މުޒާހަރާގެ ބައިވެރިން މާލޭގެ އެކި ސަރަހައްދުތަކުގައި!

އިދިކޮޅު ޕްރޮގްރެސިވް-ކޮންގްރެސް ކޯލިޝަނުން "މަގޭ ފްލެޓް ކޮބާ؟"ގެ ނަމުގައި ބާއްވަމުންދާ މުޒާހަރާގެ ބައިވެރިން މާލޭގެ އެކި ސަރަހައްދުތަކުގައި އެބަ ހަރަކާތްތެރިވަމުންދެއެވެ.
އެގޮތުން މުޒާހަރާގެ ބައިވެރިން ޕީޕީއެމް/ޕީއެންސީ އޮފީސް ސަރަހައްދުގެ އިތުރުންވެސް އިތުރު ތަންތަނުގައި ހަރަކާތްތެރިވަމުންދާކަމަށް ވޮއިސްއަށް ވަނީ މައުލޫމާތު ލިބިފައެވެ. މިފަރާތްތައް ހުއްޓުވުމަށް އެސްއޯ ޔުނީފޯމް އަދި ބްލޫސްގައި ތިބި ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.
މި މުޒާހަރާގެ ބައެއް ބައިވެރިން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ޕީޕީއެމްއިން މި މުޒާހަރާ ބާއްވަމުންދަނީ އެކަން ނުކުރުމަށް ފުލުހުންނާ ހޯމް މިނިސްޓްރީން އިލްތިމާސްކޮށްފައިވަނިކޮށެވެ.
ފުލުހުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ކޮވިޑް-19 ފެތުރުން އިހުނަށްވުރެ އިތުރުވެފައިވާ މި ނާޒުކު ދަނޑިވަޅުގައި އެންމެހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން އިސްކޮށް މި ބަލިމަޑުކަމުން އަރައިގަތުމަށް އެކުގައި މަސައްކަތްކުރަންޖެހޭކަމަށް ދެކޭކަމަށެވެ.
އެހެންކަމުން މިފަދަ ޤާނޫނާއި ޤަވާޢިދާ ޚިލާފު އެއްވުންތައް ބޭއްވުމަށް ފުލުހުން ފުރުޞަތު ނުދޭނެކަމަށް ވަނީ ބުނެފައެވެ. އަދި އެޗްޕީއޭގެ އެންގުންތަކާއި ޚިލާފުވެ، އާންމު ރައްޔިތުންގެ ޞިއްޙަތު ނުރައްކަލުގެ ތެރެއަށް ހުށައެޅޭގޮތަށް ޢަމަލުތައް ބަހައްޓާ ފަރާތްތަކާ މެދު ފުލުހުން ޤާނޫނީ ފިޔަވަޅުވެސް އަޅާނެކަމަށް ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ