ހާއްސަ މަޖިލީހުގެ ރައީސަކަށް ގާސިމް އިބްރާހީމް އިންތިހާބުކުރައްވައިފި

ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ރައީސަކަށް އދ. އަތޮޅުގެ މެމްބަރު ގާސިމް އިބްރާހީމް އިންތިހާބު ކުރައްވައިފި އެވެ.
ހާއްސަ މަޖިލީހުގެ ރައީސް ކަމުން އައްބާސް އިބްރާހީމް އިސްތިއުފާ ދެއްވުމުން، އާ ރައީސަކު ހޮވުމަށް މިއަދު ބޭއްވި ޖަލްސާގައި ވޯޓާ ހަމައަށް ދިޔައިރު، ޖަލްސާގައި ތިއްބެވި 80 މެމްބަރުންގެ ތެރެއިން 72 މެމްބަރުން ގާސިމަށް ވޯޓު ދެއްވިއިރު، ހަ މެމްބަރަކު ގާސިމަށް ވޯޓު ނުދެއްވަ އެވެ. އަދި ރިޔާސަތާ އެކު ދެ މެމްބަރަކު ވޯޓުގައި ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ.
ވޯޓުގައި ބައިވެރިވެވަޑައިނުގަންނަވާ މެމްބަރުންނަކީ ރިޔާސަތުގައި އިންނެވި ނާއިބު ރައީސް އަދި ރ. އަތޮޅުގެ މެމްބަރު ޝާހީން ހަމީދާއި ހދ. މެމްބަރު އަހްމަދު އާދިލެވެ. ގާސިމަށް ވޯޓު ނުދެއްވަނީ މާލޭ މެމްބަރު އިބްރާހީމް އިސްމާއީލް )އިބުރާ( އާއި މާލޭ މެމްބަރު މުހައްމަދު ނަޝީދު )ކާނަލް( އާއި މާލޭ މެމްބަރު އަހްމަދު އާތިފާއި ހއ. މެމްބަރު ޖައުފަރު އީސާ އާދަމާއި ނ. މެމްބަރު އަބްދުﷲ ޔާމީން އަދި މ. މެމްބަރު އަހުމަދު ނާޒިމެވެ.
ވޯޓުގައި ބައިވެރިވެވަޑައިނުގަތުމަށްޓަކައި 10 މެމްބަރަކު ޖަލްސާ އިން ނިކުމެވަޑައިގެންނެވި އެވެ. އެއީ އދ. މެމްބަރު އިލްޔާސް ހުސައިން އިބްރާހީމާއި ލ. މެމްބަރު މޫސާ މަނިކާއި ތ. މެމްބަރު ހުސައިން ރަޝީދު ހަސަނާއި ތ. މެމްބަރު ހަސަން އަފީފާއި ޅ. މެމްބަރު އިބްރާހީމް މުހައްމަދު ސޯލިހާއި ދ. މެމްބަރު މުހައްމަދު ރިޔާޒާއި ގއ. މެމްބަރު އަދުނާނު ހަލީމާއި ގއ. މެމްބަރު އަބްދުﷲ ޖާބިރާއި ގދ. މެމްބަރު ޒާހިރު އާދަމް އަދި ލ. މެމްބަރު މުހައްމަދު ނައީމެވެ.
ޖަލްސާ އިން ނިކުމެވަޑައިގެންނެވި ގިނަ މެމްބަރުން ނިޒާމީ ނުކުތާ ނަންގަވާފައި ވިދާޅުވީ ގާނޫނު އަސާސީގެ 133 ވަނަ މާއްދާގައި ގާނޫނު އަސާސީގައި ބުނެފައިވާ އިންތިހާބުތަކުގައި ވޯޓު ނަގަންވާނީ ސިއްރު ވޯޓަކުން ކަމަށާއި ހާއްސަ މަޖިލީހުގެ ރައީސަކު އިންތިހާބުކުރުމަކީ ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ކަމަކަށް ވުމާއެކު މި ވޯޓު ނަގަންވާނީ ސިއްރުން ކަމަށެވެ. ނަމަވެސް ރިޔާސަތުން ވިދާޅުވީ އެ މާއްދާއާ މެދު މަޖިލީހުގެ ފުރަތަމަ ޖަލްސާގައި ހިޔާލު ތަފާތުވުމާއެކު އެ މާއްދާ ތަރުޖަމާކުރެއްވުމަށް މަޖިލީހުން ގޮތެއް ފާސްކުރައްވާފައިވާ ކަމަށެވެ. އެގޮތުން މަޖިލީހުން ފާސްކުރައްވައިގެން ވޭތުވެދިޔަ ދެ ފަހަރު ވެސް މަޖިލީހުގެ ރައީސް ހޮއްވަވާފައިވަނީ ސިއްރު ވޯޓުން ނޫން ކަމަށް ޝާހީން ވިދާޅުވި އެވެ. އަދި މަޖިލީހުގައި ގަވާއިދުގައި ވޯޓު ނަގާނީ އިލެކްޓްރޯނިކް ވޯޓިން ސިސްޓަމުން ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ. އެހެން ވުމުން މި ފަހަރު ވެސް ވޯޓު ނަގާނީ އެގޮތަށް ކަމަށް ނާއިބު ރައީސް ޝާހީން ހަމީދު ވިދާޅުވި އެވެ.
ހާއްސަ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި މަޖިލީހުގެ ރައީސާއި ނާއިބު ރައީސް އިންތިހާބު ކުރައްވަން ވާނީ ސިއްރު ވޯޓަކުން ކަމަށް ވިދާޅުވެ ނިކުމެވަޑައިގެންނެވި މެމްބަރުންގެ ތެރޭގައި ގާސިމް އިބްރާހީމް ވެސް ހިމެނިވަޑައިގަންނަވަ އެވެ. ނަމަވެސް މި ފަހަރު ގާސިމް، އޭނާގެ ނަންފުޅަށް އަމިއްލަފުޅަށް ވޯޓު ދެއްވާފައިވެ އެވެ.
މިއަދުގެ ޖަލްސާގައި ގާސިމް ވިދާޅުވީ އޭނާ ރައީސަކަށް އިންތިހާބު ކުރައްވައިފި ނަމަ ގާނޫނު އަސާސީ އާއި މަޖިލީހުގެ ގަވާއިދާ އެއްގޮތަށް މަޖިލީސް ކުރިއަށް ގެންދަވާނެ ކަމަށެވެ.
"މަޖިލީހުގެ ގަވާއިދުގެ ދަށުން އެކުލަވާލައްވާފައިވާ ކޮމިޓީތަކުގެ ދައުރު އަދާކުރުމަށް އަޅުގަނޑު އެއްވެސް ހުރަހެއް ނާޅާނަން،" ޑީއާރުޕީގެ ނާއިބު ޒާއީމު ކަމުގައި ވެސް ހުންނެވި ގާސިމް ވިދާޅުވި އެވެ.
ބައެއް މެމްބަރުން ވިދާޅުވީ ގާސިމް ވަޒީރެއްގެ ގޮތުގައި އަދި ޑީއާރުޕީގެ ނާއިބު ޒައީމެއްގެ ގޮތުގައި ހުންނަވައިގެން މަޖިލީހުގެ ރައީސްކަން މުސްތަގިއްލު ގޮތެއްގައި ކުރެއްވޭނެ ކަމަށް ގަބޫލްނުކުރައްވާ ކަމަށެވެ. އެގޮތުން މާލޭ މެމްބަރު އަހުމަދު އާތިފު ވިދާޅުވީ ގާސިމަކީ ޑީއާރުޕީގެ ނާއިބު ޒައީމްކަމަށް ވުމުން ނުފޫޒުތަކެއް ހުންނާނެކަން ޔަގީންކުރައްވާ ކަމަށެވެ.
"އަޅުގަނޑުމެން ބޭނުންވަނީ މެމްބަރުންގެ އަޑު އައްސަވާ، ރައީސް ބޭނުންފުޅު ގޮތަށް ގާނޫނު އަސާސީ އާއި ގަވާއިދުގެ މާއްދާތައް އަމިއްލަ ފުޅަން ތަރުޖަމާނުކުރައްވާ ބޭފުޅަކު،" އާތިފު ވިދާޅުވި އެވެ.
ގާސިމާ ދެކޮޅަށް މަޖިލީހުގެ ބައެއް މެމްބަރުން ވާހަކަ ދެއްކެވިޔަސް، ގިނަ މެމްބަރުން ގާސިމަށް ތާއިދުކުރެއްވި އެވެ. އެގޮތުން މެމްބަރުން ވިދާޅުވީ ގާސިމަކީ ނުފޫޒުތަކުން އެއްކިބާވެ މަސައްކަތްކުރެވޭނެ، މާލީ އަދި ސިޔާސީ ފުދުންތެރިއެއް ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެމްބަރު އިބްރާހިމް ޝާފިއު ވިދާޅުވީ ގާސިމަކީ މަޖިލީހުގެ ރައީސްކަމަށް ގާބިލް ބޭފުޅެއް ކަމަށާއި ހަވާލުވެވަޑައިގެންނެވި ކޮންމެ ކަމެއް އަމާނާތްތެރިކަމާއެކު ކުރައްވާފައިވާ ބޭފުޅެއް ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެމްބަރު ޑރ. އަހްމަދު ޝަހީދު ވިދާޅުވީ ސިޔާސީ ޕާޓީއެއްގެ ބޭފުޅަކު މަޖިލީހުގެ ރިޔާސަތުގައި ހުންނެވުމަކީ މާ ބޮޑު މައްސަލައެއް ނޫން ކަމަށެވެ. ނަމަވެސް ފާޅުކޮށް އެނގެން ނެތް ގުޅުންތައް އޮންނަ ބޭފުޅަކު މަޖިލީހުގެ ރިޔާސަތަށް ގެންނެވުމަކީ އެއަށްވުރެ ބިރުބޮޑު ކަމެއް ކަމަށެވެ.
"ގާސިމަކީ ނުފޫޒުތަކުން އެއްކިބާވެވޭ ފަދަ ފުދުންތެރިއެއް. ގިނަ ފަހަރު ނުފޫޒު ދަށުގައި ވެވެނީ މާލީ ގޮތުން ފުދުންތެރި ނުވުމުން. ގާސިމަކީ އެހެން މީހެއްގެ ފަރާތަކުން އެފަދަ ކަމަކަށް ބޭނުންފުޅުވާނެ މީހެއް ނޫން،" ޑރ. ޝަހީދު ވިދާޅުވި އެވެ.
މިއަދުގެ ޖަލްސާގައި ވާހަކަ ދެއްކެވުމުގެ ފުރުސަތުގައި 38 މެމްބަރަކު ވާހަކަ ދައްކަވާފައިވާއިރު، ބައެއް މެމްބަރުން ވިދާޅުވީ ގާސިމް އިބްރާހީމް ގާނޫނާއި ގަވާއިދާ ހިލާފަށް އަދި އެހެން ފަރާތެއްގެ ނުފޫޒުގެ ދަށުން މަޖިލީސް ހިންގަވާނަމަ އިތުބާރު ނެތް ކަމަށް ހުށަހަޅުއްވާނެ ކަމަށެވެ.
ގާސިމުގެ ނަމަށް ތާއިދުކުރެއްވި ހއ. މެމްބަރު އަހްމަދު ސަމީރު ވިދާޅުވީ، "ގާސިމް ދިވެހި ރައްޔިތުންނާ ދެކޮޅަށް މަސައްކަތް ކުރައްވައިފި ނަމަ، އަޅުގަނޑު އެ މަނިކުފާނާ ދެކޮޅަށް ނިކުންނާނަން،" ކަމަށެވެ. "އެ މަނިކުފާނުގެ އިހްލާސްތެރިކަމާ މެދު ޝައްކެއް ނުކުރަން."
ގާސިމު ނަމުގެ އިތުރުން މަޖިލީހުގެ ރައީސަކަށް ނަން ހުށަހަޅުއްވައި ތާއިދު ލިބިވަޑައިގެންނެވީ ގއ. މެމްބަރު އަބްދުﷲ ޖާބިރަށެވެ. ޖާބިރުގެ ނަން ހުށަހެޅުއްވީ ތ. މެމްބަރު ރިޔާޒު ރަޝީދެވެ. ތާއިދު ކުރެއްވީ ގާސިމްގެ ނަން ހުށަހެޅުއްވި ލ. މެމްބަރު މުހައްމަދު ނައީމެވެ. މިއަދުގެ ޖަލްސާގެ އެންމެ ފަހު ފަހު ފުރުސަތުގައި ވާހަކަ ދައްކަވަމުން ނައީމް ވިދާޅުވީ އޭނާ ހުށަހެޅުއްވި ގާސިމްގެ ނަން އަނބުރާ ގެންނަވާ ކަމަށެވެ. ނަމަވެސް ނައީމުގެ ކުރިން ވާހަކަ ދެއްކެވި ފުވައްމުލަކު މެމްބަރު މުހައްމަދު އިބްރާހީމް ދީދީ ވަނީ ގާސިމްގެ ނަން އަލުން ރައީސަކަށް ހުށަހަޅުއްވައިފަ އެވެ.
ނައީމް ގާސިމްގެ ނަން އަނބުރާ ގެންދެވުމުން ރިޔާސަތުން ވިދާޅުވީ، ގާސިމު ނަމަށް ގިނަ މެމްބަރުންތަކެއް ތާއިދުކުރައްވާފައި އޮތުމުން އެ ނަން ބާތިލުވެގެން ނުދާނެ ކަމަށާއި އަދި ގާސިމްގެ ނަން އަލުން ޏ. މެމްބަރު މުހައްމަދު އިބްރާހީމް ދީދީ ހުށައަޅުއްވާފައި އޮތުމުން ގާސިމް ނަން ސައްހަ ވާނެ ކަމަށެވެ.
މަޖިލީހުގެ ރައީސްކަމަށް ތާއިދު ލިބިވަޑައިގެންނެވި ޖާބިރުގެ ނަން އޭނާ އަނބުރާ ގެންދެވީ، ރައީސަކު އިންތިހާބު ކުރެއްވުމުގެ ވޯޓު ސިއްރު ވޯޓެއްގެ ގޮތުގައި ނުނަންގަވާތީ ކަމަށް ވިދާޅުވެ އެވެ. އަދި ބުރާސްފަތި ދުވަހުގެ ޖަލްސާގައި މަޖިލީހުގެ ރައީސްކަމަށް ހުށަހެޅުއްވި ހއ. މެމްބަރު އަހްމަދު މުއިއްޒު ވަނީ ރައީސްކަން ބޭނުންފުޅު ނުވާކަމަށް ވިދާޅުވެފަ އެވެ.
މިއަދުގެ ޖަލްސާގައި ރައީސަކު ހޮއްވެވުމުގެ ކަންތައް ވަކި ގޮތަކަށް ނިމެންދެން ޖަލްސާ ކުރިއަށް ގެންދިއުމަށް ނ. މެމްބަރު މުހައްމަދު ތޯރިގު ހުށަހަޅުއްވާ ދ. މެމްބަރު އަހްމަދު ޝިޔާމް މުހައްމަދު ތާއިދު ކުރައްވާ ހުށަހެޅުއްވި ހުށަހެޅުން ފާސްވުމުން މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސަކަށް ގާސިމް އިބްރާހީމް އިންތިހާބުކުރެއްވުމަށް ފަހު ޖަލްސާ ނިމުނީ 35: 2 ގަ އެވެ.
ގާސިމް އިންތިހާބު ކުރެއްވުމަށް ފަހު ރިޔާސަތުން ޝާހީން ވިދާޅުވީ މަޖިލީހުގެ ރައީސަށް އޭނާ އެއްބާރުލުން ދެއްވާނެ ކަމަށެވެ. އަދި މަޖިލީހުގެ ޖަލްސާއެއް ބާއްވާނެ ދުވަހެއް އިއުލާން ކުރައްވާނީ ގާސިމް ރައީސްކަމުގެ ހުވާކުރެއްވުމަށް ފަހުގައި ކަމަށެވެ.
ހާއްސަ މަޖިލީހުގެ ފުރަތަމަ ރައީސަކަށް ވެސް ގާސިމުގެ ނަން ހުށަހަޅުއްވާ ތާއިދު ލިބިވަޑައިގެންނެވި އެވެ. ނަމަވެސް އެ ފަހަރު ގާސިމަށް މާ ބޮޑު ތާއިދެއް ލިބިވަޑައިނުގެންނެވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ