އެޗްއާރުސީއެމްގެ މެމްބަރު ކަމަށް ކުރިމަތިލާން ހުޅުވާލައިފި

ހިއުމަން ރައިޓްސް ކޮމިޝަން އޮފަ ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. އެޗްއާރުސީއެމްގެ މެމްބަރު ކަމުން އެ ކޮމިޝަނުގެ ނައިބު ރައީސް މުހައްމަދު ޒާހިދު ވަކިކުރީ ޖުލައި 22 ވަނަ ދުވަހު އެވެ. އެހެންވެ އޭނާ ހުރި މަގާމު ވަނީ ހުސްވެފަ އެވެ. ރައީސް އޮފީހުން ކުރި އިއުލާނެއްގައި ބުނެފައިވަނީ އެޗްއާރުސީއެމްގެ މެމްބަރު ކަމުގެ މަގާމު ހުސްވެފައިވާތީ އެ މަގާމަށް ކުރިމަތި ލުމަށް ހުޅުވާލާ ކަަމަށެވެ. މަގާމަށް އެދި ކުރިމަތިލާން ބޭނުންވާ ފަރާތްތަކުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ 16 17 އަދި 18 ވަ ދުވަހު ކަމަށް ރައީސް އޮފީހުން ބުންޏެވެ. އެ ތިން ދުވަހުގެ 9:30 އާއި 12:30 އާ ދެމެދު ރައީސް އޮފީހުން ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވާ ކަމަށް ވަނީ ބުނެފަ އެވެ. ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެ ކަމަށްވެސް ވަނީ ބުނެފަ އެވެ. އެޗްއާރުސީއެމްގެ މެމްބަރު ކަމުގައި ތިއްބެވި އައިމިނަތު އީނާސް އަދި މެމްބަރު އައިޝަތު އަފްރީންގެ އިތުރުން މޫސާ އަލީ ކަލޭފާނު މަގާމުން އިސްތިއުފާ ދެއްވުމުން އެ މަގާމުތަކަށް ކުރިމަތިލާންވެސް ހުޅުވާލި އެވެ. އެ ފުރުސަތު މިހާރު ވަނީ ހަމަވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ