ކުޅުދުއްފުއްޓަށް ބޯކޮށް ވާރޭވެހި ބައެއް ގޭގެއަށް ފެންވަދެ ކަރަންޓު ކެނޑިއްޖެ

ހދ. ކުޅުދުއްފުއްޓަށް ބޯކޮށްވާރޭ ވެހި ބައެއް ގޭގެއަށް ފެންވަދެ ކަރަންޓް ކެނޑި، ބައެއް ސަރަހައްދުތަކުގެ ނަރުދަމާއަށް މައްސަލަތައް ކުރިމަތިވެއްޖެއެވެ.
ވީއެފްޕީއަށް މައުލޫމާތު ދެއްވަމުން ކުޅުދުއްފުށި ކައުންސިލުގެ މެންބަރު މުހައްމަދު އައިމަން ވިދާޅުވި ގޮތުގައި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ބައެއް ސަރަހައްދުތަކުގައި ވަނީ ފެން ބޮޑުވެފައެވެ.
"އިއްޔެ އިރުއޮއްސުނީން ސުރެ، ރޭ ދަންވަރު 1:00 އާ ހަމައަށް ވަރަށް ބޯކޮށް ވާރޭ ވެހުނު" އޭނާ ވިދާޅުވިއެވެ.
ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ބައެއް ގޭގޭގައި ފެންގަނޑު ބޮޑުވެ، ގޭގައި ހުރި ބައެއް ތަކެއްޗަށް ވަނީ ގެއްލުން ވެފައެވެ.
ބައެއް ސަރަހައްދުތަކުގެ ނަރުދަމާ ބެދިފައިވާ ކަމަށް މައުލޫމާތު ލިބިފައިވާއިރު، އެކަމާ ގުޅޭ އިތުރު ތަފުސީލު އަދިވަނީ ލިބޭ ގޮތް ނުވެފައެވެ.
ރަށުގެ ބައެއް ސަރަހައްދުތަކުގައި ދެ ފޫޓާއި ގާތްކުރާ ވަރަށް ފެންބޮޑުވެފައިވާއިރު ބައެއް ސަރަހައްދުތަކުގައި ފޫޓަކަށް ފެން ބޮޑުވެފައިވާ ކަމަށް އެރަށުން ބުނެއެވެ.
ފެންގަނޑު ހިންދުމަށް ޕަންޕު ޖައްސައިގެން ދަނީ މަސައްކަތް ކުރަމުންނެވެ.
ބޯކޮށް ވާރޭވެހި ފެންބޮޑުވެފައިވާއިރު، ބައެއް ގޭގެއިން ވަނީ ކަރަންޓު ވެސް ކެނޑިފައެވެ. ނަމަވެސް ކަރަންޓު ކަނދައިގެން ދިޔަ ގޭގެއަށް މިހާރު ކަރަންޓުވަނީ ދީފައެވެ. ކަރަންޓު ކަނޑައިގެން ދިޔައީ ޝޯޓެއް ވެގެން ކަމަށް ކުޅުދުއްފުށިން ވާހަކަ ދެއްކި މީހުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ