ޑީއާރްޕީ ލީޑަޝިޕްގެ ކޯޅުންތައް: ހޫނުވެގެންދިޔަ ކައުންސިލުގައި ތަސްމީނުގެ އިތުބާރު އޮތްތޯ ބަލަން ވޯޓުނަގައި ތަސްމީނަށް އިތުބާރު އޮތް ކަމަށް ވަނީ ފާސްވެފައި

އިއްޔެ ބޭއްވި ޑީއާރްޕީގެ ކައުންސިލު ބައްދަލުވުން ހޫނުވެ ޕާޓީގެ ލީޑަރުގެ އިހުލާސްތެރިކަމާ މެދު ސުވާލު އުފެއްދުމުން ލީޑަރު އަހުމަދު ތަސްމީނު އަލީގެ އިތުބާރު އޮތްތޯ ބެލުމަށް ވޯޓު ނަގައި ތަސްމީނަށް އިތުބާރު އޮތް ކަމަށް ކައުންސިލުގެ އިއްތިފާގުން ވަނީ ފާސްވެފަ އެވެ.ތަސްމީނުގެ އިތުބާރު އޮތްތޯ ބެލުމަށް މައްސަލަ ހުށަހެޅުއްވި ޑީރާއްޕީގެ ނައިބު ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު ސަންއެފްއެމް އޮންލައިނަށް ދެއްވި އިންޓަވިއުއެއްގައި މިއަދު ވިދާޅުވީ "އިއްޔެގެ ކައުންސިލުގެ ބައްދަލުވުން ފެށުނީ ހޫނުކަމާއެކު އެންމެ މަތީ ގިޔަރުގައި" ކަމަށާއި ތަސްމީނުގެ އިތުބާރު އޮތްތޯ ބަލަން ވޯޓެއް ނެގުމަށް ހުށަހެޅުއްވީ ބައެއް މެންބަރުން ތަސްމީނުގެ އިހުލާސްތެރިކަމާ މެދު ސުވާލު އުފައްދާތީ އެއީ ކޮންމެހެން ވެސް ކުރަންޖެހޭ ކަމަށް ފެނިވަޑައިގެން ކަމަށެވެ."ހިޔާލު ތަފާތުވެ ލީޑަރުގެ އިހުލާސްތެރިކަމާ މެދު ޝައްކު އުފެއްދުމުން މީޓީން ހޫނުވެގެންދިޔަ. އެ ހިސާބުން ލީޑަރު ވިދާޅުވީ ޕާޓީގެ އަސާސީ ގަވައިދު އޮންނަ ގޮތުން ލީޑަރު ވަކިކުރުމަކީ ފަސޭހަ ކަމައް ނޫނޭ. އެކަމަކު މި ކައުންސިލުން ތިމަންނާގެ އިތުބާރު ނެތް ކަމަށް ނިންމައިފިއްޔާ، ލީޑަރުކަމުން އިސްތުފާ ދެއްވައި ގެއަށް ވަޑައިގަންނަވާނަމޭ،" އަލީ ވަހީދު ވިދާޅުވި އެވެ. ތަސްމީނު އެހެން ވިދާޅުވީ ކައުންސިލު ހޫނުވެ ހިޔާލުތަފާތުވުމާ ގުޅިގެން، ހާއްސަކޮށް ތަސްމީނުގެ އިހުލާސްތެރިކަމާ މެދު ޕާޓީގެ ނައިބު ލީޑަރަކު ސުވާލުތައް އުފެއްދުމުން ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ."އެ ހިސާބުން އަޅުގަނޑު ވޯޓު ނަގަން ހުށަހެޅީމާ ހުސައިން މުހައްމަދު ތާއީދު ކުރެއްވީ. އިތުބާރު އޮތްތޯ ބަލަން ހުށަހަޅައިފައި އަޅުގަނޑު ދެންނެވިން މި ވޯޓުގައި ތަސްމީނުގެ އިތުބާރު ނެތް ކަމަށް ފާސްވެއްޖިއްޔާ އަޅުގަނޑު ވެސް ނުކުންނާނީ ތަސްމީނާ ދެކޮޅަށޭ، މިކަން ހައްލުކުރަންޖެހެއޭ،" އޭނާ ވިދާޅުވި އެވެ.އިއްޔެގެ ވޯޓުގައި ކައުންސިލުގެ 26 މެނަބަރުން ވޯޓުދިނެވެ. އެ ވޯޓުގައި އުމުރު ނަސީރާއި އިލްހާމް ބައިވެރިވެވަޑައިނުގަންނަވައި ބައްދަލުވުން ދޫކޮށް ވަޑައިގަތީ އެވެ."ޑިސިޕްލިނަރީ ކޮމެޓީއަށް ފޮނުވަން ނިންމުމުން އުމުރާއި އިލްހާމު ވަޑައިގަތީ. ޒައީމުގެ ދެ ބޭފުޅުން ވެސް ވޯޓު ދެއްވި. އަދި އުމުރުގެ މައްސަލައިގެ ވޯޓުގައި އެ ދެ ބޭފުޅުން ބައިވެރިވެވަޑައެއް ނުގަންނަވާ. މިވާހަކަ ދަންނަވާލީ އެ ދެ ބޭފުޅުންގެ ވޯޓު ލެއްވި ގޮތުގެ ވާހަކަ މީޑިޔާގައި އަނބުރާލާފައިވާތީ."  އަލީ ވަހީދު ވިދާޅުވީ ޑީއާރްޕީ ތެރޭގައި މިވަގުތު "ތަޅާފޮޅުންތަކެއް" އޮތީ ލެޓަހެޑެއް ނުވަތަ މުޒާހަރާއެއްގެ މައްސަލައަކާ ހެދި ނޫން ކަމަށާއި "މިއީ ޕަވާ ސްޓްރަގްލް ނުވަތަ ބާރުވެރިކަމުގެ ހަނގުރާމައެއް" ކަމަށެވެ. "މިއީ ޑީއާރްޕީއަށް އެހާ ހެލްދީ ކަމެއް ނޫން."އަލީ ވަހީދު ވިދާޅުވީ މިވަގުތު ޑީއާރްޕީގެ ތެރޭގައި ވާއެއްނުވާއެއް ރައްޔިތުންނަށް އޮޅުންނުފިލާ ކަމަށާއި ޕާޓީގެ މި ހަމަނުޖެހުންތަކުގެ ހުރިހާ ފައިދާއެއް ރައީސް މުހައްމަދު ނަޝީދު ނަންގަވަމުން ގެންދަވާ ކަމަށެވެ. އަލީ ވަހީދު ވިދާޅުވީ މި މައްސަލަ ފެށުނީ ޕާޓީގެ ލީޑަރު ތަސްމީނު ކެންޔާ އަށް ވަޑައިގަތުމުގެ ކުރިން ޑިޕިއުޓީ ލީޑަރުންނާ އަމިއްލަފުޅު ގޮތުން ހިއްސާ ކުރައްވައި، ބިން ވިއްކުމާއި ކައުންސިލު އިންތިހާބުގެ ކަންތައް ސަރުކާރުން ގެންދާ ގޮތާ ދެކޮޅުހެދުމަށް ބޮޑު މުޒާހަރާއެއް ކުރަން ނިންމި ހިސާބުން ކަމަށެވެ."މިހާރު މުޒާހަރާއެއް ކުރަން އުޅުއްވާ ބޭފުޅުން ބޭނުންފުޅުވަނީ ތަސްމީނު ވަޑައިގަތުމުގެ އެއް ދުވަސް ކުރިން މުޒާހަރާއް ބާއްވަން. މި ހަސީލަތާމެދު ވެސް ސުވާލު އުފެދޭ. ތަސްމީނު ބައިވެރިނުކޮށް މުޒާހާރާއެއް ބޭއްވުމުގެ ފަހަތުގައި ވަނީ ކޮންއެޖެންޑާއެއްތޯ؟" އޭނާ ސުވާލު ކުރެއްވި އެވެ.އަލީ ވަހީދު ވިދާޅުވީ ޑީއާރްޕީ އަކީ ވަރަށް ތަފާތު ހިޔާލުތައް ފެތުރިފައިވާ ބޮޑު ޕާޓީއެއް ކަމަށާއި ޕާޓީގެ ކަންކަން  ބޭރަށް ނުކުމެ ތަޅާފޮޅާ ހިސާބަށް ދިއުމުން މެންބަރުން ތިބީ މާޔޫސްވެފައި ކަމަށެވެ. މިގޮތަށް ދާނަމަ ހުދުމުހުތާރު ވެރިކަމާ ކުރިމަތިނުލެވޭނެ ކަމަށާއި ޑީއާރްޕީ އޮންނަންޖެހޭނީ އެއް ބައެއްގެ ގޮތުގައި ކަމަށެވެ. އަދި ވިދާޅުވީ ޕްރެޒިޑެންޝަލް މެޓީރިއަލް ލިބިވަޑައިގެން ޑީއާރްޕީގައި މިވަގުތު ތިއްބެވީ ތަސްމީނާއި އަބްދުﷲ ޝާހިދު ކަމަށާއި އެ ދެ "ޕްރޮޑްކްޓް" ޑީއާރްޕީގެ އެތެރޭގެ ކޯޅުންތަކުގައި ހަލާކުކޮށްލައިފިނަމަ ޑީއާރްޕީގެ މިސްރާބު ހިފައިދޭނެ މާލިމީންތައް ގެއްލޭނެ ކަމަށެވެ.ޕާޓީގެ ނައިބު ލީޑަރު އުމަރު ނަސީރާ ތިން ފަހަރު މަތިން ވާހަކަ ދައްކަވައި މިކަމުގައި ފަހަތަށް ޖެހިވަޑައިގެން ސުލްހަވެރި ހައްލެއް ހޯއްދެވުމަށް އާދޭސްކުރައްވާފައިވާނެ ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ."އަޅުގަނޑު ގޮވައިލަން އިލްހާމަށް ވެސް އުމަރަށް ވެސް ސުލްހަވެރިކަމާއެކު އެއްބައިވުމަށް. އަޅުގަނޑު މި ހުރީ އެހީތެރިވެދޭން ތައްޔާރަށް،" އޭނާ ވިދާޅުވި އެވެ. "ކައުންސިލުން ތަސްމީނަށް ތާއީދު އޮތް ކަމަށް ފާސްވުމުން ލީޑަރަށް އެހީތެރިވުމުގައި ދެމިހުރުމަށް ލާޒިމުކުރޭ. އެ ނިންމުން ނިންމާފައި ވަނީ ޕާޓީގެ އެންމެ ބާރުގަދަ ގުނަވަނުން."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ