ރިޔާސީ ރޭހުގައި މިވަގުތު ތިއްބެވި ކެންޑިޑޭޓުންގެ ތެރެއިން އެންމެ އިހްލާސްތެރި ލީޑަރަކީ ގާސިމް އިބްރާހިމް ކަމަށާ އެހެންކަމުން ކޮންމެ ބޭފުޅަކު ކޮންމެ ވާހަކައެއް ދެއްކިނަމަވެސް ރިޔާސީ ރޭހުން ގާސިމް އިބްރާހިމް ފަހަތަށް ޖެހިވަޑައިނުގަންނަވާނެކަމަށް ޖުމްހޫރީ ގުޅުމުން ބުނެފި އެވެ.
މާފަންނު ކުނޫޒްގައި މިއަދު ބޭއްވި ޖުމްހޫރީ ގުޅުމުގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ޖުމްހޫރީ ޕާޓީގެ ނާއިބް ލީޑަރު އަދި ގެމަނަފުށި ދާއިރާގެ މެންބަރު އިލްހާމް އަހްމަދު ވިދާޅުވީ ގާސިމް އިބްރާހިމް ރިޔާސީ ރޭހުން ފަހަތަށް ޖެހޭނެ އެއްވެސް ސަބަބެއް ނެތް ކަމަށާ ގާސިމް ހުންނަވާނީ ރައްޔިތުންގެ ކެންޑިޑޭޓެއްގެ ގޮތުގައި ރިޔާސީ ރޭހުގައި ކަމަށެވެ.
އިލްހާމް ވިދާޅުވީ ރިޔާސީ ރޭހުގައި ތިއްބެވި ކެންޑިޑޭޓުންގެ ތެރެއިން ގާސިމް އިބްރާހިމަކީ ދިވެހި ރައްޔިތުންނާއި މިގައުމަށް އެންމެ އިހްލާސްތެރި ލީޑަރުކަން ކުރީގެ ރައީސުންނާއި ދައުލަތުގެ އިސް މަގާމުތައް ފުރުއްވާފައިވާ އެތައް ބޭފުޅުންނަކާ ދިވެހި ރައްޔިތުން ގަބޫލުކުރައްވާ ކަމަށެވެ. އެހެންކަމުން ގާސިމް އިބްރާހިމް ރިޔާސީ ރޭހުން ފަހަތަށް ޖެހެންޖެހޭ ސަބަބެއް ނެތް ކަމަށާ އަދި އެއީ ދިވެހި ރައްޔިތުން ގަބޫލުކުރާނެކަމެއް ނޫންކަމަށްވެސް އިލްހާމް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިތިބީ ވަރަށް ބުރަ މަސައްކަތް ކުރަން ގާސިމް އިންތިހާބު ކުރުމަށް. ދިވެހި ރައްޔިތުންނަށްޓަކައި އެމަނިކުފާނު ވަނީ ބުރަ މަސައްކަތްތަކެއް ކުރައްވާފައި. އެހެންކަމުން އަޅުގަނޑުމެންގެ ލީޑަރު ފަހަތަކަށް ނުޖެހޭނެ" އިލްހާމް ވިދާޅުވި އެވެ.
މީގެ އިތުރުން އިލްހާމް ވިދާޅުވީ ރައްޔިތުން މިއަދު ބޭނުންވަނީ ނަޝީދު ރިޔާސީ ރޭހުން ފަހަތަށް ޖެހެންޖެހޭ ކަމަށެވެ.
އިލްހާމް ވިދާޅުވީ ރާއްޖޭގައި ތިއްބެވި ގިނަ އަދަދެއްގެ މަޝްހޫރު ދީނީ އިލްމުވެރިންގެ ބަސް ނަޝީދާ މެދު އިއްވައިފި ކަމަށާ އިލްމުވެރިންގެ ބަހަކީ އަގުހުރި މަތިވެރި ބަސްތަކަކަށްވާއިރު ހަމައެކަނި އެކަމަށް ވިސްނާލުމުންވެސް ނަޝީދު ރިޔާސީ ރޭހުން ފަހަތަށް ޖެހެން ޖެހޭ ކަމަށެވެ.
ނަޝީދަކީ މީގެ ކުރިން ރައްޔިތުންނަށް ހިދުމަތްކުރަން ލިބުނު ފުރުސަތުގައި އެކަން ނުކުރެވި ފޭލްވެފައިވާ ބޭފުޅެއް ކަމަށާ އެހެންކަމުން ނަޝީދަށް ދެން އާއެކޭ ބުނަންޖެހޭ ސަބަބެއް ނެތްކަމަށް އިލްހާމް ވިދާޅުވި އެވެ.
"ތަފާތު އެތައް ސަބަބަކާ ހުރެ ކެނެރީގެ ނަޝީދު ތައުބާވުމަށް ދީނީ އިލްމްވެރިން ވަނީ ގޮވާލައްވާފައި. އެހެންކަމުން މަނިކުފާނު ތައުބާވެ ރިޔާސީ ރޭހުގައި ފަހަތަށް ޖެހުމަށް ދީނީ އިލްމްވެރިން ތައުބާވުމަށް ގޮވާލި ފަދައިން ގޮވާލަން. މަނިކުފާނު ފަހަތަށް ޖެހިގެން ގައުމުގެ މިނިވަންކަމާއި އިސްތިގުލާލް ހިފެހެއްޓޭނީ" އިލްހާމް ވިދާޅުވި އެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޖުމްހޫރި ޕާޓީގެ ޕާލިމެންޓްރީ ގުރޫޕްގެ މެންބަރު އަދި ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޝިފާޤު މުފީދު ވިދާޅުވީ ފުރަތަމަ ބުރުން ރިޔާސީ އިންތިހާބު ނިންމާ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހު ވެރިއަކު އިންތިހާބުކުރަން ބޭނުންނަމަ ފަހަތަށް ޖެހެންޖެހެނީ ރައީސް ނަޝީދު ކަމަށެވެ.
ޝިފާގު ވިދާޅުވީ ރައްޔިތުންގެ ބޭނުންތައް ނޭނގޭ ވެރިއަކު ދެން ރައްޔިތުން އިންތިހާބުނުކުރާނެ ކަމަށާ ގާނޫންތަކާއި ގަވާއިދުތަކަށް ގޮންޖަހާ ވެރިއަކު ރައްޔިތުން ބޭނުންނުވާ ކަމަށެވެ.
ނަޝީދުގެ ތިން އަހަރުގެ ވެރިކަމުގައި ދިވެހި ރައްޔިތުންނަށް ގެނެސްދިނީ މާޔޫސްކަމާއި ހިތްދަތިކަން ކަމަށާ އެހެންކަމުން ރައްޔިތުންގެ ހައްގުގައި ރިޔާސީ ރޭހާއި ވަކިވާންޖެހެނީ ނަޝީދު ކަމަށް ޝިފާގު ވިދާޅުވި އެވެ.
"ނަޝީދަށް 2008 ގައިވެސް ވެރިކަން ލިބުނީ އަޅުގަނޑުމެން ޖުމްހޫރީ ޕާޓީއާ އަދާލަތު ޕާޓީންވެސް މަސައްކަތް ކޮށްގެން. އެކަމަކު މަނިކުފާނުގެ ތިން އަހަރުގެ ވެރިކަމުގައި އެތައްކަމެއް ގޯސްކޮށް ކުރެއްވި. އެހެންވީމާ މިހާރު އަޅުގަނޑުމެން މިގޮވާލަނީ މަނިކުފާނު ފަހަތަށް ޖެހުމަށް": ޝިފާގު ވިދާޅުވި އެވެ.
މި ބައްދަލުވުމުގައި މަދަނީ އިއްތިހާދުގެ ރައީސް އައްޝައިޚް މުހައްމަދު ދީދީ ވިދާޅުވީ ނަޝީދުގެ ވެރިކަމުގައި ރައްޔިތުންނާއި މިގައުމަށް އެއްވެސް އިޚްލާސްތެރިކަމެއް ބަހައްޓާފައި ނުވާ ކަމަށެވެ. އެކަން އިއްޔެ މަގާމުން ދުރުކޮށްފައިވާ ދައުލަތުގެ ބަންޑާރަނާއިބް އަލްއުސްތާޒާ އައިޝަތު އާޒިމާ ޝަކޫރު މީޑިޔާތަކަށް ފޮނުއްވާފައިވާ ބަޔާނުންވެސް ހާމަވެފައިވާކަމަށް ވެސް ދީދީ ވިދާޅުވި އެވެ.
ރިޔާސީ ރޭހުގައި ފަހަތަށް ޖެހެންވާ ފަރާތަކީ ނަޝީދު: އިލްހާމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ