އުކުޅަހުގައި 4 މެގަވޮޓްގެ ކަރަންޓު އުފެއްދޭ ފެންވަރުގެ އިންޖީނުގެއެއް!

އއ. އުކުޅަހުގައި 4 މެގަވޮޓްގެ ކަރަންޓު އުފެއްދޭނެ އައު އިންޖީނުގޭގެ ބިންގާ ސްޓެލްކޯއިން އަޅައިފިއެވެ.
އުކުޅަހަކީ ލޯކަލް ޓުއަރިޒަމްގެ ދާއިރާގައި އެކި ފަންތީގެ ގެސްޓްހައުސްތައް އިމާރާތް ކުރުމުގެ މަސައްކަތް ކުރެވެމުންދާ ރަށަކަށްވާއިރު، ގެސްޓްހައުސްތަކަށް ބޭނުންވާ ކަރަންޓު ފޯރުކޮށްދިނުމަށާއި، ހިދުމަތް ދިނުމުގައި ގިނަ މައްސަލަތަކެއް ދިމާވަމުންދާކަން ސްޓެލްކޯއިން ފާހަގަކުރެއެވެ.
އުކުޅަހަށް ދިމާވާ ވޯލްޓޭޖް ޑްރޮޕް ހައްލުކުރުމަށް ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތްތަކެއް އެރަށުގައި އެކި ފަހަރުމަތިން ކުރެވެމުންދާ ކަމަށާއި، ފެބްރުއަރީ މަހުގެ ތެރޭގައިވެސް އުކުޅަހަށް އިތުރު 600 ކިލޯވޮޓްގެ ޖަނަރޭޓަރެއް ގެންގޮސްފައިވާކަަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.
ސްޓެލްކޯއިން ބުނީ ކުރިއަށްއޮތް ތަނުގައި އުކުޅަހަށް އަންނާނެ ތަރައްގީއާއި، އަދި އެރަށުގެ ދުރު މުސްތަގުބަލަށް ބަލައި، އުކުޅަހުގައި މިހާރު ފޯރުކޮށްދެމުން ގެންދާ 812 ކިލޯވޮޓްގެ އިންޖީނުގޭގެ ބަދަލުގައި 4 މެގަވޮޓްގެ ކަރަންޓު އުފެއްދޭނެ ފެންވަރުގެ މުޅިން އައު އިންޖީނުގެއެއް އެޅުމަށް އެ ކުންފުނިން ނިންމާފައިވާ ކަމަށެވެ.
މި އިންޖީނުގެ ވެގެންދާނީ ޒަމާނީ އިންޖީނުގެއަކަށް ކަމަށާއި، އިތުރު ސަލާމަތީ ހިދުމަތްތަކާއެކު، ވެންޓިލޭޝަން ރަނގަޅު އަދި އުސްކޮށް އިމާރާތް ކުރެވޭ ޒަމާނީ ފެންވަރު ރަނގަޅުތަނަކަށް ކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.
މީގެ އިތުރުން މި އައު އިންޖީނުގެއަކީ އަޑުމަޑު، ތިމާވެއްޓާއި ރައްޓެހި ތަނަކަށް ވެގެންދާނެ ކަމަށާއި، އިންޖީނުގެއަށް ބޭނުންވާ ކަރަންޓު އުފައްދައިދޭނީ އިންޖީނުގޭގައި ހަރުކުރާ ސޯލާ ޕެނަލްތަކުންކަން ސްޓެލްކޯއިން ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން އޮންލައިން މޮނިޓަރިންގ އާއި، ޓެކްނިކަލް ސަޕޯޓްގެ އިތުރުން، އައު އިންޖީނުގެ ވެގެންދާނީ މުވައްޒަފުންނަށް ރައްކާތެރި މަސައްކަތުގެ މާހައުލަކަށްކަމަށް ވެސް ސްޓެލްކޯއިން ބުނެއެވެ. މި އިންޖީނުގެއާއެކު އުކުޅަހަށް އަންނަމުންދާ ތަރައްގީއަށާއި، އުކުޅަހުގެ ރައްޔިތުންނަށް ފަސޭހަތަކެއް ވެގެންދާނެ ކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ