ސިފައިން ކިބައިން ވޯޓްލުމުގެ ހައްގު ނިގުޅައިނުގަނޭ: މައުމޫން

ދިވެހި ސިފައިންގެ ކިބައިން ވޯޓްލުުމުގެ ހައްގު ނިގުޅައިނުގަތުމަށް ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބުދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ އެމަނިކްފާނު މިއަދު ކުރައްވާފައިވާ ޓްވީޓެއްގައެވެ.
ރައީސް މައުމޫން ވިދާޅުވީ ސިފައިންނަކީ ގައުމުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް މަސައްކަތްކުރާ ގައުމުގެ ދިފާއުގައި ތިބޭ ބަތަލުންތަކެއްކަމަށެެވެ. އެހެންކަމުން އެފަދަ ބައެއްގެ ކިބައިން ވޯޓްލުމުގެ ހައްގު ނިގުޅައިނުގަތުމަށް ރައީސް މައުމޫން ވަނީ އެދިވަޑައިގެންފައެވެ.
ދިވެހި ސިފައިންގެ ކިބައިން ވޯޓްލުުމުގެ ހައްގު ނިގުޅައިނުގަތުމަށް ކުރީގެ ރައީސް މައުމޫން ގޮވާލައްވާފައިމިވަނީ ސިފައިންނަށް ވޯޓްނުލެވޭގޮތް ހެދުމަށް ގާނޫނަށް އިސްލާހު ހުށައަޅުއްވާނެކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވުމާއި ގުޅިގެންނެވެ.
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ގާނޫނުގައި ސިފައިންނަށް ވޯޓްލެވޭގޮތަށް އޮންނަ މާއްދާ އުވާލުމަށް މިއަހަރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވާނެކަމަށެވެ.
މިކަމާއި ގުޅިގެން ރައީސް މައުމޫންގެ ދަރިކަލުން ފާރިސް މައުމޫން ވިދާޅުވީ ސިފައިންނަށް ވޯޓުނުލެވޭ ގޮތަށް ހެދުމަށް ކުރާ މަސައްކަތް ކާމިޔާބުވިޔަ ނުދިނުމަށް މަސައްކަތް ކުރައްވާނެ ކަަމަށެވެ.
ފާރިސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުން ތާއީދުކުރައްވަނީ ސިފައިންނާއި ފުލުހުންނަށް ވޯޓުލެވޭގޮތަށް އޮތުމަށް ކަމަށެވެ. އެހެންކަމުން އެ ހައްގު ނިގުޅައިގަތުމަށް ގާނޫނަށް ގެންނަން އުޅޭ އިސްލާހެއް ފާސްކުރަން ދަތިވާނެ ކަމަށް ފާރިސް ވިދާޅުވިއެވެ. އޭނަ ވިދާޅުވީ ވޯޓުލުމުގެ ހައްގު ސިފައިންގެ އަތުން ނިގުޅައިގަތުމަށް ކުރާ މަސައްކަތް ކާމިޔާބުވިޔަ ނުދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
މީގެ އިތުރަށް ރައީސް ނަޝީދާއި، ކުރީގެ ސީޕީ އަބުދުﷲ ރިޔާޒާއި، އަދާލަތު ޕާޓީންވެސް ވަނީ ސިފައިންނަށް ވޯޓް ނުލެވޭގޮތަށް ހެދުމާއި ދެކޮޅުކަން ހާމަކޮށްފައެވެ.
ނަމަވެސް މި އިސްލާހަށް ތާއީދުކުރާކަމަށް ޕީޕީއެމްގެ ޕީޖީ ގުރޫޕުން މިއަދު ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ