ކޮކެއިންއަށް ޕޮޒިޓިވްވުމާއި ވިދިގެން ފީފާއިން ސަސްޕެންޑް ކޮށްފައިވާ ޕެރޫގެ ގައުމީ ޓީމުގެ ކެޕްޓަން ޕައޮލޯ ގުރެއިރޯގެ ސަސްޕެންޝަނަށް އަމަލުކުރުން ވަގުތީގޮތުން މަޑުޖައްސާލުމަށް ސްވިޓްޒަލޭންޑުގެ އެންމެ މަތީ ކޯޓުން އަމުރު ކޮށްފިއެވެ.
ފީފާއިން ގުރެއިރޯ ސަސްޕެންޑް ކޮށްފައިވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިންއަށް ޕޮސިޓިވް ވުމާއި ގުޅިގެންނެވެ. އެ އިދާރާއިން ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން 12 މަސްދުވަހުގެ މުހުލަތަކަށް ފުޓްބޯޅައާ ގުޅުން ހުރި ހުރިހާ ކަމަކުން އޭނާ ސަސްޕެންޑް ކޮށްފައެވެ. އޭނާ ކޮކެއިންއަށް ޕޮސިޓިވްވީ އަންނަ އަހަރު ރަޝިއާގައި އޮންނަ ވޯލްޑް ކަޕަށް ކޮލިފައިވުމަށް މިދިޔަ އޮކްޓޯބަރު މަހުގެ ފަސްވަނަ ދުވަހު އާޖެންޓީނާގެ ބޮއިނިސް އައިރިސްގައި ކުޅުނު ކޮލިފައިން މެޗަށް ފަހު ކުރި ޓެސްޓްތަކެއްގައެވެ.
އޭނާގެ ސަސްޕެންޝަނުގެ މައްސަލަ ފީފާގެ އެޕީލް ކޮމީޓީއަށް ހުށަހެޅުމާއެކު ފީފާއިން ވަނީ އެމައްސަލަ އިތުރަށް ބެލުމަށް ފަހު އޭނާގެ ސަސްޕެންޝަނުގެ މުއްދަތު ހަ މަސްދުވަހަށް ކުޑަ ކޮށްފައެވެ. އެހެން ނަމަވެސް ދުނިޔޭގެ އެންޓި ޑޯޕިން އޭޖެންސީއިން އެ މައްސަލަ ކޯޓް އޮފް އާބިޓްރޭޝަނަށް ހުށަހެޅުމުން އެ ކޯޓުން ވަނީ އޭނާގެ ސަސްޕެންޝަން 14 މަސް ދުވަހަށް އިތުރު ކޮށްފައެވެ.
ގުރެއިރޯގެ ސަސްޕެންޝަން އިތުރުކުރުމާއި ގުޅިގެން އޭނާއަށް ވޯލްޑް ކަޕްގައި ކުޅެވޭނެ މަގުފަހިނުވުމާއި ގުޅިގެން އޭނާގެ މައްސަލަ ވަނީ ސްވިޓްޒަލޭންޑްގެ އެންމެ މަތީ ކޯޓަށް ހުށަހަޅާފައެވެ.
އޭނާގެ މައްސަލައިގައި އެކޯޓުން ނިންމާފައިވަނީ ވަގުތީ ގޮތުން އޭނާގެ ސަސްޕެންޝަނަށް އަމަލު ނުކުރުމަށާއި ވޯލްޑް ކަޕްގައި އޭނާއަށް ކުޅެވޭނެ ކަމަށެވެ.
އޭނާގެ ކޮޅަށް މައްސަލަ ނިންމުމާއި ގުޅިގެން ގުރެއިރޯ ބުނީ މިއީ އިންސާފަށް ނިންމި ނިންމުމެއް ކަމަށާއި ސްވިޓްޒަލޭންޑުގެ ސުޕްރީމް ކޯޓަށް ޝުކުރު އަދާކުރަން ބޭނުންވާ ކަމަށެވެ. އޭނާ ބުނީ ވީހާ ވެސް އަވަހަށް ޓީމާއި ގުޅޭނެ ކަމަށާއި ގައުމަށް ރީތި ނަމެއް ހޯދުމަށް މަސައްކަތްކުރާނެ ކަމަށެވެ. އޭނާ ބުނީ ޕެރޫގެ ރައްޔިތުން އެއްބަޔެއްގެ ގޮތުގައި މަސައްކަތްކޮށްފިނަމަ ކޮންމެ ކަމެއް ވެސް ވާނެކަން ހާމަވެގެން ގޮސްފި ކަމަށެވެ. ޕެރޫގެ ރައީސް ވެސް ވަނީ މިކަމާއި ގުޅިގެން އުފާ ފާޅުކުރައްވައި ހާއްސަ މެސެޖެއް ފޮނުއްވާފައެވެ.
ވޯލްޑް ކަޕަށް އެންމެފަހުން ކޮލިފައިވި ޓީމަކީ ޕެރޫ ކަމަށްވާއިރު އެ ޓީމު ހިމެނިފައިވަނީ އޮސްޓްރޭލިއާ އަދި ޑެންމާކްގެ އިތުރުން ފްރާންސްއާއެކު ގްރޫޕް ސީ ގައެވެ. މި ޓީމުތަކުގެ ކެޕްޓަނުން ވަނީ ގުރޭރޯގެ ސަސްޕެންޝަން އެއްކޮށް އުވާލުމަށް އެދި ފީފާއަށް ސިޓީ ވެސް ފޮނުވާފައެވެ. މިއަހަރުގެ ވޯލްޑް ކަޕް ވެގެންދާނީ 1958 ވަނަ އަހަރުގެ ފަހުން ޕެރޫ ވޯލްޑް ކަޕުގައި ވާދަކުރާނެ ފުރަތަމަ ފަހަރަށެވެ.
ގުރެއިރޯއަށް ވޯލްޑް ކަޕްގައި ކުޅެވޭނެ މަގުފަހިވެފައިވާއިރު އޭނާއަކީ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާއެވެ. އުމުރުން 33 އަހަރުގެ ގުރެއިރޯއަކީ ފީފާއިން ހޮވާ ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާއަށް ނޮމިނޭޓްވި ޕެރޫއަށް ނިސްބަތްވާ ހަމައެކަނި ކުޅުންތެރިޔާއެވެ. އޭނާ މިހާރު ކުޅެމުން އަންނަނީ ބްރެޒިލްގެ ފްލެމިންގޯއަށެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ސްވިޓްޒަލޭންޑުގެ ސުޕްރީމް ކޯޓުގެ އަމުރަކާއެކު، ޕެރޫގެ ކެޕްޓަން ވޯލްޑް ކަޕަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ