އީ.ޔޫގެ ނޫސްބަޔާން: މުސްތަގިއްލު މުއައްސަސާތައް ހެދުން ލަސްވާތީ އީޔޫ އިން ކަންބޮޑުވުން ފާޅުކޮށްފި

ހުރިހާ ސިޔާސީ ޕާޓީތައް ވާދަކުރާ މިނިވަން، އިންސާފުވެރި ރިޔާސީ އިންތިހާބެއް ރާއްޖޭގައި ބޭއްވުމަށް ބޭނުންވާ މުސްތަގިއްލު މުއައްސަސާތައް ހެދުން ލަސްވަމުންދާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް ޔޫރަޕިއަން ކޮމިޝަން (އީޔޫ) އިން ނޫސްބަޔާނެއް ނެރެފި އެވެ.
ރާއްޖެ އަށާއި ސްރީލަންކާއަށް ކަނޑައަޅައިފައިވާ އީޔޫ ޑެލިގޭޝަނުން މިދިޔަ ހުކުރު ދުވަހު ނެރެފައިވާ އެ ނޫސްބަޔާނުގައި ބުނެފައި ވަނީ އަންނަ އޮކްޓޫބަރު 10ގެ ކުރިން ރިޔާސީ އިންތިހާބު ބާއްވަން ޖެހޭއިރު އެއީ މިނިވަން، އިންސާފުވެރި އިންތިހާބަކަށް ހެދޭނީ މުސްތަގިއްލު މުއައްސަސާތައް ގާއިމްކުރެވިގެން ކަމަށެވެ.
"ގާނޫނު އަސާސީ ތަސްދީގު ކުރެއްވުމުން ނޫނީ މުސްތަގިއްލު އިލެކްޝަންސް ކޮމިޝަނާއި އަދި މުސްތަގިއްލު އެހެން މުއައްސަސާތައް ގާއިމް ނުކުރެވޭނެކަން ފާހަގަކުރަން. އާ ގާނޫނު އަސާސީގައި ކަނޑައަޅާފައިވާ ތާރީހުގައި ރިޔާސީ އިންތިހާބު ބާއްވާނެ ކަމުގެ ޔަގީންކަން ދިވެހި ސަރުކާރުން އެތައް ފަހަރެއްގެ މަތިން ދީފައިވާކަން ވެސް ފާހަގަކުރަން،" އީޔޫގެ ނޫސްބަޔާނުގައި ވެ އެވެ.
އެ ނޫސްބަޔާނުގައި އިތުރަށް ބުނެފައި ވަނީ މުސްތަގިއްލު މުއައްސަސާތައް ގާއިމް ކުރުމަށްޓަކައި އީޔޫއަށް ވެވެން އޮތް ހުރިހާ އެހީއެއް ރާއްޖެއަށް ވާނެ ކަމަށެވެ. އަދި މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމަށްޓަކައި ގުޅިގެން މަސައްކަތް ކުރުމަށް ހުރިހާ ސިޔާސީ ޕާޓީތަކަށް ގޮވާލާ ކަމަށް ވެސް އެ ނޫސްބަޔާން ނިންމާލަމުން ބުނެފައި ވެ އެވެ. އެގޮތުން ވޯޓުލުމަށް އާންމުން ހޭލުންތެރިކުރުމަށާއި ހުރިހާ ކެންޑިޑޭޓުންނަށް މީޑިއާ އިން ހަމަހަމަ ފުރުސަތު ދިނުމަށް ވެސް އެ ނޫސްބަޔާނުގައި ގޮވާލައިފައި ވެ އެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބަކީ މިނިވަން، އިންސާފުވެރި އިންތިހާބަކަށް ހެދުމަށް ބައިނަލް އަގްވާމީ އެކި ޖަމާއަތްތަކުން ވެސް ތަކުރާރުކޮށް ގެންދަނީ ސަރުކާރަށް ގޮވާލަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ