ޤައުމީ އިއްތިހާދު ޕާޓީން ދަނީ ޕީޕީއެމް ހަލާކުކުރަމުން: ޑރ. ޖަމީލް

ރައީސް ޑރ. މުޙައްމަދު ވަހީދު ލީޑަރުކަން ކުރައްވަމުން ގެންދަވާ ޤައުމީ އިއްތިހާދު ޕާޓީން ކެނޑިނޭޅި ޕީޕީއެމް ހަލާކުކުރުމުގެ މަސައްކަތް ކުރަމުންގެންދާ ކަމަށް ހޯމް މިނިސްޓަރު ކަމުން ވަކިކުރައްވާފައިވާ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓްގެ ރަނިންމޭޓް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.
ވީނިއުސްއަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ރައީސް ވަހީދު ސަރުކާރުގެ ފުރަތަމަ ހޯމް މިނިސްޓަރު ޑރ. ޖަމީލް ވިދާޅުވީ ރައްޔިތުންނަށް ހިދުމަތްކުރަން ތިއްބެވި ބަޔަކު އަސާސީ ކަމެއްގައި ރައްޔިތުންނަށް އޮޅުވާލާ އިޚްލާސްތެރިނުވެވޭނަމަ އެބަޔަކަށް ރައްޔިތުން އިތުބާރުކުރަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.
ޤައުމީ އިއްތިހާދު ޕާޓީއަށް ފާޑު ވިދާޅުވެ ދެއްވި އިންޓަވިއުގައި ޑރ. ޖަމީލް ވިދާޅުވީ ޤައުމީ އިއްތިހާދު ޕާޓީއާއި އެޕާޓީއާއި ގުޅިފައިވާ ޖަމާއަތްތަކުން ޕީޕީއެމްގެ މަޖިލިސް މެންބަރުންނަށާ، އެޕާޓީގެ އާންމު މެންބަރުންނަށް އަދި ޖުމްލަކޮށް ދިވެހި ރައްޔިތުންނަށް ހަޤީގަތް އޮޅުވާލަމުންގެންދާ ކަމަށެވެ.
"މިއަދު ރައީސް ވަހީދު އައްޑުއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާތީ ވަހީދުގެ އިސްތިޤުބާލަށް މީހުން ގެންދިއުމަށްޓަކައި ޕީޕީއެމްގެ އާންމު މެންބަރުންގެ ގޭގެއަށް ޤައުމީ އިއްތިހާދަށް ތާއީދުކުރާ ފަރާތްތަކުން ވަންނަމުން އެބަދޭ. އަދި ވަހީދު އައްޑުއަށް ކުރާ ދަތުރުގައި ޕީޕީއެމްގެ މެންބަރުން ބައިވެރިވެވަޑައިގަންނަވާ ކަމަށް ވިދާޅުވެ އޮޅުވާލައިގެން ރައީސް ވަހީދަށް މަރުހަބާ ކިޔުމަށްޓަކައި މީހުން ގެންދަން އެދަނީ މަސައްކަތް ކުރަމުން" ޑރ. ޖަމީލް ވިދާޅުވިއެވެ.
މިވަގުތު އައްޑޫގައި ހުންނެވި ޑރ. ޖަމީލް ވިދާޅުވީ މިއަދުގެ ސަރުކާރަށް ތާއީދުކޮށްގެން ނޫނީ އައްޑު އަތޮޅަށް ތަރައްޤީ ލިބެން ނެތް ކަމަށްވެސް ޤައުމީ އިއްތިހާދު ޕާޓީއާއި އެޕާޓީއާ ގުޅިފައިވާ ޖަމާއަތްތަކުން އައްޑޫގެ ރައްޔިތުންނަށް ވިސްނައިދެމުންދާ ކަމަށެވެ.
ރައީސް ވަހީދު ލީޑަރުކަން ކުރައްވަމުން ގެންދަވާ ޤައުމީ އިއްތިހާދު ޕާޓީން ޕީޕީއެމް ހަލާކުކޮށްލުމަށް މަސައްކަތް ކުރަމުންދާނަމަ ޕީޕީއެމުން އަޅާނެ ފިޔަވަޅަކީ ކޮބައިތޯ ދެންނެވުމުން ޑރ. ޖަމީލް ސީދާ އެސުވާލަކަށް ޖަވާބު ދެއްވާފައެއް ނުވެއެވެ.
ނަމަވެސް ޑރ. ޖަމީލް ވިދާޅުވީ ރައްޔިތުންނަށް ހިދުމަތް ކުރަން ތިބި ބަޔަކު އަސާސީ ކަންކަމުގައި ރައްޔިތުންނަށް އޮޅުވާލަމުން ގެންދާތީ އެކަންކަމާ ރައްޔިތުން ވިސްނާ ސަމާލުވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ޕީޕީއެމްގެ ފަރާތުން ޑރ. ޖަމީލް، ޤައުމީ އިއްތިހާދު ޕާޓީއަށް ފާޑު ވިދާޅުވެފައިވާއިރު، ޕީޕީއެމް އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވި ބައެއް ބޭފުޅުންނާއި ޕީޕީއެމްގެ މަޖިލިސް މެންބަރަކާއި އަދި ޕީޕީއެމްގެ ބައެއް ގޮފި ތަކުގެ އެންމެ އިސް ބޭފުޅުން ވަނީ ރައީސް ވަހީދުގެ ޤައުމީ އިއްތިހާދު ޕާޓީއަށް ސޮއިކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ