މަސްތުވާތަކެތީގެ މައްސަލައިގައި ހިމެނޭ ދެ ބިދޭސީން ޑީޕޯޓްކުރަން އެންގި ވާހަކަ ކޯޓުން ދޮގުކޮށްފި

ކަނޑު މަގުން ރާއްޖެ އެތެރެކުރަނިކޮށް އަތުލައިގަތް 24 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި ބިދޭސީންގެ ތެރެއިން ދެ މީހަކު ޑީޕޯޓް ކުރަން ކްރިމިނަލް ކޯޓުން އެންގި ކަމަށް ބުނެ ފުލުހުން އާންމުކުރި ޚަބަރު އެ ކޯޓުން މިއަދު ދޮގުކޮށްފި އެވެ.
ފުލުހުން އިއްޔެ ބުނެފައިވާ ގޮތުން އެ މައްސަލައިގައި ހައްޔަރުކުރި ބިދޭސީންގެ ތެރެއިން ޕާކިސްތާނުގެ ދެ މީހުން ޑީޕޯޓް ކުރަން ކްރިމިނަލް ކޯޓުން އޮތީ އަންގާފަ އެވެ.
އެކަން ދޮގުކޮށް ކްރިމިނަލް ކޯޓުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އެއީ ހަގީގަތާ ޚިލާފަށް ދީފައިވާ މައުލޫމާތެއް ކަމަށާއި އެފަދަ އެއްވެސް އެންގުމެއް ކޯޓުން އަންގާފައިނުވާ ކަމަށެވެ. ނަމަވެސް އެ ދެ މީހުން 15 ދުވަހަށް ބަންދުގައި ބަހައްޓަން އަމުރުކޮށް، އެ މުއްދަތުގައި އެ މީހުން އިމިގްރޭޝަނާ ހަވާލުކުރަން އެންގި ކަމަށް ކޯޓުގެ ބަޔާނުގައިވެ އެވެ.
"ބުނެވިދިޔަ އެ އަމުރުގެ އިތުރުން ބަޔާނުގައި ވަނީ (އެ ދެ މީހުން) ޑީޕޯޓް ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމާފައިވާ ކަމަށް ތަހުގީގުކުރާ ފަރާތުން ކްރިމިނަލް ކޯޓުގެ މުއްދަތު މަޖިލީހުގައި ބުނެފައިވާތީ އެ މުއްދަތުގައި (އެ ދެ މީހުން) ޑިޕާޓްމެންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނާ ހަވާކުރުމަށް އަންގާފައިވާ ކަމަށެވެ،" ކްރިމިނަލް ކޯޓުގެ ބަޔާނުގައިވެ އެވެ.
އެ ކޯޓުން ބުނި ގޮތުގައި އެއްވެސް މީހަކު ޑީޕޯޓްކުރުމާއި ޑީޕޯޓް ކުރަން އެންގުމަކީ އެ ކޯޓުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ކަމެއް ނޫނެވެ. އަދި އެފަދަ އެއްވެސް އެންގުމެއް މިހާތަނަށް ދައުލަތުގެ އެއްވެސް އިދާރާއަކަށް އެ ކޯޓުން އަންގާފައިނުވާނެ ކަމަށް ވެސް ކްރިމިނަލް ކޯޓުގެ ބަޔާނުގައިވެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ކޯޓުގެ ބަޔާނާ ބެހޭ ގޮތުން ވަކި އެއްޗެއް ބުނެވޭނީ އެކަން ހިނގި ގޮތް ބެލުމަށް ފަހު ކަމަށެވެ. އެކަން ބަލަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ