ސިއްހީ ދާއިރާގެ ޓްރަސްޓް ފަންޑެއް ހުޅުވައިފި

ސިއްހީ ދާއިރާގެ އެކި ކަންކަމަށް ހޭދަކޮށް އެ ދާއިރާ ތަރައްގީކުރުމުގައި އަމިއްލަ ފަރުދުންގެ ހިއްސާ އިތުރުކުރުމުގެ ބޭނުމުގައި "ސިއްހީ ހިދުމަތުގެ ޓްރަސްޓް ފަންޑް"ގެ ނަމުގައި މިއަދު ފަންޑެއް ހުޅުވައިފި އެވެ. ޓްރޭޑާސް ހޮޓަލުގައި މިއަދު އޮތް ރަސްމިއްޔާތުގައި މި ފަންޑް ހުޅުވައިދެއްވީ ރައީސް މުހައްމަދު ވަހީދެވެ. މި ޖަލްސާގައި ރައީސް ވިދާޅުވީ ސިއްހީ ދާއިރާ އަށް ބަޖެޓުން ބޮޑު ހޭދައެއް ކުރާ ކަމަށް ދެއްކި ނަމަވެސް ބަޖެޓުގައި ސިއްހީ ދާއިރާ އަށް ކަނޑައަޅާފައިވާ 2.4 ބިލިއަން ރުފިޔާގެ ތެރޭގައި ސީދާ ސިއްހަތާ ނުގުޅޭ އެތައް ކަންތައްތަކެއް ވެސް ހިމެނިފައިވާ ކަމަށެވެ. މީގެ ތެރޭގައި އެންސްޕާގެ ބަޖެޓު ވެސް ހިމެނޭ ކަރަންޓް ސަބްސިޑީ އާއި އެކަނިވެރި މައިންނާއި އެ ނޫން ވެސް ތަފާތު ހަރަދުތައް ހިމެނޭ ކަމަށް ރައީސް ވިދާޅުވި އެވެ. "ހަގީގަތުގައި ސިއްހީ ދާއިރާ އަށް ކުރަންޖެހޭ ހަރަދު އަޅުގަނޑުމެންނަކަށް މިއަދަކު ނުކުރެވޭ. އޭގެ ނަތީޖާއެއްގެ ގޮތުން މިއަދު އަޅުގަނޑުމެންނަށް މަޖުބޫރު މި ވަނީ އެހެނިހެން ގޮތް ގޮތުން އެހީތެރިކަން ހޯދަން،" ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ ޓްރަސްޓް ފަންޑްގެ ބޭނުމަކީ ސިއްހީ ކަންކަން މިހާރަށް ވުރެ ރަނގަޅު ކުރުމަށްޓަކައި އަމިއްލަ ފަރާތްތަކުގެ ބައިވެރިވުން ލިބޭނެ ފުރުސަތެއް ތަނަވަސްކޮށްދިނުން ކަމަށެވެ. ނަމަވެސް މި ފަންޑް ދެމި އޮންނަނީ އެސެޓްތަކެއް ފަންޑަށް ލިބިގެން ކަމަށާއި އެކަމަށް އެންމެހާ ފަރާތްތަކުން މަގުފަހިކޮށްދީ އަދި އަމިއްލަ ފަރާތްތަކަށް ވެދެވެން އޮތް އެހީތެރިކަމެއް ފޯރުކޮށްދިނުމަށް ވެސް ރައީސް ގޮވައިލެއްވި އެވެ. މި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު ޑރ. އަހުމަދު ޖަމްޝީދު މުހައްމަދު ވިދާޅުވީ ސިއްހީ ދާއިރާ އަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރާ ތަކެތި އަގު ބޮޑުވުން ކަމަށާއި ސިއްހީ ދާއިރާ އަށް ކުރަންޖެހޭ ހޭދަ އެކަމުގެ ސަބަބުން އަހަރުން އަހަރަށް އިތުރުވަމުންދާ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ސިއްހީ ދާއިރާގެ ބަޖެޓު އެކުލަވާލީ ވެސް ކިރިޔާ ސަލާމަތްވާ ވަރަށް ކަމަށްވީ ނަމަވެސް ބަޖެޓުގައި ހިމެނި ފައިސާގެ ތެރެއިން މަޖިލީހުން ފާސްކުރި އިރު 200 މިލިއަން ވުރެ ބޮޑަށް މަދުކޮށްފައިވާ ކަމަށެވެ. މިކަމުގެ ސަބަބުން އެ ހަރަދުތައް ފޫބައްދާނެ އެހެން ގޮތެއް ހޯދަންޖެހިފައިވާ ކަމަށާއި ޓްރަސްޓް ފަންޑްގެ ސަބަބުން މި ކަންމަށް ހައްލެއް ލިބިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. ޑރ. ޖަމްޝީދު ވިދާޅުވީ ކޮންމެ ދުވަހަކު ވެސް ސިއްހީ ދާއިރާ އިން އެތައް ޝަކުވާއެއް ލިބެމުން އަންނަ ކަމަށާއި މީގެ ތެރޭގައި ތަންތަނާއި ތަކެތި މަރާމާތުނުކުރެވިގެން ކުރާ ޝަކުވާތައް ހިމެނޭ ކަމަށެވެ. ނަމަވެސް މި އަހަރުގެ ބަޖެޓުގައި މަރާމާތުކުރުމަށް އެއްވެސް ފައިސާއެއް ނެތުމުން ވަރަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މިއަދު އިފްތިތާހުކުރި ޓްރަސްޓް ފަންޑަކީ ސިއްހީ ދާއިރާ އަށް ބޭނުންވާ ވަސީލަތްތަކާއި މީހުން ބިނާކޮށް އެ ދާއިރާ އިތުރަށް ތަރައްގީކުރުމުގެ ގޮތުން ހެލްތު މިނިސްޓްރީގެ ބެލުމުގެ ދަށުން ގާއިމުކޮށްފައިވާ ފަންޑެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ