ސްކޫލް ކްރިކެޓް ލީގު 2013: ތާޖުއްދީނާއި އިސްކަންދަރު މޮޅުވެއްޖެ

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އިން އިންތިޒާމް ކޮށްގެން ބާއްވާ ފިލިޕްސް ސްކޫލް ކްރިކެޓް ލީގް 2013ގެ 13 އަހަރުން ދަށުގެ އުމުރުފުރައިގެ މެޗު ތަކުގެ ތެރެއިން އިއްޔެ ކުޅުނު ފުރަތަމަ މެޗް، ތާޖުއްދީން ސްކޫލް އަދި ދެވަނަ މެޗް އިސްކަންދަރު ސްކޫލް ކާމިޔާބު ކޮށްފި އެވެ.
އިއްޔެގެ ފުރަތަމަ މެޗުން ކަލާފާނާ ވާދަކޮށް ތާޖުއްދީން މޮޅުވީ ފަސް ވިކެޓުންނެވެ. މެޗްގެ ޓޮސްދިމާވުމުން ކަލާފާން ކުޅެންއަރާ 15 އޯވަރުގެ ތެރޭގައި ތިން ކުޅުންތެރިން ނުބައިވެގެން ހެދިފައިވަނީ 177 ލަނޑެވެ. ޖަވާބުގައި ތާޖުއްދީން ކުޅެންއަރާ 15 އޯވަރުގެތެރޭގައި ފަސް ކުޅުންތެރިން ނުބައިވެގެން 179 ލަނޑުހެދިއެވެ.
އެ މެޗުގައި ކަލާފާނުން އެންމެ ރަގަޅަށް ކުޅުނީ ނުބައިނުވެ 31 ލަނޑުހެދި އިމާން އެވެ. އަދި ތާޖުއްދީނުން އެންމެ ރަގަޅަށް ކުޅުނީ ނުބައިނުވެ 34 ލަނޑުހެދި ރިސާންއާއި 31 ލަނޑުހެދި ސަޖީއު އެވެ.
ދެވަނަ މެޗްގައި އިސްކަންދަރު ސްކޫލް ޖަމާލުއްދީން ސްކޫލް އަތުން މޮޅުވީ ހަ ލަނޑުންނެވެ. އެގޮތުން މެޗްގެ ޓޮސް ދިމާވުމުން އިސްކަންދަރު ސްކޫލް ކުޅެންއަރާ 15 އޯވަރުގެތެރޭގައި 146 ލަނޑުހެދިއެވެ. ޖަވާބުގައި ޖަމާލުއްދީން ކުޅެންއަރާ 15 އޯވަރުގެތެރޭގައި ހެދުނީ 140 ލަނޑެވެ.
އެ މެޗުގައި އިސްކަންދަރުން އެންމެ ރަގަޅަށް ކުޅުނީ ނުބައިނުވެ 30 ލަނޑުހެދި އަޒިޔާން އެވެ. އަދި ޖަމާލުންދީނުން އެންމެ ރަގަޅަށް ކުޅުނީ ނުބައިނުވެ 15 ލަނޑުހެދި މާރކިންއެވެ.
މުބާރާތުގައި މިއަދުވެސް ދެމެޗް ކުޅެވޭނެ އެވެ. ފުރަތަމަ މެޗްގައި ބައްދަލުކުރާނީ އިސްކަންދަރު ސްކޫލްއާއި މުހިއްދީން ސްކޫލް އެވެ. އަދި ދެވަނަ މެޗްގައި ބައްދަލުކުރާނީ ކަލާފާން ސްކޫލާއި ޣިޔާޒުއްދީން އިންޓަނޭޝަނަލް އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ