2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ ރަނިން މޭޓެއްގެ ގޮތުގައި ރައީސް މައުމޫންގެ ދޮށީ ދަރިކަނލުން ފާރިޝް މައުމޫން ހަމަޖެއްސެވުމަށް ނިންމަވައިފިއެވެ.
އުމަރު ނަސީރުގެ ވަރަށް އަރިސް ބޭފުޅަކު މިރޭ ވީނިއުސްއަށް ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ވާންޖެހޭ ތައްޔާރީތައް އުމަރު ފައްޓަވާފައިވާކަމަށާ އުމަރުގެ ރަނިން މޭޓެއްގެ ގޮތުގައި ފާރިޝް މައުމޫން ހަމަޖައްސާފައިވާކަމަށެވެ.
އަދި މިއީ ރައީސް މައުމޫން އެދިވަޑައިގެން ނިންމަވާފައިވާ ނިންމުމެއްކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
މިކަމާއި ގުޅޭގޮތުން ސުވާލް ދެންނެވުން އުމަރު އެއްވެސް އެއްޗެއް ވިދާޅުވެފައިނުވިނަމަވެސް އުމަރު މިކަން ދޮގުކުރައްވާފައެއް ނުވެއެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ޝައުގުވެރިކަން ފާޅުކުރައްވާ މިއަދު ވީނިއުސްއަށް ދެންނެވި އިންޓަވިއުއްގައި އުމަރު ވިދާޅުވީ ގައުމުގެ ހާލަތު މިހާރު އޮތްގޮތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމަވާފައިވާ ކަމަށާއި ގައުމުގެ އިސްފަރާތްތަކުގެ ތާއީދު އޭނާއަށް ލިބޭނެ ކަމަށެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް ދެއްވާފައެއް ނުވެއެވެ.
މީގެ އިތުރަށް އަދި ޕީޕީއެމް ތެރެއިން އެ ފުރުސަތު ނުލިބިއްޖެ ނަމަ އަމިއްލަ ގޮތުންވެސް ވާދަކުރައްވާނެ ކަމަށް އުމަރު ނަސީރު ވިދާޅުވިއެވެ. އުމަރު ވިދާޅުވީ 2018 ވަނަ އަހަރުގެ އިންތިހާބުގައި އެމަނިކުފާނު ގެންގުޅުއްވާނެ ސްލޯގަން އަކީ "އަމާނަތްތެރިކަން " ކަމަށެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ޕީޕީއެމްގެ ޓިކެޓް ހޯދުމަށް އެދި އެކަމުގެ ޝައުގުވެރިކަން ރަސްމީކޮށް މިރޭ އުމަރު ވަނީ ޕީޕީއެމްގެ ރައީސް މައުމޫނަށް އަންގާފައެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ ރަނިން މޭޓެއްގެ ގޮތުގައި ރައީސް މައުމޫންގެ ދޮށީ ދަރިކަނލުން ފާރިޝް މައުމޫން ހަމަޖެއްސެވުމަށް ނިންމާވާފައިވާއިރު، ޕީޕީއެމްގެ ތެރޭގައި ވަނީ ބޮޑު ކޯޅުންގަނޑެއް އުފެދި ޕާޓީ ދެބައިވެފައެވެ.
ރައީސް މައުމޫނާއި ފާރިޝް މައުމޫނަށް ޕީޖީ ގުރޫޕާއި ޕާޓީގެ ބައެއް އިސް ބޭފުޅުން ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދަވާއިރު، ފާރިޝް މައުމޫނާއިމެދު ފިޔަވަޅު އަޅަންޖެހޭނެކަމަށާ އޭނާ ޕާޓީން ވަކިކުރަންޖެހޭކަމަށްވެސް ޕީޖީ ގުރޫޕުން ރަސްމީކޮށް ވަނީ ބުނެފައެވެ. އެއީ ޓޫރިޒަމަށް ދޫކުރާ ރަށްރަށާއި ބިން އަދި ފަޅުތައް އިއުލާނު ކުރުމަކާ ނުލާ ކުއްޔަށް ދޫކުރެވޭ ގޮތަށާއި، ގެސްޓް ހައުސްތަކަށް އަންނަ ފަތުރުވެރިންގެ އަތުން ގްރީން ޓެކްސްގެ ގޮތުގައި ދުވާލަކަށް ތިން ޑޮލަރު ނެގުމަށް ސަރުކާރުން ހުށައަޅާފައިވާ އިސްލާހަށް ވޯޓް ދިނުމަށް ޕީޖީ ގުރޫޕުން ތްރީލައިން ވިޕެއް ނެރެފައިވަނިކޮށް އެއާއި ހިލާފަށް ފާރިޝް އަމަލްކުރުމުގެ ސަބަބުންނެވެ.
ފާރިޝް އެގޮތަށް އަމަލްކުރައްވާފައިވަނީ ރައީސް މައުމޫން އެގޮތަށް އަމަލްކުުރުމަށް އެދިވަޑައިގަތުމުންނެވެ.
ޕީޕީއެމްގެ ތެރޭގައި އުފެދިފައިވާ މައްސަލަތައް ހައްލުކުރުމަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާއިރު، މައުމޫންގެ ދަރިކަލުން ފާރިޝް މައުމޫނާއިމެދު ފިޔަވަޅު ނާޅުއްވައިފިނަމަ މައްސަލަ އިތުުރަށް ގޯސްވާނެކަމަށް ވަނީ ބެލެވިފައެވެ.
ޕީޕީއެމްގެ ޕީޖީ ގުރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކް ވަނީ ދަރިއަކަށް ބަފައަކަށް ބެއްލެވުމެއްނެތި ކޮންމެ މީހަކާއިމެދުވެސް ހަމަހަމަކޮށް އަމަލްކުރަންޖެހޭނެކަމަށާ އެގޮތަށް ރައީސް މައުމޫން އަމަލްކުރައްވާނެކަމަށް އުންމީދުކުރައްވާކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރަށް ޕީޖީ ގުރޫޕްގެ ގިނަ މެންބަރުން ވަނީ އުމަރު ނަސީރަށްވެސް ވަރަށް ބޮޑަށް މިއަދު ފާޑުވިދާޅުވެފައެވެ. އެގޮތުން ރައީސް މައުމޫނަށް ލަފާއެރުވުމަށް އެކުަލަވާލި ކޮމެޓީގައި އުމަރު ހިމެނުމުން އެކަމަށް ޕީޖީ މެންބަރުން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ނަމަވެސް އުމަރު ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަމަށް ވިދާޅުވުމުން އޭނާ ވަނީ އެ ކޮމެޓީން މިރޭ ވަކިކޮށްފައެވެ. މި ނިންމުމަކީ ރައީސް މައުމޫނާއި އުމަރު މަޝްވަރާކުރެއްވުމަށްފަހު ނިންމެވި ނިންމުމެއްކަމަށް އުމަރު ވަނީ ވިދާޅުވެފައެވެ.
އުމަރު ކޮމެޓީން ވަކިކުރެއްވި ނަމަވެސް ޕީޖީ ގުރޫޕުން ވަނީ މަޝްވަރާ ހޯއްދެވުމަށް ރައީސް މައުމޫން ކޮމެޓީއެއް އެކުލަވާލެއްވީ އުސޫލްތަކުން ބޭރުންކަމަށް ވިދާޅުވެ އެ ކޮމެޓީ ބަލައިނުގަންނަކަމަށް ބުނެފައެވެ.
އެހެންކަމުން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓް ލިބިވަޑައިގަންނަވާނެ ބޭފުޅަކާއި، އުމަރު އިންތިހާބުގައި ވާދަކުރައްވާއިރު، ރައީސް މައުމޫންގެ ތާއީދު އޭނާއަށް ލިބިވަޑައިގަންނަވާނެކަމެއް އަދި ޔަގީނުން ބުނަން ނޭންގުނު ނަމަވެސް ގިނަ ބަދަލްތަކެއް ސިޔާސީ މަސްރަހަށް އަންނާނެކަމަށް މިވަނީ ބެލެވިފައެވެ.
އުމަރު ނަސީރުގެ ރަނިންމޭޓަކަށް ފާރިޝް މައުމޫން؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ