ގަލޮޅު ދެކުނު ދާއިރާގެ ވޯޓާސް ލިސްޓްގައި މައްސަލަ އެބަހުރި: މަހްލޫފް

މި މަހު 22 ގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގަލޮޅު ދެކުނު ދާއިރާގެ ވޯޓާސް ލިސްޓްގައި މައްސަލަ އެބަހުރި ކަމަށާއި ނަމަވެސް އިންތިހާބު ބޭއްވުމަށް ހުރަހަކަށް ނުވުމަށްޓަކައި ވޯޓާސް ލިސްޓްގައި ސޮއިކުރައްވާނެ ކަމަށް އެ ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފު މިރޭ ވިދާޅުވެއްޖެ އެވެ. ގަލޮޅު ދެކުނު ދާއިރާ އަށް މި ފަހަރު ވެސް ވާދަކުރައްވާ މަފްލޫފު، ވޯޓާސް ލިސްޓްތަކުގައި ސޮއިކުރެއްވުމުގެ ކުރިން ދަރުބާރުގޭގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ އިދާރީ ދާއިރާތައް ކަނޑައެޅުމަށް ފަހު، ގަލޮޅު ދެކުނު ދާއިރާ އަށް އަލަށް މީހުން ރަޖިސްޓްރީކޮށް، ވޯޓާސް ލިސްޓްގައި ހިމަނާފައިވާ ކަމަށެވެ. އިދާރީ ދާއިރާތައް ކަނޑައަޅާފައިވަނީ މިދިޔަ އަހަރުގެ ނިޔަލަށް އޮތް އާބާދީ އަށް ބަލައިގެންނެވެ. "[ނަމަވެސް އޭގެ ފަހުން] ހއ. ހޯރަފުށީ އާއިލާއެއް އަޅުގަނޑުމެންގެ ދާއިރާގައި އެބަ އޮތް ރަޖިސްޓްރީކޮށްލާފައި. މިގޮތަށް 18 މީހަކު މިހާތަނަށް ފާހަގަކުރެވިފައިވޭ،" މަހްލޫފު ވިދާޅުވި އެވެ.  ދާއިރާ ބަހައި ނިމުމަށް ފަހު، އަލަށް އުމުރުން 18 އަހަރު ފުރިގެން ނޫން ގޮތަކަށް ވޯޓާސް ލިސްޓަށް މީހަކު އިތުރު ވެގެން ވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް މަފްލޫފު ވިދާޅުވި އެވެ. އަދި އެއީ އިންތިހާބުގެ ނަތީޖާ ބަދަލުކުރުމަށް ލިބޭނެ ފުރުސަތެއް ކަމަށާއި އެހެންވެ އެ މައްސަލަ އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުއްވި ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެކަން އިސްލާހުވެފައި ނެތް ކަމަށް މަހްލޫފު ވިދާޅުވި އެވެ. ވޯޓާސް ލިސްޓްގައި މައްސަލަ ހުރި ކަމަށް މަހްލޫފު ވިދާޅުވިޔަސް، އިލެކްޝަންސް ކޮމިޝަންގެ ޑިރެކްޓަ ޖެނެރަލް މުހައްމަދު ޝަކީލް މިރޭ ވިދާޅުވީ ވޯޓާސް ލިސްޓަށް އެ ކޮމިޝަނުން އެއްވެސް ބަދަލެއް ނުގެންނަ ކަމަށެވެ. އަދި އިދާރީ ދާއިރާތައް ބެހުމަށް ފަހު ލިސްޓަށް ބަދަލު ގެނެސްފައިވާނީ ޑިޕާޓްމެންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަނުން އެންގުމުން ކަމަށް އޭނާ ވިދާޅުވި އެވެ. "މި އަހަރުގެ ފެބްރުއަރީ 5 ގެ ނިޔަލަށް، ދާއިމީ ރަޖިސްޓްރީ ބަދަލުކޮށްފައިވާ
މީހުން، އެ މީހުން ފަހުން ރަށްވެހި ވި ދާއިރާއެއްގެ ވޯޓާސް ލިސްޓްގައި
ހިމަނާފައިވާނެ. އެކަން ވެސް ކޮށްފައިވާނީ ޑީއެންއާރުން އެންގުމުން،" ޝަކީލު ވިދާޅުވި އެވެ. މިފަހަރުގެ އިންތިހާބުގައި 85 ދާއިރާ އަށް ވާދަކުރައްވާ 302 ކެންޑިޑޭޓުން ސޮއިކުރެއްވުން މިއަދު ހެނދުނުން ފެށިގެން މާލޭގެ ދަރުބާރުގޭގައި ކުރިއަށް އެބަ ދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ