އާ ގާނޫނުލްއުގޫބާތުގެ ދަށުން ފުރަތަމަ މައްސަލަ ހިތަދޫ ކޯޓުން ނިންމައިފި

މިދިޔަ ޖުލައި މަހު އަމަލުކުރަން ފެށި އާ ގާނޫނުލްއުގޫބާތުގެ ދަށުން ފުރަތަމަ ފަހަރަށް މައްސަލައެއް އިއްޔެ ނިންމައިފި އެވެ. ރާއްޖޭގައި މިހާތަނަށް ހެދި އެންމެ ބޮޑު ގާނޫނުގެ ގޮތުގައި މަޝްހޫރުވެފައިވާ އާ ގާނޫނުލްއުގޫބާތުގެ ދަށުން ސ. ހިތަދޫ ކޯޓުން ނިންމީ ޒިނޭގެ މައްސަލައަކާ ގުޅިގެން ދައުލަތުން ދައުވާކުރި މައްސަލައެކެވެ.މިދިޔަ ޖެނުއަރީ މަހު ހިތަދޫގައި ނަހަލާލަށް ވިހެއި އަންހެނެއްގެ މައްޗަށް ކުރި އެ ދައުވާ އަށް އިއުތިރާފްވުމުން އޭނާ 100 އެތިފަހަރުން ހައްދު ޖެހުމާ އެކު ހަތަރު މަހާއި 25 ދުވަހަށް ގޭގައި ބަންދުކުރަން ހިތަދޫ ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.އެ އަންހެން މީހާގެ މައްޗަށް ކޯޓުން ފުރަތަމަ ކަނޑައެޅީ ދެ މަހާއި 12 ދުވަހަށް ޖަލަށް ލާން ކަމަށް ވިޔަސް ގާނޫނުލް އުގޫބާތުގެ 1005 ވަނަ މާއްދާ އިން ގާޒީ އަށް ލިބޭ ބާރުގެ ދަށުން ޖަލު ހުކުމް ގޭ ބަންދަށް ބަދަލުކުރީ ކަމަށް ހިތަދޫ ކޯޓުގެ ހުކުމުގައިވެ އެވެ.އެ ހުކުމުގައި ފުރަތަމަ ކަނޑައެޅި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމަކީ ދައުވާ ލިބުނު މީހާ ކުރި ކުށުގެ ދަރަޖަ ކަމަށް ވާ ދެވަނަ ދަރަޖައިގެ ޖުނަހުގެ ކުށްތަކަށް ގާނޫނުލްއުގޫބާތުގައި ބުނެފައިވާ އަދަބެވެ. ގާނޫނުލްއުގޫބާތުގެ އަދަބު ކަނޑައެޅުމުގެ ތާވަލްގައި ބުނެފައިވާ އަދަބުތައް ވަކި އުސޫލުތަކެއްގެ ދަށުން ލުއިކޮށް ދިނުމުގެ ބާރު ފަނޑިޔާރުންނަށް އޮވެ އެވެ.އެ މައްސަލާގެ އިތުރުން މީގެ އަށް އަހަރު ކުރިން ޑިސެމްބަރު، 2006 ގައި ހިތަދޫގައި ނަހަލާލަށް ވިހެއި އަންހެނެއްގެ މައްޗަށް ވެސް އާ ގާނޫނުލްއުގޫބާތުގެ ދަށުން އެ ކޯޓުން އިއްޔެ ވަނީ އަދަބު ކަނޑައަޅައިފަ އެވެ.ދައުވާ އަށް އިއުތިރާފްވުމުން އޭނާ އަށް ވެސް އިއްވީ އަނެއް މީހާ އަށް ވެސް އިއްވި ހުކުމެވެ. އާ ގާނޫނުލްއުގޫބާތު ވުޖޫދަށް އައުމުގެ ކުރިން ކޮށްފައިވާ ކުށަކަށް އާ ގާނޫނުލްއުގޫބާތުގެ ދަށުން ހިތަދޫ ކޯޓުން އަދަބު ކަނޑައެޅީ ޒިނޭގެ ކުށަށް ކުރިން އޮންނަ އަދަބަށް ވުރެ މިހާރު ދެވެން އޮންނަ އަދަބު ލުއިވުމުންނެވެ.ގާނޫނު އަސާސީ ބުނާ ގޮތުން ކުށްކުރި ފަހުން ހުކުމް ކުރުމާ ދެމެދު ގާނޫނަށް ގެންނަ ބަދަލަކުން ލުޔެއް ދީފައިވާ ނަމަ ކުށްވެރިޔާ އަށް ދޭން ޖެހޭނީ ފަހުން ހެދުނު ގާނޫނުގައި ބުނާ ލުއި އަދަބެވެ.މި ދެ މައްސަލަ ވެސް ނިންމެވީ ސ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު ހާޝިމެވެ.ރާއްޖެއިން ބޭރުގެ ޕްރޮފެސަރެއް ކަމަށްވާ ޕޯލް ރޮބިންސަންގެ އެހީތެރިކަމާ އެކު ޑްރާފްޓްކޮށް، 10 އަހަރުގެ މަސައްކަތުން ވުޖޫދަށް ގެނައި އާ ގާނޫނުލްއުގޫބާތަކީ މިހާތަނަށް ރާއްޖޭގައި ގާނޫނެއް ހަދަން އެންމެ ގިނަ ވަގުތާއި ވަސީލަތްތައް ބޭނުންކުރި ގާނޫނެވެ. އާ ގާނޫނުލް އުގޫބާތުގެ މަސައްކަތް 2004 ގައި ސަރުކާރުން ފެށި ގޮތަށް އެ ގާނޫނު ވުޖޫދަށް ގެނެވުނީ މިދިޔަ އަހަރުގެ އޭޕްރީލް މަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ