ދުނިޔާގެ މަސްތުވާތެކެއްޗާއި ބޮޑެތި ކުށްކުރުމުގައި ހަރަކާތްތެރިވާ އަރުމޭނިއާގެ ދެބެއިންކަމަށްވާ އަރުތޫރު ސަގަރްސިޔަން އާއި އަރުތޫރު އަރުތަގް ސަގަރްސިޔަން ދެބެންނާއި ރާއްޖޭގެ ބަޔަކާއި ގުޅިގެން 126 ބަކަރި އާއި 50 ކޭސް ބިސް ރާއްޖެ އެތެރެކޮށްފައިވާ ކަމަށް ދާންދޫ ދާއިރާގެ މެމްބަރު މުހައްމަދު ރިޔާޒު ވިދާޅުވެއްޖެއެވެ.
ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރުވަލާ ކޮމެޓީއަށް ކަސްޓަމްސްގެ އިސްވެރިންނަށް ހާޒިރުވުމަށް ދެންނެވުނު ކޮމެޓީގެ ބައްދަލުވުމުގައި މެމްބަރު ރިޔާޒު އަރްތޫރު ބްރަދާސްއާ ގުޅުންހުރިކަމަށް ބުނާ ހަތަރު މައްސަލައަކާބެހޭ މައުލޫމާތު ހިއްސާކުރަމުން މެމްބަރު ރިޔާޒު ވިދާޅުވީ 126 ބަކަރީގެ ތެރެއިން 51 ބަކަރިއާއި އާއި 50 ކޭސްބިސް ރާއްޖެ އެތެރެކޮށް ބޭނުންކޮށްފިކަމަށާއި މައްސަލަ ޖެހިގެންއުޅެނީ އެތެރެކުރި 126 ބަކަރީގެ ތެރެއިން މަރުވި 75 ބަކަރީގެ މައްސަލަކަމަށެވެ.
"އަޅުގަނޑުމެންނަށް ލިބުނު މައުލޫމާތުގެ އަލީގައި އަޅުގަނޑުމެންނަށް އެބައިނގޭ މި އަރްތޫރު ބްރަދާސްއިން ރާއްޖެ އެތެރެކޮށްފިކަން 51 ބަކަރި. އަދި އޭގެއިތުރުން 50 ކޭސް ބިސް. އެ 51 ބަކަރި އާއި 50 ކޭސްބިސް ރާއްޖެއެތެރެކޮށް ބޭނުންކޮށްފި. މައްސަލަ ޖެހިގެން މިއުޅެނީ 75 ބަކަރި. އޭގެތެރެއިން ކަސްޓަމްގެ ރިޕޯޓުގައި އެބަހުރި އޭގެ ބައެއް ބަކަރިތައް ނައްތާލި ވާހަކަ، އަދި އަނެއްބައި ބަކަރިތައް ރީއެކްސްޕޯރޓްކުރި ވާހަކަ،" އަރްތޫރު ބްރަދާސްއިން ރާއްޖެ އެތެރެކުރި ކަމަށް ތުހުމަތުކޮށް މެމްބަރު ރިޔާޒު ވިދާޅުވިއެވެ.
މީގެ އިތުރުން މެމްބަރު ރިޔާޒު ވިދާޅުވީ އެމީހުން ބަކަރި ރާއްޖެ އެތެރެކޮށްފައިވަނީ މަސްތުވާތަކެތި ރާއްޖެ އެތެރެކޮށް މަސްތުވާތަކެތީގެ ވިޔަފާރި ކުރުމަށް ކަމަށެވެ.
"އަޅުގަނޑު މެމްބަރުންގެ ސަމާލުކަމަށް ގެންނަންބޭނުންވަނީ ޕޫޖާ އެކްސްޕޯރޓް ނަމަކަށް ކިޔާ އެކުންފުންޏަކީ ދިވެހި ރާއްޖެއަށް އަލަށް ބަކަރި އެތެރެކުރާ ބައެއް. އަދި މިހާހިސާބަށް މައުލޫމާތު ލިބޭގޮތުގައި ބަކަރީގެ ތެރޭގައި މަސްތުވާތަކެތި ގެނެސް، މާލެއަތޮޅުގެ އެކިއެކި ރަށްރަށުގަ ކަންނެލީގެ ބަނޑުގަ ޔޫރަޕަށް މަސްތުވާތަކެތި އެކްސްޕޯޓް ކުރާކަމުގެ މައުލޫމާތު އެބަލިބޭ،" އަރްތޫރު ބްރަދާސްއާއި ރާއްޖޭގެ ބަޔަކު ގުޅިގެން މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމަށް ތުހުމަތު ކުރައްވާ މެމްބަރު ރިޔާޒު ވިދާޅުވިއެވެ.
އިތުރުރަށް މެމްބަރު ރިޔާޒު ވިދާޅުވީ ކަސްތަމްސްގެ އިންޓަލިޖެން ރިޕޯޓްގައި ފާހަގަ ކޮށްފައިވާ ކަސްޓަމްސްގެ "އޭ ފޯމް" (މުދާ އިމްޕޮޓް ކުރުމަށްޓަކައި ބޭނުންކުރާ) ނަމްބަރު 1331 R ފޯމް ކަސްޓަމްސްގެ ސިސްޓަމުން ނައްތާލާފައިވާ ކަމަށާއި އެކަން ކޮށްފައިވާކަމަށް ގަބޫލު ކުރެވެނީ އެފޯމްގައި އެމުދަލުގެ ތަފްސީލްތައް އެގެން އޮންނާތީކަމަށް ލަފާކުރެވޭ ކަމަށްވެސް މެމްބަރު ރިޔާޒު ވިދާޅުވިއެވެ.
އެމައްސަލާގެއ އިތުރުން ކޮމެޓީއަށް މެމްބަރު ރިޔާޒު ހުށަހަޅާފައިވާ އަނެއް ތިން މައްސަލައަކީ ގާނޫނާހިލާފަށް ދެ މައިކްރޯލައިޓް ކުޑަ މަތިންދާ ބޯޓަކާއި ރޭސް ކާރަކާއި އޮލިމްޕަހަށް ގެނައި އަގުބޮޑު ޕްރޮޖެކްޓަރެއްގެ މައްސަލަތަކެކެވެ.
އޭގެތެރެއިން މައިކްރޯލައިޓް ދެ މަތިންދާ ބޯޑު އެތެރެކޮށް، އެ ދެ ބޯޓް ކަސްޓަމްސްއިން ދޫކޮށްފައިވަނީ ދައްކަންޖެހޭ ޑިއުޓީ ނެގުމަށްފަހު ޔޫތް މިނިސްޓްރީންނާއި ޓޫރިޒަމް މިނިސްޓްރީންނާއި އޭވިއޭޝަން ޑިޕާޓްމަންޓުގެ ސިޓީއަކުން އެ ދެ ބޯޓު ދޫކޮށްދޭން އެދުމުން ކަމަށް ކަސްޓަމްސްއިން ކޮމެޓީގައި ބުނެފައިވެއެވެ.
އަދި ރޭސްކާރު ރާއްޖެ ގެނެސްފައިވަނީ އެމްއެންޑީއެފުން ހުޅުމާލޭގައި ބޭއްވި ކާރުރޭސް އިވެންޓަށް ކަމަށާއި އެކާރުވެސް ޓޫރިޒަމް މިނިސްޓްރީގެ އެދުމުގެ މަތީން ޑިއުޓީ ނަގަންޖެހޭ އުސޫލުން ޑިއުޓީ ނެގުމަށްފަހު ދޫކޮށްފައިވާ ކަމަށްވެސް ކަސްޓަމްސްއިން ބުނެއެވެ.
ޕްރޮޖެކްޓަރުގެ ޑިއުޓީ ނުނަގާ ކަސްޓަމްސްއިން ދޫކޮށްފައިވާ މައްސަލާގައި ކަސްޓަމްސްއިން ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކެބިނެޓް ސެކްރެޓަރީ ޑރ.އަބްދުﷲ ނަޒީރު، އެޕްރޮޖެކްޓަރަކީ އޮލިމްޕަހަށް މީހަކު ހަދިޔާކުރެއްވި އެއްޗެއް ކަމަށާއި އެހެންކަމުން ޓޫރިޒަމް އާރޓްސް އެންޑް ކަލްޗަރ މިނިސްޓްރުގެ އެދުމުގެ މަތިން އެޕްރޮޖެކްޓަރު ދޫކޮށް ދިނުމަށް އެދިފައިވާކަމަށެވެ. ޑިއުޓީ ނުނަގާ އެ ޕްރޮޖެކްޓަރު ދޫކޮށްފައިވަނީ،، ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނީ ގޮތުން ލިބިވަޑައިގަންނަވާ ބާރެއްގެ ދަށުން ކަމަށާއި އަދި ރައީސް އޮފީހުން ޕްރޮޖެކްޓަރު ދޫކޮށްދިނުމަށް އެދުމުންކަމަށްވެސް ޕްރިންސިޕަލް ކަލެކްޓާރ އޮފް ކަސްޓަމް މުހައްމަދު އަޝްވާން ވިދާޅުވިއެވެ.
ހުޅުމާލޭގައި އެމްއެންޑީއެފްއިން ބޭއްވި ކާރު ރޭސް ރަސްމިއްޔާތަށާއި އެމްއެންޑީއެފް އިން މަސައްކަތްކޮށް އަލުން މަރާމާތުކޮށް ހުޅުވި އޮލިމްޕަސް ހުޅުވުމުގެ ރަސްމިއްޔާތުގައިވެސް އަރްތޫރު ބްރަދާސްގެ ދެބެން ބައިވެރިވެފައިވެއެވެ. ކުލަގަދަ ރަސްމިއްޔާތަކާއެކު އޮލިމްޕަސް ހުޅުވައިދެއްވީ ރައީސް ޑރ.މުހައްމަދު ވަހީދު އެވެ. ކާރުރޭސް ހުޅުވައިދެއްވީ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އާއި ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބުގެ އިތުރުން އަރްތޫރް ބްރަދާސްގެ ދެބެންނެވެ.
ސަރުމާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމެޓީއަށް އެމައްސަލަތައް ބެލުމަށް ހުށަހެޅުއްވީ ތިމަރަފުށި ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރު އަހުމަދު ޝަރީފްއެވެ. މެމްބަރު ޝަރީފު އެމައްސަލަތައް ބެލުމަށް ކޮމެޓީއަށް ހުށަހެޅުއްވީ މަޖިލީހުގެ ފްލޯގައި ދާންދޫ ދާއިރާގެ މެމްބަރު މުހައްމަދު ރިޔާޒު އެމައްސަލަތަކުގެ ވާހަކަތައް މަޖިލީހުގެ ތަޅުމުގައި އުފުލާފައިވާތީ، އެމައްސަލަތަކަކީ ވަރަށް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ދެކެވަޑައިގަންނަވާތީކަމަށް މެމްބަރު ޝަރީފު ވިދާޅުވިއެވެ.
އަރްތޫރު ބްރަދާސްއިން 126 ބަކައްޓާއި 50 ކޭސް ބިސް އެތެރެކޮށްފައިވޭ: މެމްބަރު ރިޔާޒް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ