ގަވަރުނަރު އަހުމަދު ނަސީރު ސޮއި ކުރައްވާފައިވާ ނޫޓު ނެރެނީ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަހުމަދު ނަސީރު ސޮއި ކުރައްވާފައިވާ ނޫޓު ނެރުމަށް ނިންމައިފިއެވެ.
އެމްއެމްއޭ އިން ބުނި ގޮތުގައި ގަވަރުނަރު އަހުމަދު ނަސީރު ސޮއި ކުރައްވާފައިވާ ނޫޓު ދައުރުވާ ފައިސާގެ ތެރެއަށް ނެރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތިން ވަނަ ދުވަހުއެވެ.
ދައުރުވާ ފައިސާގެ ތެރެއަށް އަންނަ މަހު ނެރޭ އެ ނޫޓްތަކަކީ، އަލުން ޗާޕުކުރަން ޖެހޭ ވަރަށް ސްޓޮކް ދަށްވުމުން، އަލުން ޗާޕުކޮށްގެން މިއަހަރުގެ ޖުލައި މަހުގެ ފަސް ވަނަ ދުވަހު ރާއްޖެއަށް ގެނެސް ދައުލަތުގެ ހަޒާނާގައި ރައްކާކޮށްފައިވާ 10 ރުފިޔާ އަދި 100 ރުފިޔާގެ ނޫޓެވެ.
އެ ދެ ނޫޓުގައިވާ ތާރީހަކީ 10 މާރިޗް 2018، 22 ޖުމާދަލްއާޚިރާ 1439 ކަމަށާއި އަލަށް ނެރޭ 10 ރުފިޔާ އަދި 100 ރުފިޔާގެ ނޫޓާއެކު މިހާރު ދައުރުވަމުންދާ 10 ރުފިޔާ އަދި 100 ރުފިޔާގެ ނޫޓު ބޭނުން ކުރެވޭނެ ކަމަށް އެމްއެމްއޭ އިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ