ތަބާވާންވީ ސުޕްރީމް ކޯޓުގެ ކޮން އެންގުމަކަށް؟
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން މުހައްމަދު ފަހުމީ ހަސަން ވަކިކުރި މައްސަލައާ ގުޅޭ ގޮތުން އުއްތަމަ ފަނޑިޔާރަށް އެނގިވަޑައިނުގެން ސުޕްރީމް ކޯޓުގެ ހަތަރު ފަނޑިޔާރަކު ނެރުއްވި "އަމުރަށް" ތަބާވާން ނުޖެހޭނެ ކަމަށް ގާނޫނީ ބައެއް ވަކީލުން މިއަދު ވިދާޅުވެއްޖެ އެވެ. ފަހުމީ މަގާމުން ވަކިކުރީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފައި ވަނިކޮށް ފަހުމީގެ ބަދަލުގައި މަޖިލީހުން ހޮވި ފާތުމަތު ރީނީ އަބްދުއްސައްތާރާ މަގާމުގެ ހުވާކުކުރުން ފަސްކޮށްފައި ވަނީ ސުޕްރީމް ކޯޓުގެ ހަތަރު ފަނޑިޔާރަކު ނެރުއްވި "އަމުރު"ގެ ސަބަބުންނެވެ. އުއްތަމަ ފަނޑިޔާރު ވިދާޅުވެފައި ވަނީ އެއީ އެމަނިކުފާނާއި އިތުރު ދެ ފަނޑިޔާރަކަށް އެނގިވަޑައިނުގެން ސުޕްރީމް ކޯޓުގެ ޕްރޮސީޖާއާ ހިލާފަށް ނެރުނު "އެއްޗެއް" ކަމަށެވެ. އެކަމަކު އަމުރު ނެރުއްވި ހަތަރު ފަނޑިޔާރުން އެ ވާހަކަ ދޮގުކުރައްވަ އެވެ. ކޯޓުތަކާ ބެހޭ ގާނޫނުގެ ހަތަރު ވަނަ މާއްދާގެ (ނ)ގައި ބުނަނީ ސުޕްރީމް ކޯޓުގެ އެންމެ އިސް ފަރާތަކީ އުއްތަމަ ފަނޑިޔާރު ކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ ގަވާއިދުގައި ބުނަނީ ސުޕްރީމް ކޯޓުގެ އެއްވެސް ލިޔުމެއްގައި އެ ކޯޓުގެ ސިއްކަ ޖެހޭނީ އުއްތަމަ ފަނޑިޔާރުގެ އެންގުމަކަށް، ލިޔުމުން ރަޖިސްޓްރާ ދީފައިވާ ހުއްދައެއްގެ ދަށުން އެކަނި ކަމަށެވެ. "ކޯޓުތަކުގެ ގާނޫނަށް ބެލުމުންނާއި ސުޕްރީމް ކޯޓުގެ ގަވާއިދުގައި، އެ ކޯޓުގެ ސިއްކަ ޖެހުމާ ބެހޭ ގޮތުން އޮންނަ ބައި ބެލުމުން އެކަނި ވެސް އެބަ އެނގޭ އުއްތަމަ ފަނޑިޔާރަކީ އެންމެ އިސް ފަރާތް ކަމަށާއި އުއްތަމަ ފަނޑިޔާރުގެ ނިންމެވުން އެއީ އެންމެ ފަހުގެ ނިންމެވުންކަން. އަދި އެ ބުނާ އަމުރު ނެރުނީ އަޣުލަބިއްޔަތުން ކަމަށް ވިޔަސް އެކަން ކުރީ އުއްތަމަ ފަނޑިޔާރަށް އެނގިވަޑައިނުގެން ކަމަށް ވިދާޅުވާ ނަމަ އެ ލިޔުމުގައި ކޯޓުގައި ޖަހާފައިވާ ތައްގަނޑަކީ ވެސް ސައްހަ އެއްޗަކަށް ނުވާނެ،" ގާނޫނީ ވަކީލަކު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ހަތަރު ފަނޑިޔާރަކު ވެގެން "އެއްޗެއް" ނެރުނީ އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒް ފަނޑިޔާރުންގެ މަޖިލިސް ބާއްވައިނުދެއްވުމުން ކަމަށް ވިޔަސް އަމިއްލަފުޅަށް އެ ހަތަރު ފަނޑިޔާރުންނަށް އެގޮތަށް ކަންތައް ނުކުރެއްވޭނެ ކަމަށެވެ. "ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ ގަވާއިދަށް ބަލާއިރު އެ މަޖިލީހުގެ ޖަލްސާއެއް، ކޮންމެ ފަނޑިޔާރަކު ހުށަހެޅުއްވިޔަސް ބާއްވަން ޖެހޭ. އެކަމަކު އެ ގަވާއިދުގައި އެބަ ބުނޭ މަދުވެގެން ފަސް ފަނޑިޔާރުން ތިއްބަވައިގެންނޭ މަޖިލިސް ބޭއްވޭނީ. އަމުރު ނެރުއްވި ހަތަރު ފަނޑިޔާރުން ފިޔަވައި ދެން ތިއްބެވި ފަނޑިޔާރުންނަށް އެނގިވަޑައި ނުގެން ކުރެއްވި ކަމަކަށްވާ ނަމަ އެ މަޖިލިސް ބޭއްވި ކަމަށް މި ބެލެވެނީ ހަތަރު ބޭފުޅުންނާ އެކު، އެހެންވެ ގާނޫނީ އަދަދު ވެސް ހަމައެއް ނުވޭ،" އެހެން ވަކީލަކު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ފަނޑިޔާރުންގެ މަޖިލީހުގެ ބައްދަލުވުން ބާއްވަދޭން ޖެހޭނެ ކަމަށް ގަވާއިދުގައި ބުނާއިރު އެކަން އުއްތަމަ ފަނޑިޔާރު ނުކޮށްދެއްވައިފި ނަމަ ދެން ތިއްބެވި ފަނޑިޔާރުންނަށް އެގޮތަށް އަމުރު ނެރުއްވޭނެ ކަމަށް ގަބޫލުނުކުރެއްވޭ ކަމަށާއި ޖެހޭނީ އެކަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅަން ކަމަށެވެ. ރީނީ ހުވާކުރެއްވުން ހުއްޓުވި ފަނޑިޔާރުން ގަބޫލުކުރައްވާ ގޮތުގައި ފަހުމީ މަގާމުން ވަކިކުރުމުގެ ޕްރޮސީޖާ ފުރިހަމަ ނުވަނީސް އެ މަގާމަށް ބޭފުޅަކު ކަނޑައެއް ނޭޅޭނެ އެވެ. "އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އުއްތަމަ ފަނޑިޔާރު އެއްފަރާތްކޮށް، އެގޮތަށް އަމުރުތައް ނެރެން ވެއްޖެ ނަމަ އުއްތަމަ ފަނޑިޔާރުގެ ބޭނުމެއް ނެތް. އަނެއްކާ ހަތަރު ފަނޑިޔާރުންގެ އަމުރަށް ފަހު އުއްތަމަ ފަނޑިޔާރު ބަޔާނެއް ނެރުއްވުމުން އޭގެ މާނަ އަކީ އުއްތަމަ ފަނޑިޔާރުގެ ބަހޭ އިސްވާނީ. އެ އަމުރު ގޯހޭ އުއްތަމަ ފަނޑިޔާރު ވިދާޅުވުމުން ދެން އިތުރު ސުވާލެއް ނެތް،" ވަކީލަކު ވިދާޅުވި އެވެ. މި މައްސަލާގައި އެހެން ވަކީލަކު ވިދާޅުވީ ސުޕްރީމް ކޯޓަށް މީހަކު މައްސަލައެއް ހުށަހެޅި ނަމަވެސް އެ މައްސަލައަކާ މެދު އަމުރު ނެރު ގޮތެއް ނިންމޭނީ މައްސަލައެއް ހުށަހަޅައި، ތާވަލްކުރުމުގެ އިޖުރާއަތްތައް ފުރިހަމަވެގެން ކަމަށާއި ފަހުމީގެ މައްސަލާގައި އެ ހުރިހާ ކަމެއް ފުރިހަމަވި ކަމެއް ވެސް ނޭނގޭ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި "އަމުރު" ނެރުމަށް ފަނޑިޔާރު އަލީ ހަމީދު ސޮއިކުރެއްވި އިރު މައްސަލައިގެ މަސްލަހަތު އޮތް ފަހުމީ އަކީ އަލީ ހަމީދުގެ މައްސަލަ ބަލައި ޖޭއެސްސީގައި އިންނަވާ ބޭފުޅަކަށް ވުމުން އަލީ ހަމީދުގެ މިކަމުގައި ތަނާޒުލް ވާން ވެސް ޖެހޭނެ އެވެ. "ގާނޫނާއި ގަވާއިދުތަކަށް ބަލާއިރު އާއި އުއްތަމަ ފަނޑިޔާރުގެ ބަޔާނަށް ބަލާއިރު ހަތަރު ފަނޑިޔާރުންގެ އަމުރު ބާތިލް،" އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ