އިސްލާމީ ތައުލީމް ހިމާޔަތް ކުރުމަށް ކަމަށް ބުނެ ހިނގާލުމެއް މިއަދު ހަވީރު ބާއްވަނީ

އަރަބިއްޔާ ސްކޫލާމެދު ސަރުކާރުން އަމަލް ކުރަމުންދާ ގޮތާމެދު ހިންހަމަނުޖެހިގެން "އިސްލާމީ ތައުލީމް ހިމާޔަތް ކުރުމަށް" ކަމަށް ބުނެ މަދަނީ އިއްތިހާދާއި ސިޔާސީ ޕާޓީތަކުން މިއަދު ހިނގާލުމެއް ބާއްވަން ނިންމައިފި އެވެ.މަދަނީ އިއްތިހާދާއި ސިޔާސީ ހަ ޕާޓީއަކުން ރޭ މަޝްވަރާ ކުރުމަށްފަހު، މިއަދު މާލޭގެ މަގުތަކުގައި "އިސްލާމީ ތައުލީމް ހިމާޔަތް ކުރުމަށް" ގޮވާލާ ހިގާލުމެއް ބާއްވަން ނިންމުމާ ގުޅިގެން މަދަނީ އިއްތިހާދުގެ މީޑިއާ އޮފިޝަލް އިބްރާހިމް މުހައްމަދު ރޭ ވިދާޅުވީ މިއަދު ހަވީރު ހަތަރެއް ޖަހާއިރު ސޯޝަލް ސެންޓަރު ސަރަހައްދުން ފަށާ ހިގާލުން ނިމޭނީ އާޓްފިޝަލް ބީޗަށް ކަމަށެވެ. އަދި އެ ހިނގާލުމުގައި މަދަނީ އިއްތިހާދުގެ 126 ޖަމިއްޔާގެ އިތުރުން އިދިކޮޅު ޕާޓީތަކާއި އަރަބިއްޔާގެ ބެލެނެވެރިންނާއި އެ ބެލެނިވެރިންނަށް ތާއީދު ކުރާފަރާތްތަކުން ވެސް ބައިވެރިވާނެ ކަމަށް އިބްރާހިމް ވިދާޅުވި އެވެ.ބަނގުރަލާ ދެކޮޅަށް ދިވެހިން ނުކުތް މުޒާހަރާއާއި ޒަޔަނިސްޓުންނާ ދެކޮޅަށް އަޑު އުފުލި މުޒާހަރާ އިންތިޒާމް ކުރުމުގައި ވެސް ހަރަކާތެރިވި އިބްރާހިމް ވިދާޅުވީ މިއަދު ހިގާލުމެއް ބޭއްވި ނަމަވެސް އިސްލާމީ ތައުލީމް ހިމާޔަތް ކުރުމަށް އެއްވުންތަކާއި މުޒާހަރާތައް ބާއްވާނެ ކަމަށެވެ. އަދި މިއަދު ބާއްވާ ހިގާލުން މުޒާހަރާއަކަށް ބަދަލުވުން އެކަށީގެންވާ ކަމަށާއި އިއްޔެ ރައީސް އޮފީސް ދޮށުގައި އަރަބިއްޔާގެ ބެލެނެރިންނާމެދު ފުލުހުން އަމަލް ކުރި ގޮތުން މުޒާހަރާއަކަށް ބަދަލުވުން ދުރުނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ