ތައުލީމާ ނުލާ ޑިމޮކްރެސީއަކަށް ދެމިނޯވެވޭނެ: ނާއިބު ރައީސް

ރާއްޖޭގެ މަތީ ތައުލީމުގެ މުސްތަގުބަލް ގުޅިފައިވަނީ ރާއްޖޭގެ ޑިމޮކްރަސީގެ މުސްތަގުބަލާ ކަމަށާއި ހަރުދަނާ ތައުލީމީ ނިޒާމަކާނުލައި ރާއްޖޭގައި ފުރިހަމަ ޑިމޮކްރަސީއަކަށް ދެމިނޯވެވޭނެ ކަމުގައި ނައިބު ރައީސް ޑޮކްޓަރ މުހައްމަދު ވަހީދު މިއަދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ވޯލްޑް ބޭންކްގެ އެހީގައި އެޑިއުކޭޝަން މިނިސްޓްރީން ހަދަމުން ގެންދާ ރާއްޖޭގެ މަތީ ތައުލީމާ ބެހޭ ދިރާސާގެ ބައެއްގެ ގޮތުގައި، ރާއްޖޭގެ މަތީ ތައުލީމާ ބެހޭ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ޚިޔާލު ހޯދުމުގެ ވޯކްޝޮޕެއް އިފްތިތާހު ކޮށްދެއްވުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.
މިކަމަށްޓަކައި ޓްރޭޑާސް ހޮޓެލްގައި މިއަދު ހެނދުނު ބޭއްވެވި ރަސްމިއްޔާތުގައި ނައިބު ރައީސް ވިދާޅުވީ މުޖްތަމައުގެ އެންމެ އަސާސީ ފިލޯސަފީގެ މައްޗަށް ފިކުރު ހިންގޭ ފެންވަރުގެ ތައުލީމީ ބަޔަކު މިގައުމުގައި ނުއުފެދޭނަމަ ޑިމޮކްރަސީއެއްގައި މުހިންމު، ތަފާތު ޚިޔާލުތަކުގެ މައްޗަށް ބިނާވެފައި އޮންނަ އިލްމީ މާހައުލެއް ގާއިމް ނުކުރެވޭނެ ކަމަށެވެ. އަދި ރާއްޖޭގައި ގާއިމް ކުރަން އަޅުގަނޑުމެން އެދޭ މިނިވަން ޑިމޮކްރެޓިކް ނިޒާމެއް ގާއިމް ނުކުރެވޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، މިފަދަ އިލްމީ މުޖްތަމައެއް އުފެއްދުމަށްޓަކައި، ފަށާ ތައުލީމާއި މަތީ ތައުލީމުގެ ނިޒާމުގެ ތެރޭގައި، ލިބަރަލް އާޓްގެ މާއްދާތައް ކިޔަވައިދިނުމަށް އިސްކަން ދިނުމުގެ މުހިންމުކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ.
ރާއްޖޭގައި ގައުމީ ޔުނިވަސިޓީއެއް ގާއިމް ކުރުމުގެ މުހިންމު ކަމުގެ މައްޗަށް ވާހަކަފުޅު ދައްކަވަމުން، ރާއްޖޭގައި ޔުނިވަސިޓީއެއް ހުރުމުގެ މަގްސަދުތަކުގެ މައްޗަށް ނާއިބު ރައީސް އަލިއަޅުއްވާލެއްވިއެވެ. އެ މަނިކުފާނު ވިދާޅުވީ ޔުނިވަސިޓީއެއް ހުރުމުގެ ބޭނުމަކީ ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ އިންސާނީ ވަސީލަތް އުފެއްދުމާއި އިލްމީ ފެންވަރެއްގައި މުޖްތަމައުގެ ކަންކަމާ ބެހޭގޮތުން ބަހުސް ކުރެވޭފަދަ މައުލޫމާތު މުއްސަނދި މުޖުތަމައެއް ރާއްޖޭގައި ގާއިމް ކުރުން ކަމަށެވެ. އަދި ރާއްޖެއަށް ޚާއްސަ އަދި އެހެން ގައުމުތަކާ އަޅާބަލާއިރު، ރާއްޖެއާ ބޮޑަށް ގުޅުންހުރި ޚިދުމަތްތަކެއް ފޯރުވައިދެވިދާނެ ދާއިރާތަކަށް ޚާއްސަ ތައުލީމީ މަރުކަޒެއް ގާއިމް ކުރުން ކަމަށެވެ.
މި ވޯކްޝޮޕަކީ ރާއްޖޭގައި މަތީ ތައުލީމުގެ މާސްޓަ ޕްލޭނެއް އެކުލަވާލުމަށް އެޑިއުކޭޝަން މިނިސްޓްރީން ވޯލްޑް ބޭންކުގެ އެހީގައި މިހާރު ކުރިއަށް ގެންދާ ރާއްޖޭގެ މަތީ ތައުލީމާ ބެހޭ ދިރާސާގައި، ރާއްޖޭގައި މިދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ޚިޔާލު ހިމެނުމަށް ހިންގި އެއްދުވަހުގެ ވޯކްޝޮޕެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ