އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގެ ދަރަނި ޖީޑީޕީގެ ނިސްބަތުން 9.7 ޕަސެންޓަށް ދަށްވާނެ ކަމަށް ސަރުކާރުން އަންދާޒާކުރި ނަމަވެސް، ދަރަނި ދަށްނުވާ ކަމަށް ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރު އަހްމަދު މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.
އެސްޓީއޯގެ ކުރީގެ ޗެއާމަން އަހްމަދު ވިދާޅުވީ މި އަހަރުގެ ބަޖެޓް ދަރަނި ތިން ބިލިއަން ރުފިޔާގައި އުޅޭއިރު، އަންނަ އަހަރުގެ ބަޖެޓްގެ ދަރަންޏަކީ ވެސް ތިން ބިލިއަން ރުފިޔާ ކަމަށް ލަފާކޮށްފައި އޮތުމުން ދަރަނި މިދިޔަ އަހަރަށް ވުރެ ދަށް ނުވާ ކަމަށެވެ.
"ޖީޑީޕީގެ ނިސްބަތުން ބަޖެޓްގެ ޑެފިސިޓް )ދަރަނި( ދަށްވެއްޖެ. އެއީ ރަނގަޅު ވާހަކައެއް. ނަމަވެސް ޑެފިސިޓްވާ ފައިސާގެ އަދަދު ދަށް ނުވުމަކީ މައްސަލައެއް،" އަހްމަދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބަޖެޓްގެ ދަރަނި ޖީޑީޕީގެ ނިސްބަތުން ކުޑަވީ ސަރުކާރުގެ ހަރަދުތައް ކުޑަކޮށްގެން ނޫން ކަމަށާއި، ޓޫރިޒަމް ޖީއެސްޓީއާ އެކު ޖީޑީޕީ މައްޗަށް ދިއުމުން ކަމަށެވެ.
"ޖީޑީޕީ މައްޗަށް ދިޔައިމަ، ޖީޑީޕީގެ ނިސްބަތުން ޑެފިސިޓް ކުޑަވީ. އެނޫން ބަދަލެއް ނާދޭ. ދައުލަތުގެ ހަރަދެއް ކުޑައެއް ނުވޭ،" އަހްމަދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޖީޑީޕީގެ ނިސްބަތުން ދަރަނި ދަށްވެއްޖެ ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވަނީ ބަޖެޓްގެ ހަގީގީ މައްސަލަ އާއި "ހަގީގީ ޑެފިސިޓްގެ އަދަދު ރައްޔިތުންގެ ލޮލަށް ފޮރުވާލުމަށް" ކަމަށެވެ.
ރާއްޖޭގެ ޖީޑީޕީ ބަލާ މިންގަނޑު ސަރުކާރުން މިހާރު ވަނީ ބަދަލުކޮށްފަ އެވެ. އެ ބަދަލު ގެނައީ މި އަހަރު ޓޫރިޒަމުން ޖީއެސްޓީ ނަގަން ފެށުމުން، ޓޫރިޒަމް ދާއިރާ އިން ގައުމަށް ވަންނަ އާމްދަނީ މަތިކަމަށް ސަރުކާރަށް ގަބޫލުކުރެވިގެންނެވެ.
ފިނޭންސް މިނިސްޓަރު އަހްމަދު އިނާޒު މިއަދު ވިދާޅުވީ ބަޖެޓްގެ ދަރަނި އޮޅުވާލުމަށް އެއްވެސް ކަމެއް ނުކުރައްވާ ކަމަށާއި މިހާތަނަށް ވެސް ބަޖެޓް ޑެފިސިޓް ބަލަމުން އައިސްފައިވަނީ ޖީޑީޕީގެ ނިސްބަތުން ކަމަށެވެ. އަދި ބަޖެޓްގެ ޑެފިސޓް ކޮންމެ މިންގަނޑަކުން ބެލި ނަމަވެސް ނަތީޖާ އަކީ އެކައްޗެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"ހަށިގަނޑުގެ ޓެމްޕަރޭޗަ ވަޒަންކުރުމަށް ފެރެންހައިޓުން ބެލިޔަސް، ޑިގްރީ ސެލްސިއަސް އިން ބެލިޔަސް ނަތީޖާ އަކީ އެކައްޗެއް،" އިނާޒުގެ ފުރަތަމަ ބަޖެޓްގެ ދަރަނިވާ މިންވަރު ދިފާއުކުރެއްވުމުގެ ގޮތުން އޭނާ ވިދާޅުވި އެވެ.
އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓް އިއްޔެ މަޖިލީހަށް ހުށަހަޅުއްވަމުން އިނާޒު ވިދާޅުވީ އެއީ "މެދު ރާސްތާގައި ޑެފިސިޓް ކުޑަކުރަމުން ގެންދެވޭ ގޮތަށް ތައްޔާރުކުރެވިފައިވާ ބަޖެޓެއް" ކަމަށެވެ.
ދައުލަތުގެ 2009 ގެ ބަޖެޓް ދަރަންޏަކީ ޖީޑީޕީގެ ނިސްބަތުން 21 ޕަސެންޓެވެ. މިދިޔަ އަހަރުގެ ދަރަންޏަކީ ޖީޑީޕީގެ 16.1 ޕަސެންޓެވެ. އެއީ 4.3 ބިލިއަން ރުފިޔާ އެވެ. އަދި މި އަހަރުގެ 12 ބިލިއަން ރުފިޔާގެ ބަޖެޓް ދަރަންޏަކީ ޖީޑީޕީގެ 10.2 ޕަސެންޓް ކަމަށް ވަނީ ލަފާކޮށްފަ އެވެ. އެއީ 3.06 ބިލިއަން ރުފިޔާ އެވެ. އަންނަ އަހަރުގެ ދަރަންޏަކީ 3.08 ބިލިއަން ރުފިޔާ އެވެ.
ދަރަނި ކުޑަ ކަމަށް އިނާޒު ވިދާޅުވީ ހަގީގަތް ފޮރުވަން: އަހުމަދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ