މުވައްޒިފުންނަށް ދަތިވުމާއި ދަރިވަރުންގެ ކިޔެވުން ހުއްޓާލަންޖެހުމަކީ ކެތްކުރެވޭ ވަރުގެ ކަމެއް ނޫން: ގާސިމް

ވިލާ ކުންފުނީގެ މުވައްޒިފުންނަށް ދަތިތައް ކުރިމަތިވެ އަދި ވިލާ ފައުންޑޭޝަންގެ ޚަރަދުގައި ކިޔަވަމުންދާ ދަރިވަރުންގެ ކިޔެވުން ހުއްޓައިލަންޖެހުމަކީ ކެތް ކުރެވޭ ވަރުގެ ކަމެއް ނޫން ކަމަށް ވިލާ ގްރޫޕުގެ ޗެއަރމަން ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ޤާސިމް އިބްރާހީމް މިމޭރުމުން ވިދާޅުވީ ވިލާ ޝިޕިންގ އިން ސަރުކާރަށް ދައްކަން ނުޖެހޭ ފައިސާއެއް ދެއްކުމަށް އެކުންފުނިން އެއްބަސްވި ސަބަބު ދުވަހު ނޫސް "މިއަދު" ނޫހަށް ހާމަކުރައްވަމުންނެވެ.
ޤާސިމް އިބްެރާހީމް ވިދާޅުވީ އިންސްޓޯލް މަންޓަށް ބަހާލައިގެން ފައިސާ ދެއްކުމަށް ސަރުކާރުގައި އެދިވަޑައިގަތީ ކުންފުނިގައި މަސައްކަތްކުރާ 5000 މުވައްޒިފުންގެ ހައްގުގައާއި ވިލާ ފައުންޑޭޝަނުން އެހީލިބިގެން ކިޔަވަމުންދާ 300 ވަރަކަށް ދަރިވަރުންގެ ހައްޤުގައި މިވަގުތު އެނޫން ގޮތެއް ފެނިވަޑައިގަންނަވަން ނެތުމުން ކަމަށެވެ.
ޤާސިމް އިބްރާހީމް ވިދާޅުވީ ދެ މަސް ދުވަހުގެ ސަރވިސް ޗާރޖާއި މުސާރަ އާއި ރަމަޟާންމަހުގެ އިނާޔަތް ވެސް ނުދެވުމުން މުވައްޒިފުންނަށް ދަތިތަކާއިކުރިމަތިލާން ޖެހިފައިވާއިރު ދަރިވަރުންނަށް ޚަރަދު ނުކުރެވިގެން ކިޔެވުން ހުއްޓާލަން ޖެހުމަކީ އެމަނިކުފާނަށް ކެތްކުރެވޭ ވަރުގެ ކަމަކަށް ނުވާ ކަމަށެވެ.
ޤާސިމް އިބްރާހީމް ވިދާޅުވީ ޝަރީއަތުގައި ހުރި މައްސަލަތައް އަދުލުވެރިކަމާއިއެކު ނިމޭނެ ކަމަށް ޔަޤީން ކުރައްވަވާ ކަމަށާއި އަދި މައްސަލަތައް ނިމުމުން ވިލާ ގްރޫޕުން ސަރުކާރަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއް ނެތްކަން ހާމަވެގެންދާނެ ކަމަށެވެ.
ވިލާ ގުރޫޕުންވެސް ވަނީ ދައުލަތުން ތ. އެލާއާއި ގުޅިގެން ވިލާ ގްރޫޕުގެ މައި ކުންފުނި ވިލާ ޝިޕިންގް އެންޑް ޓްރޭޑިންގް ކޮމްޕެނީއަށް ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ދެއްކުމަށް އަންގާފައިވާ ފައިސާ ދެއްކުމަށް އެއްބަސްވީ އެ ކުންފުނީގެ އޮޕަރޭޝަންސްތައް ހުއްޓާ ނުލާ ކުރިޔަށް ގެންދިއުމަށް ކުންފުންޏަށް އިތުރު އެހެން ގޮތެއް ނެތިގެން މަޖުބޫރުވެގެން ކަމަށް ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ