އިންތިހާބު އިންސާފުވެރި ކުރުމުގެ ކަންކަން ފުރިހަމަ ކުރަން އިލެކްޝަނަށް ސުޕްރީމް ކޯޓުން އަމުރުކޮށްފި

ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބަކީ މިނިވަން އިންސާފުވެރި އިންތިހާބަކަށް ހަދަން ސުޕުރީމް ކޯޓުން އިލެކްޝަން ކޮމިޝަނުގެ މައްޗަށް އަމުރުކޮށްފި އެވެ.
ސުޕުރީމް ކޯޓުން މި ގޮތަށް އަމުރުކުރީ ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގުން ބައެއް ފަރާތްތަކަށް ގެއްލިފައިވާ ކަމަށާއި އިލެކްޝަން ކޮމިޝަނުގެ އައިޓީ ނިޒާމާމެދު ސުވާލު އުފައްދައި ގާނޫނީ ވަކީލް އަހުމަދު ޒަނީން އާދަމް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބެލުމަށްފަހު އެ ކޯޓުގެ ހަތް ފަނޑިޔާރުންތެރެއިން ފަސް ފަނޑިޔާރުންގެ އަޣުލަބިއްޔަތުންނެވެ.
ސުޕުރީމް ކޯޓުން ކުރި ހުކުމުގައި ބުނަނީ އިލެކްޝަންސް ކޮމިޝަނުން އެކުލަވާލާފައިވާ ވޯޓުލާ މީހުންގެ ލިސްޓުގައި މަރުވެފައިވާ މީހުންގެ ނަންތައް ވެސް ހިމަނާފައިވާ ކަމަށާއި، އަދި އެ ލިސްޓުގައި ހުރި މީހުންގެ ނަމާއި އެޑްރެސް ދިމާނުވާ ކަމަށް ކޯޓަށް ހުށައެޅި ބައެއް ލިޔެކިއުންތަކުން އެނގޭ ކަމަށެވެ. އަދި ބުނަނީ 2009 ވަނަ އަހަރުން ފެށިގެން 2012 ވަނަ އަހަރާއި ހަމައަށް މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީ ކޮށްފައިވާ މީހުންގެ ފުރިހަމަ މައުލޫމާތުތައް އިލެކްޝަންސް ކޮމިޝަންގެ ޑޭޓާބޭސްގައި ހިމަނާފައި ނުވާ ކަމަށާއި، އެހެންކަމުން އަންނަ ހޮނިހިރު ދުވަހު ބާއްވާ އިންތިހާބަކީ މިނިވަން އިންސާފުވެރި އިންތިހާބަކަށް ހެދުމަށް އިލެކްޝަނުން ކުރަންޖެހޭ އެންމެހައި ކަންތައް ކުރަން ކޮމިޝަނުގެ މައްޗަށް އަމުރުކުރާ ކަމަށެވެ.
ސުޕުރީމް ކޯޓުގެ ހުކުމުގައި އިތުރަށް ބުނެފައިވަނީ 18 އަހަރު ފުރުނު މީހުން ވޯޓުލާ މީހުންގެ ލިސްޓަށް އިތުރު ކުރުމާއި މަރުވާ މީހުންގެ ނަން ވޯޓުލާ މީހުންގެ ލިސްޓުން އުނި ކުރުމަކީ އެ ކޮމިޝަނުގެ މަސްއޫލިއްޔަތެއް ކަމަށާއި، ކޮމިޝަނުން އެފަދަ ވާޖިބުތައް އަދާކުރަންވާނީ ރައްޔިތުންގެ ޝަކުވާ ހުށައެޅުމުން ނޫން ކަމަށެވެ. ނަމަވެސް އިލެކްޝަން ކޮމިޝަނުން މިއިން އެއްވެސް ކަމަކަށް އިހުމާލުވެފައިވާކަމަށް ކޯޓުގެ ހުކުމުގައި ބުނެފައެއް ނުވެއެވެ.
ސުޕުރީމް ކޯޓުގެ މި ހުމުކަށް ރައުޔު ތަފާތުވި ދެ ފަނޑިޔާރުންނަކީ މި މައްސަލައިގެ ރިޔާސަތު ބެލެހެއްޓެވި އެ ކޯޓުގެ އިސް ފަނޑިޔާރު އަހުމަދު ފައިޒް ހުސެއިން އާއި، ފަނޑިޔާރު މުއުތަސިމް އަދުނާނެވެ. މި ދެ ފަނޑިޔާރުންގެ ރައުޔު ގައިވަނީ ރިޔާސީ އިންތިހާބަކީ މިނިވަން މުސްތަގިއްލު އިންތިހާބަކަށް ހަދަން ކޮމިޝަނުން އަދާ ކުރަންޖެހޭ ގާނޫނީ ވާޖިބުތައް އަދާކޮށްފައިވާ ކަމަށެވެ. އަދި ވޯޓުލުމުގެ ހައްގު ލިބިފައިވާ ކޮންމެ ރައްޔިތަކީ ވޯޓުލުމަށް ރަޖިސްޓްރީކޮށްފައިވާ މީހެއްތޯ އާއި، މިނިވަން އިންތިހާބެއް ބޭއްވުމުގައި ކޮމިޝަނުގެ އައިޓީ ނިޒާމު އޮޑިޓް ކުރުމަކީ އިންތިހާބު މިނިވަންކަމާއެކު ކުރިއަށް ގެންދިއުމަށް އޮތް ހުރަހެއް ކަމުގައި ދެކިވަޑައި ނުގަންނަވާ ކަމަށެވެ.
އެ ދެ ފަނޑިޔާރުންގެ ރައުޔުގައި އިތުރަށް ބުނެފައިވަނީ މި މައްސަލަ ސާބިތު ކުރުމަށް ޒަނީންގެ ފަރާތްޕުޅުން ހުށައަޅާފައިވާ ޑޮކިއުމަންޓު ތަކަކީ ރިޔާސީ އިންތިހާބު ސައްހަ ނޫން ގޮތަކަށް ދާނެ އިންތިހާބެއް ކަމަށް ކަނޑައެޅުމަށް ސާބިތުކުރެވިދާނެ ގާނޫނީ ހެއްކެއް ކަމުގައި ބަލައިނުގަންނަ ކަމަށެވެ. އަދި ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ އެންމެންނަކީ މާލޭގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކެއް ކަމަށް ގާނޫނުގައި ބުނެފައިވާ ކަމަށާއި، ދަފްތަރުގައި ހިމެނޭ އެއްވެސް މީހަކު މާލެ ނޫން އެހެން ރަށެއްގައި ވޯޓުލާނަމަ އެމީހަކު އަމިއްލައަކަށް ރަޖިސްޓްރީ ކުރުމަކީ އެފަރާތްތަކުގެ ޒިންމާއެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ