މަނީ ހެއިސްޓު: އަލީސިއާ ސިއެއްރާ އަކީ ޕްރޮފެސަރުގެ ދައްތަ؟

މަނީ ހެއިސްޓަކީ ދިވެހިންގެ ތެރޭގައި ވަރަށް މަގުބޫލު ވެގެންދިޔަ ނެޓްފްލިކްސް ޝޯއެކެވެ. ސީޒަން 4 އަކަށް ފަހު މިހާރު ބެލުންތެރިން ސީޒަން 5 އަށް އިންތިޒާރުކުރަމުން އަންނައިރު ސީޒަން 5 އާ ގުޅޭ ތަފާތު އެކި އެކި ވާހަކަތައް އަންނަނީ މީސް މީޑިއާ ގައި ފެތުރެމުންނެވެ.
ސީޒަން 4 ނިމުނުއިރު ބެލުންތެރިންގެ ނޭވާ ހުއްޓާލަން ޖެހުނީ ނުބައި ރޯލަކުން ފެނިގެން ދިޔަ ޕޮލިސް އިންސްޕްކެޓަރު އަލީސިއާ ސިއެއްރާ އަށް ބެލުންތެރިންގެ އެންމެ މަގުބޫލު ރޯލު ކަމުގައިވާ ޕްރޮފެސަރު ފެނުމެވެ. ނަމަވެސް ޕްރޮފެސަރުގެ ބޮލަށް ބަޑި ޖައްސާލިތަނުން ސީޒަން 4 ނިމިގެން ދިޔައީއެވެ.
ފޭން ތިއަރީތައް ބުނާ ގޮތުން އަލީސިއާ އަކީ ޕްރޮފެސަރުގެ ދައްތައަށް ވެދާނެއެވެ. ބެލުންތެރިން މިގޮތަށް ވާޙަކަދައްކާފައިވަނީ ސަބަބުތަކެއް ނެތިއެއްވެސް ނޫނެވެ. އެގޮތުން އެންމެ ފާހަގަކުރާ އެއްކަމަކީ ޕްރޮފެސަރު، ބާލިން އަދި ސިއެއްރާ ގެ ވިސްނުން ތޫނު ކަމާއި ހުށިޔާރު ކަމެވެ. އަދި މި ތިން މީހުނަކީ އެއް އާއިލާ އެއްގެ ބަޔަަކަށް ނުވާންވީ ސަބަބެއް ނެތް ކަމުގައި ބައެއް މީހުން ބުނެއެވެ.
ނަމަވެސް މިއީ ހަމައެކަނި ފޭން ތިއަރީއެކެވެ.
މަނީ ހެއިސްޓުގެ ކުރިއަށް އޮތް ސީޒަނުގައި ޕްރޮފެސަރު މަރުވާން އުޅޭ ކަމުގެ އިޝާރާތެއް ވެސް ޕްރޮފެސަރުގެ ރޮލު ކުޅޭ އަލްވާރޯ މާޓޯ މީގެ ކުރިން ދީފައިވެއެވެ.
ސިއެއްރާ އާ ޕްރޮފެސަރުގެ ގުޅުމާއި ދެން ހުރި ހުރިހާ ސުވާލެއްގެ ޖަވާބު ލިބިގެންދާނީ ސީޒަން 5 ގައެވެ.
މަނީ ހެއިސްޓުގެ ސީޒަން 5 އަދި 6 ރިލީޒްކުރާނީ އެކު އެކީގައެވެ. ނަމަވެސް ވަކި ތާރީހެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
މަނީ ހެއިސްޓަކީ ވަގެއް ގެ މާސްޓަރޕްލޭންއަަކާއެކު އޭނާގެ ބައިވެރިން އެ ވައްކަމުގައި އުޅޭ މަންޒަރު ދައްކައިދޭ ސްޕެނިޝް ޑްރާމާއެކެވެ. އަދި މިއީ ނެޓްފްލިކްސްގެ އެންމެ މަގުބޫލު ލޭންޖުއޭޖް ޝޯވެސް މެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ