އާޖެންޓީނާގެ އަދި ބާސެލޯނާގެ މަޝްހޫރު ފުޓްބޯޅަ ތަރި ލިއޮނަލް މެސީ ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި އެވެ.
މެސީ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާންކުރީ ރޭ ނިމިގެން ދިޔަ ކޮޕަ އެމެެރިކާގެ ފައިނަލްގައި ޗިލީއާއި އާޖެންޓީނާ ބައްދަލުކުރި މެޗަށް ފަހު އެވެ.
"އަހަރެން ގައުމީ ޓީމަށް ކުޅުން މި ނިމުނީ. އަހަރެންނަށް ކޮށްދެވޭނެ މަސައްކަތް [ގައުމީ ޓީމަށް] ކޮށްދީފިން. ޗެމްޕިއަންކަން ނުލިބުމުކީ ލިބުނު ބޮޑު ހިތްދަތިކަމެއް،" ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާންކުރަމުން މެސީ ބުނެފައިވެ އެވެ.
ޕެނަލްޓީ ޖަހައިގެން މި 4-2 އިން ޗިލީ މޮޅުވި މެޗްގައި މެސީ ޖެހި ޕެނަލްޓީ ވެސް ވަނީ ކާމިޔާބު ކުރެވޭ ގޮތް ނުވެފަ އެވެ. މިއީ ކޮޕަ އެމެރިކާގެ ފައިނަލްގައި ޖެހިޖެހިގެން ދެ އަހަރު ވާދަކޮށް އާޖެންޓީނާ ބަލިވި ދެވަނަ އަހަރެވެ.
އުމުރުން 29 އަހަރުގެ މެސީ އާޖެންޓީނާގެ ގައުމީ ޓީމަށް ކުޅެން ފެށީ 2005 ވަނަ އަަހަރު އެވެ. އޭނާ މިހާތަނަށް ގައުމީ ޓީމަށް 112 މެޗް ކުޅެދީފައިވާއިރު 55 ގޯލު ޖަހައިދީފައިވެ އެވެ.
އާޖެންޓީނާގެ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާގެ ރެކޯޑް ވެސް މިހާރު އޮތީ މެސީގެ އަތުގަ އެވެ.
މެސީއަކީ ހުނަރުން ފުރިގެންވާ ކުޅުންތެރިޔަކަށް ވީނަމަވެސް އާޖެންޓީނާގެ ގައުމީ ޓީމަށް އޭނާއަށް ބޮޑު ކާމިޔާބެއް ހޯދައިދެވިފައެއް ނުވެ އެވެ. މެސީ އާޖެންޓީނާގެ ގައުމީ ޓީމަށް ކުޅެން ފެށި ފަހުން އެޓީމަށް ރަން މެޑަލްއެއް ލިބިފައިވާ ހަމައެކަނި މުބާރާތަކީ 2008 ވަނަ އަހަރު ޗައިނާގައި ބޭއްވުނު އޮލިމްޕިކްސް މުބާރާތެވެ. ނަމަވެސް މެސީގެ މޮޅު ކުޅުމާއި އެކު ބައެއް މުބާރާތްތަކުގެ ފައިނަލްގައި އާޖެންޓީނާ ކުޅެފައިވެ އެވެ. އެގޮތުން 2014 ވަނަ އަހަރުގެ ވޯލްޑްކަޕްގައި ޖަރުމަން އަތުން ބަލިވުމާއި، ކޮޕަ އެމެރިކާގެ ފައިނަލްގައި 2007، 2015 އަދި މިއަހަރުވެސް ކުޅެފައިވެ އެވެ. ނަމަވެސް މި ތިން އަހަރުވެސް ކުރިމަތިވީ ނާކާމިޔާބެވެ.
ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު އެންމެ ގިނައިން ހޯދާފައިވާ ކުޅުންތެރިއަކީ ވެސް މެސީ އެވެ. އެގޮތުން މެސީ ވަނީ ފަސް ފަހަރު މި އެވޯޑް ކާމިޔާބު ކޮށްފަ އެވެ.
މެސީ ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ