ޑިމޮކްރަސީގެ ފިކުރު ހުރި ބަޔަކު "ދަރުބާރު ފެކްޝަން" ގައި ނުތިބޭނެ - އިދިކޮޅު އިއްތިހާދު

ޑިމޮކްރަސީގެ ވިސްނުމެއް އަދި ފިކުރެއް ހުރި ބަޔަކު ވެސް ޕީޕީއެމްގެ ދަރުބާރު ފެކްޝަނުގައި ނުތިބޭނެކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އެކުލަވާލާފައިވާ އިދިކޮޅު އިއްތިހާދުން ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ޕްރައިމަރީ އަކާ ނުލާ ރައީސް ޔާމީނަށް ޕީ.ޕީ.އެމްގެ ރިޔާސީ ޓިކެޓް ދޭނެކަމަށް އެ ޕާޓީން ބުނެފައިވާތީ އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާކަހަފުޅު ދައްކަވަމުން، ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އަމީތު ވިދާޅުވީ، 5 އަހަރު ދުވަހު ހުދުމުހުތާރު ވެރިކަމެއްކުރި ބަޔަކު ޕްރައިމަރީއެއްގެ ވާހަކަ ދައްކަން ލަދު ގަންނަން ޖެހިވަޑައިގަންނަވާނެ ކަމަށާއި، ޑިމޮކްރަސީގެ ވިސްނުމެއް ފިކުރެއް ހިޔާލެއް ހުރި ބަޔަކުވެސް ދަރުބާރު ފެކްޝަނުގައި ނުތިބޭނެކަމަށެވެ.
"އަޅުގަނޑުމެން މި ދަންނަވާ ވާހަކައަކީ ޕްރައިމަރީއަކާ ނުލާ ރައީސް ޔާމީނަށް ރިޔާސީ ޓިކެޓެއް ނުދެވޭނޭ. އަޅުގަނޑުމެން ހައިރާނެއް ނުވޭ ފަސް އަހަރު ދުވަހު ހުދުމުހުތާރު ވެރިކަމެއް ކުރި ބަޔަކު ރިޔާސީ ޕްރައިމަރީއެއްގެ ވާހަކަ ދައްކަން ހަޤީގީތުގައި ލަދު ގަންނާނެ. ހަޤީގަތުގައި ކެރިވަޑައެއް ނުގަންނަވާނެ. މިދަންނަވަނީ ހުދުމުހުތާރު ވެރިކަމެއް ފަސް އަހަރު ކޮށްފައި ދެން އެބޭފުޅުން ކޮން ހިތަކުންތޯ، ކޮން ހިތަކާއިއެކުތޯ ރިޔާސީ ޕްރައިމަރީއެއް ޑިމޮކްރަސީގެ އުސޫލުތަކުގެ ތެރެއިން ބާއްވަން ހިތައްއަރާނީ. އެހިޔާލެއް ނުވެސް އަންނާނެ ނޫންތޯ! ދަރުބާރު ފެކްޝަނުގެ ތެރޭގައި ނުތިބޭނެ އިނގޭތޯ ޑިމޮކްރަސީގެ ވިސްނުމެއް، ޑިކޮމްރަސީގެ ފިކުރެއް، ހިޔާލެއް އަންނާނެ ބަޔަކު. ނާންނާނެ އެބޭފުޅުންގެ ހިޔާލަކަށް." އިދިކޮޅު އިއްތިހާދުން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީތު ވިދާޅުވިއެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އެކުލަވާލާފައިވާ އިދިކޮޅު އިއްތިހާދުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޕީ.ޕީ.އެމް އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައިވެއެވެ.
އެގޮތުން ޕީ.ޕީ.އެމްއަކީ "ދަރުބާރު ފެކްޝަނު"ގެ ގޮތުގައި ސިފަކުރައްވާ، ކުރީގެ ރައީސް މައުމޫނުވެސް ހިމެނި ވަޑައިގަންނަވާ ގޮތަށް ޕީ.ޕީ.އެމްއަށް ވަފާތެރި ގިނަ ބަޔަކު އެ ޕާޓީން ބޭރުކޮށްފައިވާ ކަމަށްވެސް ތުހުމަތު ކުރެއްވިއެވެ. މީގެ އިތުރުން ޕީ.ޕީ،އެމްގެ ރިޔާސީ ޓިކެޓް ޕްރައިމަރީއަކާ ނުލާ ދީފިނަމަ އެކަން ވާނީ އެ ޕާޓީގެ އަސާސީ ޤަވާއިދާއި ހިލާފުކަމެއް ކަމަށް ވިދާޅުވެ އެ ޕާޓީން ރިޔާސީ އިންތިހާބަށް ކެނޑިޑޭޓަކު ނެރޭ ގޮތާއި މެދުގައި ވަރަށް ބޮޑަށް ޤާނޫނީ ސުވާލުތަކެއް ކުރިމަތިކުރެއްވިއެވެ.
ޕީ.ޕީ.އެމްގެ ރިޔާސީ ކެނޑިޑޭޓަކާއި ގުޅޭގޮތުން ތަފާތު މައްސަލަތެކެއް އިދިކޮޅު އިއްތިހާދުން ފާހަގަކުރެއްވިއިރު، އިދިކޮޅު އިއްތިހާދުގެ ރިޔާސީ ޓިކެޓް ދެއްވާނެ ބޭފުޅަކާ މެދުގައި ވަރަށް ބޮޑަށް ހިޔާލުތަފާތުވެ ދެބަސްވުންތަކެއް އުފެދިފައިވާކަމަށް ގިނަ ބަޔަކު ބުނަމުންދެއެވެ. ކަންމިހެން އޮތްއިރު، އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެނޑިޑޭޓަކީ ކޮބައިކަމާމެދު އެތައް ބަޔަކު ސުވާލު އުފައްދައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ