ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު ޕީޕީއެމަށް ސޮއިކުރައްވައިފި

ރައްޔިތުން މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ރަޝީދު ޕީޕީއެމަށް ސޮއިކުރައްވައިފިއެވެ. 
ރައީސް ޔާމީންގެ ކެމްޕެއިން އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އަހުމަދު ރަޝީދުގެ އިތުރުން ދުއިސައްތަ ފަންސާސް މީހުން ޕީޕީއެމްއާއި އަލަށް ގުޅިފައިވޭ. އޭގެތެރޭގައި އެމްޑީޕީގެ ބައެއް މެމްބަރުންވެސް ހިމެނެއެވެ. 
މި ފޯމްތަކާއި ހަވާލުވެވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަބަލުން  ފާތިމަތު އިބްރާހީމެވެ. 
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެންވަޔަރަމެންޓް މިނިސްޓަރ ތާރިޤް އިބްރާހިމް ވިދާޅުވީ ރާއްޖެ ތަރައްޤީކުރެއްވުމަށް ސަރުކާރުން ކުރައްވާ މަސައްކަތަށް ރައްޔިތުން ކުރައްވާ ތާއީދު ޕީޕީއެމަށް ގުޅޭ މެމްބަރުންގެ އަދަދުން ޔަގީންވެގެންދާކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކަށް އޮތީ ދެގޮތްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. 
ޕީޕީއެމަށް ސޮއިކުރުމަށް ފަހު އަހުމަދު ރަޝީދު ވިދާޅުވީ ޕީޕީއެމާއި ގުޅިވަޑައިގަތީ ރާއްޖެ އަލުން އަނބުރާ ހޯދުމަށް ކުރާ މަސައްކަތުގައި ބައިވެރިވެޑައިގަތުމަށްކަމަށެވެ. އަދި އެކަމުގައި ހުރިހާ ރައްޔިތުން ބައިވެރިވުމަކީ އަންނަން އޮތް ޖީލުތަކަށްޓަކައި ވެވޭ ޤުރުބާނީއެއްކަމަށެވެ. 
ޕީޕީއެމަށް މެމްބަރުން އިތުރުކުރުމަށް ކުރާ  މަސައްކަތުގެ ދަށުން އެޕާޓީއަށް ގިނަ އަދަދެއްގެ މީހުން ދަނީ ގުޅެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ