ކޮށްފައެވެ.
ފަރަންސޭސިވިލާތުގައި "ބުރްކިނީ" މަނާކުރުމާ ގުޅިގެން އެގައުމާއި، ބައިނަލްއަގްވާމީ މުޖުތަމައުގައިވެސް ވަނީ ވަރުގަދަ ބަހުސެއް ފެށިފައެވެ. "ބުރްކިނީ" މަނާކުރުމަކީ ފަރަންސޭސި މުސްލިމް އަންހެނުންގެ ހައްގުތަކަށް އަރައިގަތުން ކަމަށާއި، އަދި ފަރަންސޭސިވިލާތަކީ ސެކިއުލަރ ގައުމަކަށްވާއިރު، އެފަދަ ފިޔަވަޅެއް އެޅުމަކީ ގަބޫލު ކުރެވޭނޭ ކަމެއް ނޫންކަމަށްވެސް ދެކޮޅު ފަރާތްތަކުން ބުނަމުން ގެންދެއެވެ.
މައްސަލަ އިތުރަށް ހޫނުވެ ހުޅުފަޅައިގެންދާގޮތްވީ، ނިސްގެ ބީޗެއްގައި އިށީނދެގެންހުރި މުސްލިމް އަންހެނެއް ވަށާލައި ހަތިޔާރުއެޅި ފުލުހުން ތިބި މަންޒަރާއި، އަދި އެ އަންހެންމީހާ އޭނާ ލައިގެންހުރި އަތްދިގު ޓޮޕް ބާލާ މަންޒަރު ފެންނަ ފޮޓޯތަކެއް މުޅި ދުނިޔޭގެ މީޑިއާގައި ފެތުރިގެން ދިއުމާ ގުޅުގެންނެވެ.
މިމައްސަލާގައި ނިސްގެ މޭޔަރުގެ އޮފީހުން ވަނީ، މުސްލިމް އަންހެންމީހާ ލައިގެންހުރި ހެދުން ފުލުހުން ބޭލުވިކަމަށް ދައްކާ ވާހަކަތައް ދޮގު ކޮށްފައެވެ.
އޭއެފްޕީއަށް މައުލޫމާތު ދެމުން ނިސްގެ މޭޔަރުގެ އޮފީހުން ބުނެފައިވަނީ، އަންހެންމީހާ އޭނާ ލައިގެންހުރި ޓޮޕް ބާލަނީ އޭނާ އެތެރެއިން ލައިގެންހުރި މޫދަށްއެރޭ ހެދުން ދެއްކުމަށް ކަމަށާއި، ފޮޓޯތައް ނަގާފައިވާ ވަގުތާއި އަންހެންމީހާ ޓޮޕްބާލަންއުޅޭ ވަގުތާ ދިމާވުމުން އެގޮތަށް ހީވަނީ ކަމަށެވެ.
ބީޗްގައި ހުރި މުސްލިމް އަންހެންމީހާ ފުލުހުން ޖޫރިމަނާ ކުރުމުން، އެ އަންހެންމީހާ އެތަނުން ވަގުތުން ދިޔައީކަމަށް މީޑިއާއިން ބުނެފައި ވެއެވެ.
"ބުރްކިނީ" މަނާކުރި މައްސަލާގައި ފަރަންސޭސި ސަރުކާރުގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ މޮރޮކޯ ދަރިކޮޅުގެ އެޑިއުކޭޝަން މިނިސްޓަރ ނަޖާތު ވަލައުދު ބަލްކާސިމް ވަނީ ހިތްޕުޅުހަމަޖެހިވަޑައި ނުގަންނަވާކަން ހާމަކުރައްވާފައެވެ. އޭނާ ވިދާޅުވީ، ފަރަންސޭސިވިލާތުން ޓެރަރިޒަމާއި ގުޅުވައި "ބުރްކިނީ" މަނާކުރުމަކީ ދެކޮޅުޖެހޭ ކަމެއްނޫން ކަމަށެވެ.
"އަޅުގަނޑުގެ ޚިޔާލުގައި، އައިއެސްއިން ހިންގާ ޓެރަރިޒަމާއި، އަންހެނުން ބީޗްގައިލާ ހެދުމާއި ގުޅުންވާކަމުގެ އެއްވެސް ހެއްކެތް ދެއްކޭކަށް ނޯންނާނެ" ނަޖާތު ވިދާޅުވިއެވެ.
އެކަމަކު "ބުރްކިނީ" މަނާކުރާ މައްސަލަ ފަރަންސޭސި ބޮޑުވަޒީރު މަނުއެލް ވާލްސްވަނީ ދިފާއު ކުރައްވާފައެވެ. އޭނާ ވިދާޅުވީ، ފަރަންސޭސި މުޖުތަމައުގެ ހަމަޖެހުން ގާއިމްކުރުމަށްޓަކައި އެއީ ކުރަންޖެހޭ ކަމެއް ކަމަށެވެ.
"އަޅުގަނޑުމެން މިއުޅެނީ އިސްލާމުންނާއެކު ހަނގުރާމަ އިޢްލާން ކޮށްގެނެއްނޫން. ފަރަންސޭސި މުޖުތަމައުން މުސްލިމުންނަށް މަރްހަބާކިޔާ. ތަފާތުކުރުންތަކުގެ ކުރިމަތީގައި އަޅުގަނޑުމެން އެމީހުން ހިމާޔަތްކުރަން" ބޮޑުވަޒީރު ވިދާޅުވެފައި ވެއެވެ.
"ބުރްކިނީ" މައްސަލާގައި ފަރަންސޭސި އެންމެމަތީ ކޯޓުން ގޮތެއް ކަނޑައަޅަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ