ޕްރީ ސްކޫލްތަކުގެ ކަރަންޓު ބިލަށް ހައްލެއް ލިބޭނެ ކަމަށް އުއްމީދުކުރެވޭ: ކުޅުދުއްފުށީ ކައުންސިލް

ކުޅުދުއްފުށީގެ ދެ ޕްރީ ސްކޫލް ކަމަށްވާ އަމީރު އަމީން ސްކޫލާއި އިރުމަތި އަވަށު ޕްރީ ސްކޫލްގެ ކަރަންޓު ބިލް ސަބްސިޑީ ކަނޑާލުމުން ބޮޑުވެފައިވާއިރު އެ ކަމަށް ފެނަކައިން ހައްލެއް ހޯދައިދެއްވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަލީ މުހައްމަދު ވިދާޅުވެއްޖެއެވެ.
ވިޔަފާރީގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ތަންތަނަށް ސަރުކާރުން ދެމުންގެންދިޔަ ކަރަންޓު ސަބްސިޑީ ކަނޑާލާފައިވާއިރު ކުޅުދުއްފުށީ ދެ ޕްރީސްކޫލްގެ ކަރަންޓު ސަބްސިޑިވެސް ވަނީ ކަނޑާލާފައެވެ.
“ކުޅުދުއްފުށި އޮންލައިން”އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އަލީ މުހައްމަދު ވިދާޅުވީ ޕްރީ ސްކޫލްތަކުގެ ކަރަންޓު ބިލްވެސް މި މަހު ބޮޑުވެފައިވާ ކަމަށާއި އެކަމުގެ ސަބަބުން ކައުންސިލުން ކުރަންޖެހޭ ހޭދަތައް އިތުރުވެ ދަތިތަކެއް ކުރިމަތިވާނެ ކަމަށެވެ.
ދެ ޕްރީ ސްކޫލަކީވެސް ކައުންސިލުން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތަކަށްވާއިރު ޕްރީ ސްކޫލްތަކަކީ ފައިދާއެއް ލިބޭ އަދި ފައިދާއެއް ހޯދުމަށް ހިންގާ ތަންތަނެއް ނޫން ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެހެންކަމުން ފެނަކައިން ކުޅުދުއްފުށީގެ ދެ ޕްރީ ސްކޫލްގެ ކަރަންޓު ބިލަށް އެދެވޭ ހައްލެއް ހޯދަވައިދެއްވާނެ ކަމަށް އުއްމީދުކުރެވޭ ކަމަށް އަލީ ވިދާޅުވިއެވެ.
އަލީ މުހައްމަދު ވިދާޅުވީ ކަރަންޓު ބިލް ބޮޑުވުމުން ކައުންސިލުން ކުރާ ހޭދަ އިތުރުވެގެންދާނެ ކަމަށާއި ނަމަވެސް ސްކޫލް ފީ ބޮޑުކުރަން އަދި ވިސްނާފައިނުވާ ކަމަށެވެ. ހައްލެއް ލިބޭނެ ކަމަށް އުއްމީދުކުރާއިރު ސްކޫލްގެ ފީ ބޮޑުކުރަން ވިސްނާނީވެސް އެހެން ގޮތެއް ނެތިއްޖެ ހާލަތެއްގައި ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
ކުޅުދުއްފުށީ ޕްރީ ސްކޫލްތަކަކީ އެހެން ގިނަ ރަށްތަކާ ތަފާތުކޮށް ރަށު ކައުންސިލުން ހިންގަމުންގެންދާ ދެ ސްކޫލެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ