ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހީމް ފުރަތަމަ ފަހަރަށް ސިޔާސީ ޕޯޑިއަމެއްގައި ވާހަކަ ދައްކަވާ، ކުރިއށް އޮތް ރިޔާސީ އިންތިހާބުގައި ވެސް ރައީސް އަބްދުﷲ ޔާމީން ހޮވައި ދިނުމަށް އެދިވަޑައިގެންފިއެވެ.
ރައީސް ޔާމީން ހޮވައި ދިނުމަށް ފާތުމަތު އިބްރާހީމް އެދިވަޑައިގެންނެވީ އެކަމަނާ އިސްކޮށް ހުންނަވައިގެން ރޭ ފުވައްމުލަކު ސިޓީގައި ބޭއްވި ޖަލްސާގައެވެ.
އެކަލަސް މިކަލަސް ދެނަސް ރައީސް ޔާމީންގެ ނަމުގައި ބޭއްވި އެ ޖަލްސާގައި ވާހަކަ ދައްކަވަމުން ފާތުމަތު އިބްރާހީމް ވިދާޅުވީ ރައްޔިތުން ބޭނުންވާ އަސާސީ ހިދުމަތްތައް ރައީސް ޔާމީންގެ ސަރުކާރުން ފޯރުކޮށްދެމުންދާ ކަމަށެވެ. ކުރު މުއްދަތެއްގެ ތެރޭގައި ރާއްޖޭގެ މަލަމަތި ބަދަލުވެފައިވާ އިރު އިޖުތިމާއީ ގޮތުން ރާއްޖެ ބަދަލުވެ ރައްޔިތުންގެ ވިސްނުމަށް ވެސް ބަދަލު އަންނަމުންދާ ކަމަށް ފާތުމަތު އިބްރާހީމް ވިދާޅުވިއެވެ.
ރައީސް ޔާމީން ގެންދަވަނީ ރާއްޖޭގައި އަމާން ވެއްޓެއް ގާއިމުކޮށް ދެއްވަމުން ކަމަށް ވެސް ފާތުމަތު އިބްރާހީމް ވިދާޅުވިއެވެ.
ރައީސް ޔާމީން ކޮށްދެއްވަމުން ގެންދަވާ ކަންތައްތަކަށް ތަކުރާރުކޮށް ޝުކުރު އަދާ ކުރައްވަމުން ފާތުމަތު އިބްރާހީމް ވަނީ އެކަމަނާ ކުރައްވަނީ ތަރައްގީގެ މަޝްރޫއުތައް ދިފާއު ކުރުމުގެ މަސައްކަތް ކަމަށާއި އެމަސައްކަތަށް އެކަމަނާއާއެކު ނުކުތުމަށް ގޮވާލެއްވިއެވެ.
ލިޔެފައިވާ އެއްޗެއް ބަލައިގެން ވާހަކަ ދައްކަވަމުން ގެންދެވި އިރު ވާހަކަކޮޅު ނިންމަވާލެއްވީ ރާއްޖެ އަންނަމުންދާ ހަލުއި ތަރައްގީ ހުއްޓުމަށް ބޭނުން ނުވާ ނަމަ ރައީސް ޔާމީން ހޮވައި ދެއްވުމަށް އެދިވަޑައިގަންނަވަމުންނެވެ.
މިއީ އެހާ ގިނަ ބަޔަކު އެއްވެފައި އޮތް ސިޔާސީ ޖަލްސާއެއްގައި ފާތުމަތު އިބްރާހީމް ވާހަކަ ދެއްކެވި ފުރަތަމަ ފަހަރެވެ. ރައީސް އަބްދުﷲ ޔާމީންގެ ކެމްޕޭންގެ ހަރަކާތްތައް ފެށިގެން ކުރިއަށްދާ އިރު އެންމެ އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވަމުން ގެންދަވަނީ ވެސް ފާތުމަތު އިބްރާހީމެވެ.
ފާތުން ޕޯޑިއަމަށް، އެދިވަޑައިގެންނެވީ 2018 ގައި ވެސް ޔާމީން ހޮވައި ދެއްވުމަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ