މިއީ އައްޑޫގެ މުސްތަގުބަލާ މެދު ދެކެމުން އައި ތަސައްވުރަށް ލިބުނު ކުރިއެރުމެއް: ޑރ. ޝަހީދު

އައްޑޫގައި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު މާދަމާ ބާއްވަން ސުޕްރީމް ކޯޓުން އަމުރު ކުރުމަކީ އައްޑޫގެ މުސްތަގުބަލާ މެދު ދެކެމުން އައި ތަސައްވުރަށް ލިބުނު ކުރިއެރުމެއް ކަމަށް އެމްޑީޕީގެ ލޯކަލް އިންތިހާބުގެ ކެމްޕޭން ޓީމުގެ ސްޕޯކްސްޕާސަން ޑރ. އަހުމަދު ޝަހީދު މިރޭ ވިދާޅުވެއްޖެ އެވެ.
"މިއީ އައްޑޫ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް. މުޅި ރާއްޖެ އަށް ލިބުނު ކުރިއެރުމެއް. އަދި ހަމަ އެއާއެކު އަޅުގަނޑުމެން އެމްޑީޕީ އަށް ވެސް ލިބުނު ބޮޑު ކުރިއެރުމެއް. އަޅުގަނޑުމެން ފެށުނީއްސުރެ މި އައީ އައްޑޫ ސިޓީ ކައުންސިލް އިންތިހާބު ބޭއްވުމާ މެދު އަޅުގަނޑުމެން ދެކޭ ގޮތް ހާމަކުރަމުން،" ޑރ. ޝަހީދު ވިދާޅުވި އެވެ.
ކައުންސިލް އިންތިހާބު ރާއްޖޭގެ އެހެން ދާއިރާތަކެކޭ އެއްފަދައިން އައްޑޫގައި ވެސް ބޭއްވުމަށް އެންމެ މަތީ ކޯޓުން ކުރި އަމުރުގައި ބުނެފައި ވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ޑިމޮކްރަސީގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ލާމަރުކަޒީ އުސޫލުން ހިންގަން ފަށައިގަތުމަށްޓަކައި، ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނުގެ ދަށުން ދިވެހިރާއްޖޭގެ އެއްވެސް ސަރަހައްދެއް އިސްތިސްނާކުރުމެއް ނެތި ލޯކަލް ކައުންސިލްތަކުގެ އިންތިހާބު އެކަމަށް ކަނޑައެޅި ތާރީހުގައި ބޭއްވުން ކަށަވަރުކުރުމަކީ ލާމަރުކަޒީ ގޮތުން އިދާރީ ދާއިރާތައް ހިންގުމުގެ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން އެ ދާއިރާއެއްގެ ރައްޔިތުންގެ ބައިވެރިވުން ކަށަވަރުކުރުމަށް ގާނޫނީ ގޮތުން ލާޒިމް ކަމެއް ކަމަށެވެ.
ކުރިން ހަމަޖެހިފައި އޮތް ތާރީހުގައި އައްޑޫގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވާ ވަގުތު ކުޑަތަންވެފައި ވަނިކޮށް، އިންތިހާބު ނުބާއްވާ ގޮތަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުމަކީ "ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ހަމަހަމަކަމާއި ރައްޔިތުންގެ މެދުގައި ތަފާތު ނުކުރުމުގެ އުސޫލާ އެއްގޮތް ނިންމުމެއް ނޫން" ކަމަށް ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އަޣްލަބިއްޔަތަށް އިއްތިފާގު ވެވުނު ކަމަށް ވެސް އަމުރުގައިވެ އެވެ. މީގެ އިތުރުން އިންތިހާބު ނުބޭއްވުމަކީ އައްޑު އަތޮޅަށް ވާދަކުރާ ކެންޑިޑޭޓުންނާއި އެ ދާއިރާގައި ވޯޓް ދިނުމުގެ ހައްގު ބޭނުންކުރަން ޖެހޭ އާންމު ރައްޔިތުންނަށް ގާނޫނީ ގޮތުން ލިބިދީފައިވާ ހައްގަށް ހުރަސް އެޅޭ ނިންމުމެއް ކަމަށް ވެސް ބުނެފައިވެ އެވެ.
ޑރ. ޝަހީދު ވިދާޅުވީ އައްޑޫ ބޭފުޅުންތަކެއް އިސްކޮށް ތިއްބެވި ޕާޓީއަކުން އައްޑޫ ސިޓީގެ މައްސަލާގައި ގާނޫނީ ހަނި ޕޮއިންޓެއްގައި ހިފައިގެން މަސައްކަތް ކުރައްވާތީ ވަރަށް ބޮޑަށް ހިތާމަކުރައްވާ ކަމަށެވެ.
"މި ދެންނެވީ ގައުމީ ޕާޓީގައި އިސްކޮށް މި ތިއްބެވީ އައްޑޫ ބޭފުޅުންތަކެއް. އައްޑޫ ސިޓީ ކައުންސިލް މައްސަލާގައި މިފަދަ ހަނި ގާނޫނީ ދާއިރާއެއްގައި ހިފައިގެން ނުކުންނެވީތީ އަޅުގަނޑުމެން ވަރަށް ހިތާމަކުރަން. އެ ބޭފުޅުންނަށް މި ފަހަރު މި އޮތީ ނުބައި ކޮޅަށް ގޯލް ޖެއްސެވިފައި ކޮންމެ ގޮތަކަށް ވިޔަސް،" ކުރިން އެކުގައި މަސައްކަތް ކުރެއްވި ކުރީގެ އެޓާނީ ޖެނެރަލް ޑރ. ހަސަން ސައީދާއި ކުރީގެ ޖަސްޓިސް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލް އަހުމަދަށް ރައްދު ދެއްވަމުން ޑރ. ޝަހީދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ