ސިވިލް ސާވިސް މުވައްޒަފުންގެ މުސާރައިން އުނިކުރި ބައި ދިނުމަށް ހައި ކޯޓުން ހުކުމްކޮށްފައި ވިޔަސް، އެއީ ރާއްޖޭގެ އިގުތިސާދު މިވަގުތު އޮތް ހާލަތުން ކުރެއްވޭނެ ކަމެއް ނޫން ކަމަށާއި އެ މައްސަލާގައި ސަރުކާރުން ސުޕްރީމް ކޯޓަށް ދާނެ ކަމަށް ރައީސް މުހައްމަދު ނަޝީދު އިއްޔެ ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު އެގޮތަށް ވިދާޅުވި އިރު ހައި ކޯޓުގެ ހުކުމެއް ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރަން އޮންނަ މުއްދަތު މިހާރު ވަނީ ހަމަވެފަ އެވެ.
ސީޝެލްސަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މާލެ ވަޑައިގެން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ އުނިކުރި މުސާރަ ދޭން ވެއްޖެ ނަމަ އެކަން ކުރަން ޖެހޭނީ ފައިސާ އިތުރަށް ޗާޕްކޮށްގެން ކަމަށެވެ. އެހެންނަމަވެސް އެއީ ރާއްޖޭގެ އިގުތިސާދު އޮތް ގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެގޮތަށް އެކަން ކޮށްފި ނަމަ އިގުތިސާދީ އެތައް މައްސަލައެއް ނުކުންނާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
އުނިކުރި މުސާރައިގެ މައްސަލާގައި ސުޕްރީމް ކޯޓަށް ވަޑައިގަންނަވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި ނަމަވެސް ސުޕްރީމް ކޯޓުގެ ގަވާއިދުގައިވާ ގޮތުން އެ މައްސަލަ އެ ކޯޓަށް އިލްތިމާސް ކުރުމުގެ މުއްދަތު ހަމަވެފައިވާ ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ބުންޏެވެ.
އިއްޔެ ރައީސް ނަޝީދު ވިދާޅުވީ ރާއްޖެ އަށް ލިބޭ އާމްދަނީ އާއި ރާއްޖެ އިން ދައްކަން ޖެހޭ ދަރަންޏަށް ބަލާއިރު ސިވިލް ސާވިސް މުވައްޒަފުންގެ އުނިކުރި ފައިސާ ނުދެވޭނެ ކަން ވަރަށް ސާފުކޮށް އެނގޭ ކަމަށެވެ. އެހެންވެ ދެން އެ މައްސަލާގައި ދާން ޖެހެނީ ސުޕްރީމް ކޯޓަށް ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް އެހެން ވިދާޅުވުމާ ގުޅިގެން ސީއެސްސީގެ އެސޯސިއޭޓް ލީގަލް ކައުންސެލް އަބްދުއް ނާސިރު ޝަފީގު ވިދާޅުވީ ސިވިލް ސާވިސް މުވައްޒަފުންގެ މުސާރައިގެ ކަންތައްތަކުގައި ހައި ކޯޓުން ހުކުމް ކޮށްފައި ވަނީ މޭ 2011،10 ގައި ކަމަށްވާއިރު ސުޕްރީމް ކޯޓުގެ ގަވާއިދުގައިވާ ގޮތުން އިލްތިމާސްކުރަން ޖެހެނީ 60 ދުވަހުގެ މުއްދަތުގެ ތެރޭގައި ކަމަށެވެ.
ސުޕްރީމް ކޯޓުގެ ގަވާއިދުގައި އިލްތިމާސް ހުށަހެޅުމުގެ މުއްދަތު ބަޔާންކުރާ 39 ވަނަ މާއްދާގެ (ނ) ގައި ބުނެފައި ވަނީ "މި ގަވާއިދުގެ 38 ވަނަ މާއްދާގެ (ނ) ގެ ދަށުން ހުށަހަޅާ މައްސަލައެއް ނަމަ، އެ ނިންމުމެއް ނިންމިތާ 60 )ފަސްދޮޅަށް( ދުވަސް" ތެރޭގައި ސުޕްރީމް ކޯޓުގައި އިލްތިމާސް ކުރަން ޖެހޭ ކަމަށެވެ.
ސުޕްރީމް ކޯޓުގެ ގަވާއިދުގެ 38 ވަނަ މާއްދާގެ (ނ) ގައި ވަނީ "ހައި ކޯޓުން ނިންމާފައިވާ ގަޒިއްޔާއެއް ނުވަތަ އެ ކޯޓުން ނެރެފައިވާ އަމުރެއް ނުވަތަ ނިންމާފައިވާ ނިންމުމެއް ވިޔަސް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީ އާއި ޝަރުއީ އުސޫލަކާ ނުވަތަ ގާނޫނަކާ ނުވަތަ ގާނޫނަކުން ބާރު ލިބިގެން ހެދިފައިވާ ގަވާއިދަކާ ހިލާފު ކަމަށް ގަބޫލު ކުރެވިގެން، އެކަން ފާހަގަކޮށް، ކަމާއި ބެހޭ ފަރާތަކުން ހުށަހަޅާ މައްސަލަތަކުގެ ތެރެއިން މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ސުޕްރީމް ކޯޓުގެ ހުއްދަ އާއެކު ހުށަހެޅޭ މައްސަލަތައް" މިހެންނެވެ.
ނާސިރު ވިދާޅުވި ގޮތުގައި އެ މައްސަލަ ހައި ކޯޓަށް ހުށަހަޅާފައި ވަނީ ސުޕްރީމް ކޯޓުގެ ގަވާއިދުގެ 38 ވަނަ މާއްދާގެ (ނ) ގެ ދަށުންނެވެ.
"އެހެންވީމަ ސުޕްރީމް ކޯޓުގެ ގަވާއިދުގައި އެ ބުނާ 60 ދުވަހުގެ މުއްދަތު މި ވަނީ ހަމަވެފައި. އެހެންވީމަ ކޯޓުތަކާ ބެހޭ ގާނޫނުގައި ބުނާ 90 ދުވަހުގެ މުއްދަތުގެ ވާހަކަ މިތަނުގައި ދައްކަން ވެސް ނުޖެހޭ،" ނާސިރު ވިދާޅުވި އެވެ. "އަޅުގަނޑުމެން ވަނީ މި މައްސަލަ އިލްތިމާސް ކުރިތޯ ސުޕްރީމް ކޯޓުން ޗެކް ކޮށްފައި. ސުޕްރީމް ކޯޓުން ބުނެފައި ވަނީ މި މުއްދަތުގެ ތެރޭގައި އެފަދަ ކަމެއް ވެސް ހިނގާފައި ނެތް ކަމަށް. އެހެންވީމަ އަޅުގަނޑުމެން ނުދެކެން ސުޕްރީމް ކޯޓަށް މިހާރު އިލްތިމާސް ކުރެވޭނެ ކަމަކަށް."
ސީއޭސްސީގެ ރައީސް މުހައްމަދު ފަހުމީ ހަސަން މިއަދު ވިދާޅުވީ ގާނޫނީ ގޮތުން ބަލާއިރު އެ ކޮމިޝަނުން ޖަވާބުދާރީވާން ޖެހެނީ ސިވިލް ސާވިސް މުވައްޒަފުންގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އަދި ރައްޔިތުންގެ މަޖިލީހަށް ކަމަށްވާއިރު އެ ބޭފުޅުން ނިންމަވާ ގޮތަކަށް އިންތިޒާރު ކުރައްވާނެ ކަމަށެވެ.
"...ދެން ރައީސުލްޖުމްހޫރިއްޔާ އެ ވިދާޅުވަނީ ސުޕްރީމް ކޯޓަށް އިލްތިމާސް ކުރައްވާނެ ވާހަކަ. އެކަމަކު މުއްދަތު ހަމަވެފައިވާތީ އެ މައްސަލައެއް ހުށައެއްނޭޅޭނެ. އެހެން ވިޔަސް ފަރުދީ ހައްގެއް އަޅުގަނޑުމެންނަކަށް ދުލެއް ނުކުރެވޭނެ. ގައުމުގައި ފައިސާ ނެތިއްޔާ އެކަމާ މެދު ގޮތެއް ނިންމާނީ ރައްޔިތުން ހޮވާފައި ތިއްބެވި މަންދޫބުން،" ފަހުމީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސިވިލް ސާވިސް މުވައްޒަފުންގެ އުނިކުރި މުސާރަ ދިނުމާ މެދު ގޮތެއް ނިންމައިދިނުމަށް މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށެވެ.
ފަހުމީ އެހެން ވިދާޅުވިއިރު ރައީސް ނަޝީދު ވެސް އިއްޔެ ވިދާޅުވީ ސުޕްރީމް ކޯޓުން އެ ފައިސާ ދޭން ޖެހޭނެ ކަމަށް ނިންމައިފިނަމަ މަޖިލީހަށް އަލުން އެ މައްސަލަ ހުށަހަޅައިގެން ފައިސާ އަލުން ޖަހަން ކަމަށެވެ. އެހެން ނަމަވެސް ރައީސް ވިދާޅުވީ އެކަން އެ ގޮތަށް ކުރައްވައިފި ނަމަ ފައިސާގެ އަގު ވެއްޓި ތަކެތީގެ އަގު އުފުލޭނެ ކަމަށެވެ.
ދައުލަތުގެ މި އަހަރުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހުން ފާސްކުރިއިރު ރިކޮމެންޑޭޝަނެއްގެ ގޮތުގައި ފާސްކޮށްފައި ވަނީ ކޯޓުން ނިންމާ ގޮތަކުން ސިވިލް ސާވިސް މުވައްޒަފުންގެ އުނިކުރި މުސާރަ ދިނުމަށް ސަޕްލިމެންޓްރީ ބަޖެޓެއް ފާސްކުރުމަށެވެ.
ސީއެސްސީން ބުނެފައި ވަނީ އިގުތިސޯދީ ހާއްސަ ހާލަތާ ގުޅިގެން އޮކްޓޫބަރު 2009 އިން ފެށިގެން ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް ކުޑަކުރުމަށް ފަހު 2010 ޖެނުއަރީން ފެށިގެން އެ ކޮމިޝަނުން މުސާރަ އިޔާދަކޮށްފައިވީ ނަމަވެސް ސަރުކާރުން އެ މުސާރަ މިހާތަނަށް ދީފައި ނުވާތީ އެ 12 މަސް ދުވަހަށް 53،634.89 443،6 ރުފިޔާ ލިބެން ޖެހޭ ކަމަށެވެ.
އުނިކުރި މުސާރައިގެ މައްސަލާގައި ސުޕްރީމް ކޯޓަށް ދިއުމުގެ މުއްދަތު ވަނީ ހަމަވެފައި: ސީއެސްސީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ