މައިލޯ އިންޓަ ސްކޫލް ވޮލީބޯޅަ މުބާރާތް: ށ. އަތޮޅު ތައުލީމީ މަރުކަޒު ޗެމްޕިއަންކަން ހޯދައިފި

މައިލޯ އިންޓަ ސްކޫލް ވޮލީބޯޅަ މުބާރާތުގެ 19 އަހަރުން ދަށުގެ ފިރިހެން ބައިގެ ފައިނަލުގައި އިއްޔެ މަދަރުސަތުލް އަހުމަދިއްޔާ އަތުން ސީދާ ތިން ސެޓުން މޮޅުވެ، ށ. އަތޮޅު ތައުލީމީ މަރުކަޒުން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ. ޒުވާނުންގެ މަރުކަޒުގައި އިއްޔެ ކުޅުނު މުބާރާތުގެ ފައިނަލުގައި އަހުމަދިއްޔާ އަތުން ށ. އަތޮޅު ތައުލީމީ މަރުކަޒު މޮޅުވީ 25-17، 25-22 އަދި 25-22 އިންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދީ ށ. އަތޮޅު ތައުލީމީ މަރުކަޒުގެ އިބްރާހިމް ސާއިފެވެ. މި މުބާރާތުގެ ގަދަ ހަ ކުޅުންތެރިންނަށް ހޮވުނީ ވިލާ އިންޓަނޭޝަނަލް ހައިގެ މުހައްމަދު ނާޒީހު ރަޝީދާއި އަހުމަދިއްޔާގެ ހަސަން ނާޝިދާއި ސީއެޗްއެސްއީގެ ހުސެއިން އާރިފާއި ށ. އަތޮޅު ތައުލީމީ މަރުކަޒުގެ މުހައްމަދު ޝަރްފާނާއި އިބްރާހިމް ސާއިފް އަދި މެޕްސް ކޮލެޖުގެ އަހުމަދު ނާއިފެވެ. މި މުބާރާތުގެ 19 އަހަރުން ދަށުގެ ބައިގެ އެންމެ މޮޅު ކޯޗަކަށް ކޯޗަކަށް ހޮވުނީ ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގެ ހަސަން އަގްލީނެވެ. ވިލާ ވަނީ މުބާރާތުގެ 19 އަހަރުން ދަށުގެ އަންހެން ބައިގެ ޗެމްޕިއަންކަން ވެސް ހޯދައިފަ އެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި ވަކިވަކި މަގާމުތައް ހޮވުނު ކުޅުންތެރިންނަށް އިނާމު ދެއްވީ ހިރިޔާ ސްކޫލް ޕްރިންސިޕަލް އިސްމާއިލް މަޝްރޫފެވެ. ދެވަނަ ޓީމާއި ތިން ވަނަ ޓީމަށް މެޑަލް ހަވާލުކޮށްދެއްވީ ވޮލީބޯލް އެސޯސިއޭޝަންގެ ހަޒާންދާރު އަހުމަދު ހުސެއިން (ދޮނާ) އެވެ. ޗެމްޕިއަން ޓީމަށް ޓްރޮފީ އާއި މެޑަލް ހަވާލުކޮށްދެއްވީ ވޮލީބޯލް އެސޯސިއޭޝަންގެ އެކްސްކޯ މެމްބަރު އަލީ ލަތީފު (ޑިލައިޓް އައްޔަ) އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ