އޭސީސީގެ މެމްބަރު ކަމަށް ހަސަން ލުތުފީ ވީހާ އަވަހަކަށް އައްޔަންކުރުމަށް ޕީއޭ އިން ގޮވާލައިފި

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސިސީ)ގެ މެމްބަރު ކަމަށް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައިވާ ސ. ހިތަދޫ، ރަންފަސް، ހަސަން ލުތުފީ ވީއެންމެ އަވަހަކަށް އައްޔަންކުރުމަށް ޕީޕަލްސް އެލަޔަންސް (ޕީއޭ) އިން ގޮވާލައިފި އެވެ.
އެ ޕާޓީގެ އޮފީހުގައި އިއްޔެ މެންދުރުފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ޕާލަމަންޓްރީ ގްރޫޕުގެ މެމްބަރު އަދި ލ. ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމު އަބްދުﷲ ވިދާޅުވީ އޭސީސީގެ މެމްބަރުކަމަށް އައްޔަންކުރުމަށް މަޖިލީހުން ރުހުންދީފައިވާ ހަސަން ލުތުފީ ނުހިމަނައި ކޮމިޝަން އެކުލަވާލާފައިވަނީ ސަރުކާރުގެ ކޮރަޕްޝަނަށް މަގުފަހިކުރުމަށް ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނުތަކަށާއި ގަރާރުތަކަށް ސަރުކާރުން އަމަލުކުރަނީ ސަރުކާރުން ބޭނުންވާ ވަގުތަކު ނުވަތަ ސަރުކާރުން ބޭނުންވާ ގޮތަކަށް ފާސްވާ ގާނޫނުތަކަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ގާނޫނެއްގައި ކަނޑައެޅިގެން އެ ކޮމިޝަނެއްގައި ތިބެންވާނީ ވަކި އަދަދަކަށޭ މީހުން ބަޔާންކޮށްފައި އޮއްވައި އެ އަދަދަށް މަޖިލީހުން ނަންތައްތަކެއް ފާސްކޮށްފައި އޮއްވައި އެ ބޭފުޅުން ބޭނުންވާ ބަޔަކު އައްޔަންކޮށް ކޮމިޝަނުގެ މެމްބަރުން ހަމަނުވާ ގޮތަށް އެ ކޮމިޝަން ހިންގަން ޖާގަ ދީފައި އޮތުން އެއީ މި ސަރުކާރުން ކޮރަޕްޝަން ހުއްޓުވުމަށް ބޭނުންނުވާކަން ހާމަކޮށްދޭ ކަމެއް،" އަބްދުއް ރަހީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފަސް މެމްބަރުން ނެތި އޭސީސީގެ ގާނޫނީ މަސައްކަތެއް ނުކުރެވޭނެ ކަމަށެވެ. އަދި އެއީ ކޮމިޝަނުގެ މަސައްކަތްތަކާ މެދު ސުވާލު އުފައްދަންޖެހޭ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މި ފުރުސަތުގައި އަޅުގަނޑު ބޭނުން ޕީއޭގެ ފަރާތުން އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަށް ގޮވާލަން، މިހާރުން މިހާރަށް، ރައްޔިތުންގެ މަޖިލީހުން އައްޔަންކުރުމަށް ފާސްކޮށްފައިވާ ސ.ހިތަދޫ ރަންފަސް، ހަސަން ލުތުފީ، އެ ކޮމިޝަނުގެ މެމްބަރުކަމަށް ހަމަޖައްސަވާދެއްވައި މިއަދުގެ ސަރުކާރުން މި ކުރައްވަމުން ގެންދަވާ ކަންތައްތަކުގައި ކޮރަޕްޝަން އެކުލެވިގެންވަނީ ކިހާ ވަރަކަށްތޯ ބެލުމުގެ ފުރުސަތު އެންޓިކޮރަޕްޝަން ކޮމިޝަނަށް ދެއްވާށޭ،" އޭނާ ވިދާޅުވި އެވެ.
އަބްދުއް ރަހީމު ވިދާޅުވީ އަދި އެ ކޮމިޝަނުގެ މަސައްކަތް ފުރިހަމަކޮށް ހަލުވި ސްޕީޑެއްގައި ކުރިޔަށް ގެންދިއުމަށްޓަކައި ހަސަން ލުތުފީ އައްޔަންކޮށްދިނުމަކީ ޕީއޭ އިން އެދޭ ވަރަށް ބޮޑު އެދުމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭސީސީގެ މެމްބަރުކަމަށް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހަށް ފުރަތަމަ ހުށަހެޅުއްވި ފަސް ބޭފުޅުންގެ ތެރެއިން ހަސަން ލުތުފީ އާއި އަބްދުﷲ ހިލްމީ އަދި ހަދީޖާ ރަޝީދު އެ ކޮމިޝަންގެ މެމްބަރުންގެ ގޮތުގައި އައްޔަންކުރުމަށް ފެންނަ ކަމަށް މަޖިލީހުން ފާސްކޮށްފައި ވަނީ ޖުލައި 6 ގަ އެވެ. އަދި އޭގެ ފަހުން ފޮނުވި ނަންތަކުގެ ތެރެއިން މުއައްވިޒު ރަޝީދާއި މުހައްމަދު ޝަފީއުގެ ނަން މަޖިލީހުން ފާސްކޮށްފައިވަނީ އޮގަސްޓް 4 ގަ އެވެ. އަދި ފަސް ބޭފުޅުންގެ ތެރެއިން ހަސަން ލުތުފީ ފިޔަވައި ދެން ތިއްބެވި ހަތަރު ބޭފުޅުން ރައީސް ނަޝީދު ވަނީ ކޮމިޝަނުގެ މެމްބަރު ކަމަށް އައްޔަންކޮށްފަ އެވެ.
ހަސަން ލުތުފީ އޭސީސީ އަށް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައިވަނީ ރައީސުލްޖުމްހޫރިއްޔާ އޭނާގެ ނަން އަނބުރާ ގެންދަވާފައި ވަނިކޮށެވެ. ރައީސް އޭނާގެ ނަން އަނބުރާ ގެންދެވީ، އޭނާގެ ނަން މަޖިލީހުގެ ކޮމިޓީއަކުން ދިރާސާކޮށް، އޭނާއަކީ އެ މަގާމަށް އެކަށީގެންވާ ބޭފުޅެއް ކަމަށް ނިންމާފައި އޮއްވަ އެވެ. މަޖިލީހުން ހަސަން ލުތުފީގެ ނަން ފާސްކުރި ފަހުން އެތައް މަހެއް ފާއިތުވެގެން ދިޔަ އިރު ވެސް ރައީސުލްޖުމްހޫރިއްޔާ އޭނާ އެ މަގާމަށް އައްޔަނެއް ނުކުރައްވަ އެވެ. އަދި އޭނާ އެ މަގާމަށް އައްޔަންކޮށްފައިނުވާތީ އެކަން ރައީސުލްޖުމްހޫރިއްޔާ އަށް ލާޒިމުކަމެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ހަސަން ލުތުފީ ވަނީ މަދަނީ ކޯޓަށް މައްސަލައެއް ހުށަހަޅައިފަ އެވެ.
ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު ކުރިން ވިދާޅުވެފައި ވަނީ ލުތުފީގެ ނަން އަނބުރާ ގެންދެވީ، "އޭނާއާ ބެހޭ ގޮތުން ބައެއް މައުލޫމާތު ސާފުކުރި އިރު، ޝަރުތުގެ ފުށުއެރުމެއް މެދުވެރިވެދާނެ ކަމުގެ މައުލޫމާތުތަކެއް ލިބިފައިވާތީ" ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ