"ހުޅުޖެހުމާ ދެކޮޅަށް" 23 ޑިސެމްބަރުގެ އިއްތިހާދު ނުކުންނަނީ

މިދިޔަ ބުދަ ދުވަހު އެމްޑީޕީ އިން ކުރި މުޒާހަރާ އަށް ފަހު އަތޮޅުތަކުގެ ޕޮލިސް ސްޓޭޝަންތަކާއި ކޯޓުތަކުގައި ބަޔަކު ހުޅު ޖެހި މައްސަލައާ ދެކޮޅަށް، ޑިސެމްބަރު23،ގެ އިއްތިހާދާއި މިހާރު ސަރުކާރުގައި ތިބި ޕާޓީތަކުން މާދަމާ ރޭ ސުނާމީ ބިނާ ސަރަހައްދުގައި މުޒާހަރާއެއް ބޭއްވުމަށް އެ އިއްތިހާދުން މިއަދު ނިންމައިފި އެވެ.
އެއިއްތިހާދުން މިއަދު ހަވީރު ވީޓީވީގެ ސްޓޫޑިއޯގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިއްތިހާދުގައި ހިމެނޭ އަދާލަތު ޕާޓީގެ ރައީސް ޝައިހު އިމްރާން އަބުދުﷲ ވިދާޅުވީ ދިވެހި ރައްޔިތުން ތިބީ ހުޅުޖެހުމާ ދެކޮޅަށްކަން ހާމަކުރުމުގެ ގޮތުން ވަރަށް ތަފާތު ހަރަކާތްތައް މާދަމާ ރެއިންފެށިގެން ކުރިއަށް ދާނެ ކަމަށެވެ.
"ރާއްޖޭގެ ރައްޔިތުން ތިބީ ހުޅުޖެހުމާ ދެކޮޅަށް ކަން މާދަމާ ރެއިން ފެށިގެން ﷲ އިރާދަކުރެއްވިއްޔާ 23 ޑިސެމްބަރު އިއްތިހާދުގެ ފަރާތުން ވަރަށް ތަފާތު ހަރަކާތްތަށް ފެނިގެންދާނެ. މިކަމުގައި ދިވެހި ރައްޔިތުން ތިބީ އިއްތިހާދާއި އެކުކަން ވަރަށް ރަނގަޅަށް ސާބިތުވެގެންދާނެ،" އިމްރާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ވޭތުވެ ދިޔަ މަހުގެ 16 ވަނަ ދުވަހުން ފެށިގެން މިމަހުގެ ހަތް ވަނަ ދުވަހާ ހަމައަށް 23 ޑިސެމްބަރުގެ އިއްތިދާއި ސިޔާސީ ޕާޓީތައް ގުޅިގެން ހިނގަމުން ދިޔަ ހަރަކާތްތަކުގައި ހުރިހާ ބައިވެރިން ވަރަށް ރަނގަޅު މިސާލުތަކެއް ދައްކާފައިވާ ކަމަށާއި އަދި އެކަންކަން ދިވެހިން ބަލައި ގަނެފައިވާ ކަމަށް ވެސް އިމްރާން ވިދާޅު ވިއެވެ.
"ސޯޅަ ޖެނުއަރީން ފެށިގެން މިމަހުގެ ހަތް ވަނަ ދުވަހާ ހަމައަށް ވަރަށް ރީތިނަމޫނާތަކެއްގައި މުޒާހަރާތައް ހިނގިކަން މިމަހުގެ އަށް ވަނަ ދުވަހު ހިނގި ހަރަކާތުން ވަރަށް ބޮޑަށް ސާބިތުވެގެން ވަނީ ގޮސްފައި،" އިމްރާން ވިދާޅުވި އެވެ.
އިމްރާން ވިދާޅުވީ އެ ބޭފުޅުން އެތައް ދުވަހެއް ވަންދެން ކުރި މުޒާހަރާތަކުގައި އެއްވެސް ހަމަނުޖެހުމަކަށް މަގުފަހިނުކޮށް ތަންތަނަށް ގެއްލުން ނުދީ ކުރިއަށް ގެންދިޔަ ނަމަވެސް އެމްޑީޕީން އެންމެ ދުވަހެއްގައި ހިންގި މުޒާހަރާއެއްގައި ރާއްޖެ އަށް އެތައް މިލިޔަން ރުފިޔާގެ ބޮޑެތި ގެއްލުންތަކެއް ލިބި، ދައުލާތައި އާއްމު ފަރާތްތަކަށް ގެއްލުން ދީފައިވާ ކަމަށެވެ. އެފަދަ ގެއްލުންތައް އެ އިއްތިހާދުގެ ފަރާތުން ކުށްވެރި ކުރާކަމަށާއި އަދި އެފަދަ ކަންކަން ދެ ވަނަ ފަހަރަށް ތަކުރާރުވުމަށް ފުރުސަތުދީގެން ބަލަހައްޓައިގެން ނުތިބޭނެ ކަމަށެވެ.
ތޭވީސް ޑިސެމްބަރުގެ އިއްތިހާދުން ބުނީ 24 ފެބުރުއަރީގައި އެ އިއްތިހާދާއި ސިޔާސީ ޕާޓީތަކުން ބާއްވާ ބޮޑު މުޒާހަރާ އެތާރީހުގައި ބާއްވާނެ ކަމަށެވެ. އަދި އެ މުޒާހަރާއަށް އަތޮޅުތަކުން މީހުންގެނައުމަށް ހަމަޖެހިފައިވާ ކަމަށާއި އެ މުޒާހަރާ އަށް ތައްޔާރުވުމުގެ ގޮތުން މާދަމާ ރެއިން ފެށިގެން އެކިހަރަކާތްތައް ހިނގާނެ ކަމަށެވެ.
އިއްތިހާދުން ބުނީ ގައުމު ސަލާމަތްކުރުމަށް ޓަކައި އެ އިއްތިހާދުން ކުރިއަށް ގެންދާ ހަރަކާތްތައް ދިވެހި ފުލުހުންނަށް ކުރިއާލައި އަންގައި ހުރިހާ ރައްޔިތުންގެ އެއްބާރުލުމާ އެކު ކުރިއަށް ގެންދާނެ ކަމަށެވެ. އަދި ބުނެފައި ވަނީ އެ އިއްތިހާދުން ހިންގާ ހަރަކާތްތައް ފެށުމުގެ ގޮތުން މިރޭ އަލިމަސް ކާނިވަލުގައި ޝައިހު އިލްޔާސް ހުސައިންގެ ވަރަށް ހާއްސަ ދީނީ ދަރުސެއް ވެސް އޮންނާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ